"ހަހާ" ރިއެކްޓު ކުރުމުން ތިމަރަފުށީގައި މާރާމާރީގެ ސިލްސިލާއެއް!

ތ. ތިމަރަފުށި: އެ ރަށުގައި ވަނީ މާރާމާރީގެ ސިލްސިލާއެއް ފެށިފައި

ފޭސްބުކުގައި ކުރި ޕޯސްޓެއްގެ ކޮމެންޓަކަށް "ހާހާ" ރިއޭކްޓު ކުރުމުން ތިމަރަފުށީގެ ދެ ގޭންގެއްގެ ދެމެދުގައި އޮތް މައްސަލައެއް އިތުރަށް ހޫނުވެ ސިލްސިލާ މާރާމާރީތަކެއް ހިންގަން ފަށައިފިއެވެ.

ތިމަރަފުށީގެ ދެ ގޭންގެއްގެ ދެމެދުގައި މައްސަލަ ޖެހުނީ، އެއް ގޭންގަށް ނިސްބަތްވާ މީހެއްގެ ފޭސްބުކު ކޮމެންޓަކަށް އަނެއް ގޭންގަށް ނިސްބަތްވާ މީހަކު ހާހާ ރިއެކްޓު ކުރުމުން އެކަމަކުގެ ސަބަބުން ރުޅިގަދަ ކޮމެންޓުތަކެއް ބަދަލުކޮށް، ދިން އިންޒާރުތަކެއްގެ ސަބަބުން މައްސަލަ ހޫނުވުމުން ކަމަށް އެ ރަށުން މައުލޫމާތު ދިން ޒުވާނަކު ބުންޏެވެ. މި އީދުގެ ތެރޭގައިވެސް ތިމަރަފުށީގައި ދެ މާރާމާރީ ހިނގާފައިވެއެވެ.

މިހާރު ހިނގަމުންދާ މާރާމާރީގެ ސިލްސިލާގެ ތެރެއިން މިރޭވެސް ތިމަރަފުށީގައި ވަނީ މާރާމާރީއެއް ހިނގައިފައެވެ. ފުލުހުން ބުނީ ތިމަރަފުށީގެ ދެ ގޭންގެއްގެ ދެމެދުގައި މާރާމާރީއެއް ހިނގި ކަމުގެ ރިޕޯޓު މިރޭ 21:11 އެހާކަށް ހާއިރު ލިބިފައިވާ ކަމަށެވެ. އަދި އެ ހާދިސާގައި ދެ މީހަކަށް އަނިޔާވި ކަމަށް ފުލުހުން ބުންޏެވެ.

ތިމަރަފުށިން މައުލޫމާތު ދިން އެ ރަށުގެ ޒުވާނަކު ބުނި ގޮތުގައި އެ މާރާމާރީ ހިނގާފައި ވަނީ ތިމަރަފުށީގެ ދެ އަވަށަށް ނިސްބަތްވާ ދެ ގޭންގެއްގެ ދެމެދުގައެވެ. އެގޮތުން، މިރޭ،ދެ މީހަކު ވަޅި ހިފައިގެން ގޮސް އިދިކޮޅު ގޭންގުގެ ދެ މީހަކަށް ހަމަލާދިން ކަމަށް އޭނާ ކިޔައިދިނެވެ.

އޭނާ ކިޔައިދިން ގޮތުގައި އަނިޔާވި ދެ މީހުންގެ ތެރެއިން އެކަކުގެ ބޮލަށް ވަޅިން ހަމަލާދިނުމުގެ ސަބަބުން ޒަހަމްތަކެއް ލިބިފައިވެއެވެ. އަދި އަނެއް މީހާގެ ކަންފަތް މަތީގައި ޖަހާފައިވެއެވެ. އެ ދެ މީހުންނަށް ތިމަރަފުށީ ހެލްތް ސެންޓަރުގައި ވަނީ ފަރުވާ ދީފައެވެ. މީގެ ތެރެއިން އެކަކަށްވެސް ސީރިއަސް އަނިޔާތަކެއް ނުލިބެއެވެ.

މި މައްސަލައާ ގުޅިގެން ހަތަރު މީހުން ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ. އެއީ 20 އަހަރުގެ ދެ މީހުންނާއި 21 އަހަރުގެ މީހަކާއި 23 އަހަރުގެ މީހެކެވެ.

ތިމަރަފުށިން މައުލޫމާތު ލިބޭ ގޮތުގައި މައްސަލަ ޖެހުނު ފަހުން އީދުގެ ތެރޭގައި އެއް ގޭންގަށް ނިސްބަތްވާ ޒުވާނުންތަކެއް ވަނީ މާލެއިން އެ ރަށަށް ގޮސްފައެވެ. އަދި އެ ފަހުން އީދުގެ ތެރޭގައި ދެ މާރާމާރީއެއް ހިނގާފައިވެއެވެ.

ފުުލުހުން ބުނީ އެ ދެ މާރާމާރީއާ ގުޅިގެން ތިން މީހަކު ހައްޔަރު ކުރި ކަމަށެވެ. އެކަމަކު، އެ ތިން މީހުން ބަންދު ނުކޮށް ކޯޓުން ދޫކޮށްލީއެވެ.

comment ކޮމެންޓް