ކާށިދޫ ދާއިރާގެ ގޮނޑިއާމެދު ގޮތެއް ނިންމައި ދިނުމަށް ދައުލަތުން ވެސް ސުޕްރީމް ކޯޓުގައި އެދެފި

ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ ގޮނޑި ހުސްވެއްޖެކަން ނުވަތަ ނޫންކަން ކަނޑައަޅައިދުނުމަށް ރިޔާސީ ކޮމިޝަންގެ ތަރުޖަމާން އަދި ގާނޫނީ ވަކީލު އަބްދުﷲ ހަސީން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގައި ވަކި "ސްޓޭންޑެއް" ނަގަން ބޭނުން ނުވާކަމަށް ދައުލަތުގެ ވަކީލު ވިދާޅުވެއްޖެ އެވެ.

ސުޕްރީމް ކޯޓުގެ ޝަރީއަތުގެ މަޖިލީހަށް ހަސީން މިއަދު ދައުވާ ހުށަހަޅާ ނިމުމުން ދައުލަތުގެ ވަކީލު އަހުމަދު ހުޝާމް ފުރަތަމަ ވިދާޅުވީ ކާށިދޫ ދާއިރާގެ ގޮނޑީގައި މެންބަރަކު ހުއްޓަސް ނެތަސް ދައުވާކުރާ ހަސީންގެ ހައްގަކަށް އެއިން އެއްވެސް އުނިކަމެއް ލިބޭނެ ކަމަށް ދައުލަތް ނުދެކޭ ކަމަށެވެ. އެހެންކަމުން އެ ދައުވާކުރުމުގެ ހައްގު ހަސީނަށް ލިބިގެން ނުވާ ކަމަށެވެ.

ނަމަވެސް އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒު ހުސެއިން ވިދާޅުވީ ހަސީނަށް އެ ދައުވާ ކުރުމުގެ ހައްގު ލިބިގެންވާ ކަމަށެވެ. ހަސީން ދައުވާ ކުރައްވަނީ މަޖިލީހުގެ މެންބަރެއްގެ މައްޗަށް ޖިނާއީ ކުށެއް ސާބިތުވެ ދޮޅު އަހަރަށް އަރުވާލުމަށް ހުކުމްކޮށްފައިވާތީ، އެ މެންބަރުގެ ގޮނޑިއާ މެދު ސުޕްރީމް ކޯޓުން ގޮތެއް ނިންމައި ދިނުމަށް އެދި ކަމަށް ވެސް އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.

އުއްތަމަ ފަނޑިޔާރު އެގޮތަށް އެންގެވުމުން ދައުލަތުގެ ވަކީލު ވިދާޅުވީ އެ މައްސަލައިގައި ދައުލަތުން ވަކި "ސްޓޭންޑެއް"ނަގަން ބޭނުން ނުވާކަމަށާއި މައްސަލައާ މެދު ކޮންމެވެސް ގޮތެއް ކަނޑައަޅުއްވައި ހުކުމެއް ކޮށްދެއްވުމަށް ދައުލަތުން ވެސް އެދޭ ކަމަށެވެ. ކާށިދޫ ދާއިރާގެ ގޮނޑި ހުސްވެފައިވާ ކަމަށް ވެސް ނުވަތަ ނޫން ކަމަށް ވެސް ދައުލަތަކުން މިއަދު ނުބުނެ އެވެ. އޭނާ އަދި ވިދާޅުވީ ގާނޫނު އަސާސީގެ 73 ވަނަ މާއްދާ އާއި 74 ވަނަ މާއްދާ މާނަ ކުރަން ޖެހޭނީ ގާނޫނު އަސާސީގެ 56 ހަވަނަ މާއްދާ އިން ލިބޭ އިސްތިއުނާފު ކުރުމުގެ އަސާސީ ހައްގު ނިގުޅައި ނުގަނެވޭ ގޮތަށް ކަމަށާއި މިކަމަށް ރިޔާއަތްކޮށް ކޯޓުން ހުކުމެއް ކޮށްދެއްވުމަށެވެ.

ހަސީން ވިދާޅުވީ ގާނޫނު އަސާސީގެ 74 ވަނަ މާއްދާގައިވާ ގޮތުން މައްސަލައާ މެދު ގޮތެއް ކަނޑައަޅަން ޖެހޭ ފަރާތަކީ ސުޕްރީމް ކޯޓު ކަމަށްވާތީ އެ މައްސަލައާ މެދު ކޮންވެސް އެއް ގޮތެއް ސުޕްރީމް ކޯޓުން ކަނޑައަޅައި ހުކުމްކޮށް ދެއްވުމަށް އެދޭ ކަމަށެވެ.

ހަސީން ކުރައްވާފައިވާ ދައުވާއަށް ތަދައްހުލް ވުމަށް ސ. ހިތަދޫ ލާމިގޭ މޫސާ އަންވަރު އެދިފައިވާތީ އޭނާ އަށް މިއަދު ފުރުސަތު ދެއްވުމުން މޫސަ ވިދާޅުވީ ކްރިމިނަލް ކޯޓުން ކުރި ހުކުމަށް ހައިކޯޓުގެ ފަނޑިޔާރުން އިއްތިފާގުވެފައިވާތީ ކާށިދޫ ދާއިރާގެ މެންބަރު އިސްމާއިލް އަބްދުލް ހަމީދުގެ މެންބަރުކަން މިހާރު ގެއްލިފައިވާ ކަމަށެވެ. އަދި ވިދާޅުވީ އިސްމާއީލް އަބްދުލް ހަމީދު މެންބަރުކަމުން ވަކިވެއްޖެ ކަމަށް ކަނޑައަޅައި ސުޕްރީމް ކޯޓުން ހުކުމްކުރެއްވުމަށް އެދޭކަމަށެވެ.

މޫސަ ވިދާޅުވީ އިސްތިއުނާފަށް ހުށަހަޅަނީ ދަށު ކޯޓުން އެއް ފަނޑިޔާރަކު މައްސަލަ ބައްލަވާތީ ގިނަ ފަނޑިޔާރުން ހިމެނޭ ގޮތަށް މައްސަލަ ބައްލަވަން ކަމަށާއި، ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާގުން ދަށުކޯޓުގެ ހުކުމަށް ތާއީދުކޮށްފައި ވާތީ އެ މައްސަލަ ސުޕްރީމްކޯޓަށް ހުށަހެޅިއަސް އެއަށް ބަދަލެއް އަންނާނެ ކަމަށް ނުފެންނަ ކަމަށެވެ.

މިއަދުގެ އަޑުއެހުން ނިންމަވާލައްވަމުން އުއްތަމަ ފަނޑިޔާރު އިތުރުކަމެއް އިއުލާން ކުރައްވާފައެއް ނުވެއެވެ. ހަމައެކަނި ވިދާޅުވީ މިއަދުގެ އަޑުއެހުން ނިންމަވާލެއްވީ ކަމަށެވެ.

މަގާމުގެ ނުފޫޒު ބޭނުންކޮށްގެން މީހަކަށް ނާޖާއިޒު ފައިދާއެއް ހޯދައިދިން ކަމުގެ ކުށް ސާބިތުވެގެން ކާށިދޫ ދައިރާގެ މެންބަރު އިސްމާއިލް އަބްދުލްހަމީދު ދޮޅު އަހަރަށް އަރުވާލުމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް އޭނާ އިސްތިއުނާފް ކުރުމުން ހައިކޯޓުން ވަނީ ދަށު ކޯޓުގެ ހުކުމަށް ތާއީދުކޮށްފަ އެވެ.

އޭނާގެ މައްޗަށް ދަށު ކޯޓުން ހުކުމް ކުރީ މަގާމުގެ ނުފޫޒު ބޭނުން ކުރައްވައިގެން އެހެން މީހަކަށް ނާޖާއީޒު ފައިދާ ހޯއްދަވައިދެއްވި ކަމުގެ ކުށް ސާބިތުވެ ދޮޅު އަހަރަށް އަރުވާލުމަަށެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު