ޔަމަންގެ ހޫޘީން ބަލިކުރަން ހަނގުރާމަކުރާ އަރަބި ކޯލިޝަން ރޫޅެނީ

ސައޫދީ ރަސްގެފާނާއި ޔޫއޭއީގެ ނައިބު ރައީސް އަދި އަބޫދަބީގެ ވަލީއުލްއަހްދު މުހައްމަދު ބިން ސަލްމާން ބައްދަލުކުރައްވަނީ

އަބޫދަބީ (އޮގަސްޓް 13) : ޔޫއޭއީގެ މަދަދުލިބިގެން ޔަމަންގައި ވަކިވެގަތުމަށް މަސައްކަތްކުރާ ޖަމާއަތެއް ކަމަށްވާ "އިންތިގާލީ މަޖިލިސް" ގެ ހަނގުރާމަވެރިން ރައީސް އަބްދު ރައްބު މަންސޫރު ހާދީގެ ސަރުކާރުން ވަގުތީ ވެރިރަށުގެ ގޮތުގައި ކަނޑައަޅާފައިވާ އަދަން ސިޓީއަށް ވެރިވެގަނެ އެރަށުން ހާދީއަށް ވަފާތެރި ސިފައިން ފައްސާލި މައްސަލައަކީ ބޮޑު ކަމެއް ނޫން ކަމަށާއި އަރަބި ކޯލިޝަން ބައިބައި ނުވާކަމަށް ޔޫއޭއީން ބުނެފި އެވެ.

ޔޫއޭއީގެ ބާރުގަދަ މީހާގެ ގޮތުގައި ސިފަކުރެވޭ އެގައުމުގެ ނައިބު ރައީސް އަދި އަބޫދަބީގެ ވަލީއުލްއަހްދު މުހައްމަދު ބިން ޒާޔިދު އާ ހަވާލާދީ އެގައުމުގެ ރަސްމީ ނޫސް އެޖެންސީ ބުނާގޮތުން "އިންތިގާލީ މަޖިލިސް" ގެ ހަނގުރާމަވެރިން ގެ އެއަމަލަކީ ހާދީގެ ވެރިކަން އަލުން އަނބުރައި ޔަމަނަށް ރުޖޫއަ ކުރުމަށްޓަކައި އެކުލަވާލާފައިވާ އަރަބި ކޯލިޝަންގެ ރޫޅިގެން ދިޔުމެއްނޫނެވެ.

ޔަމަންގައި ހަނގުރާމަކުރާ އަރަބި ކޯލިޝަނަކީ ޔަމަންގެ ވެރިކަމުގައި މިހާރުތިބި ހޫޘީން ބަލިކޮށް ޔަމަންގެ ގާނޫނީ ސަރުކާރު ކަމަށްވާ ރައީސް އަބްދު ރައްބު މަންސޫރު ހާދީގެ ސަރުކާރު އަލުން ޔަމަންގެ ވެރިކަމަށް ރުޖޫއަކުރުމުގެ ނަމުގައި 2015 ވަނަ އަހަރު ސައޫދީ އާއި ޔޫއޭއީ ގުޅިގެން އުފައްދާފައިވާ ކޯލިޝަނެކެވެ. އެކޯލިޝަނުން ޔަމަންގައި ކުރާ ހަނގުރާމައަށް ހަތަރު އަހަރުވެފައިވާއިރު ހޫޘީން ބަލިކުރެވި ހާދީ ގެ ވެރިކަން އަލުން އަނބުރައި އިއާދަ ކުރެވިފައިނުވާއިރު ކޯލިޝަނުގެ ތެރެއިން ފެންނަން ފަށާފައިވަނީ ބައިބައިވުމާއި އެއްބައެއްގެ މަސްލަހަތު އަނެއް ބަޔައާ ތަފާތުވާ މައްސަލަތަކެވެ.

ޔަމަންގައި ވަކިވެގަތުމަށް މަސައްކަތްކުރާ "އިންތިގާލީ މަޖިލިސް" ޖަމާއަތުގެ ސިޔާސީ ވެރިޔާ ކަމަށްވާ އީދުރޫސް އައްޒުބައިދީ އަކީ ހާދީގެ ސަރުކާރުގެ ކުރީގެ ވަޒީރެކެވެ. އަދި އެޖަމާއަތުގެ އަސްކަރީ ގޮފީގެ ކޮމާންޑަރު ހާނީ ބިން ބްރޭކް އަކީވެސް ހާދީގެ ސަރުކާރުގެ ކުރީގެ ދައުލަތުގެ ވަޒީރެކެވެ.

އެދެބޭފުޅުން ޔޫއޭއީ އާ ގުޅިގެން ޔަމަންގެ ދެކުނުގައި ވަކިދައުލަތެއް އުފައްދަން މަސައްކަތްކުރާތީ މިދިޔައަހަރު ހާދީ ވަނީ އެދެބޭފުޅުން މަގާމުން ވަކިކުރައްވާފަ އެވެ. މިއާއެކު އެދެބޭފުޅުންވަނީ ޔޫއޭއީގެ އެހީގައި "އިންތިގާލީ މަޖިލިސް" ގެ ނަމުގައި ސިޔާސީ ޖަމާއަތެއް އުފައްދައި އެޖަމާއަތުގެ ދަށުން ހަރަކާތްތެރިވާނެ ހަނގުރާމަވެރި މިލީޝިއާ އެއްވެސް އުފައްދާފަ އެވެ.

ގާތްގަނޑަކަށް 90 ހާސް ހަނގުރާމަވެރިން ހިމެނޭ އެ މިލީޝިއާގައި މުޅިންވެސް ހިމެނެނީ ޔޫއޭއީން މުސާރަދޭ ކުލީސިފައިންނެވެ. މީގެތެރޭގައި ގިނައީ ވަޒީފާ ނުލިބިގެން ގޮތް ހުސްވެފައިވާ ޔަމަންގެ ޒުވާނުންނެވެ. އެ މިލީޝިއާ އަށް ހަތިޔާރު ފޯރުކޮށްދެނީވެސް ޔޫއޭއިން ނެވެ.

"އިންތިގާލީ މަޖިލިސް" ގެ ހަނގުރާމަވެރިން މިދިޔަ ހޮނިހިރުދުވަހު މިވަނީ ރައީސް ހާދީގެ ސަރުކާރުގެ ކޮންޓްރޯލްގެ ދަށުގައިއޮތް އަދަން ސިޓީ އެއްކޮށް ހިފައި އަދަންގައި ހުންނަ ހާދީގެ ސަރުކާރުގެ ރިޔާސީ ގަނޑުވަރު ކަމަށްވާ "މަޢާޝީޤް ގަނޑުވަރު" އާއި ޢަދަންގައި ވާ ޔަމަންގެ ސިފައިންގެ އަސްކަރީ ބޭސްތަކުން ހާދީގެ ސަރުކާރަށް ވަފާތެރި ސިފައިން ފައްސާލާފައެވެ. އަދަން ހިފީ ޔޫއޭއީ އަށް ތާއީދުކުރާ ހަނގުރާމަވެރިން ހާދީއަށް ވަފާތެރި ސިފައިންނާ ދެކޮޅަށް ހަތަރު ދުވަސްވަންދެން ކުރި ހަނގުރާމައަށްފަހުގައެވެ.

އަދަން ހިފުމާއެކު ހާދީގެ ސަރުކާރާއި ޔޫއޭއީ އާ ދެމެދު އިތުބާރު ގެއްލި ދެފަރާތުގެ ގުޅުންތައްވަނީ ކެނޑޭ ހިސާބަށް ގޮސްފައެވެ. މިއާއެކު ހޫޘީން ބަލިކުރުމަށް ހާދީގެ ސަރުކާރާ ގުޅިގެން ސައޫދީ އާއި ޔޫއޭއީ ން އުފެއްދި އަރަބި ކޯލިޝަން ރޫޅި ބައިބައިވެފައިވާ ކަމަށް ވިދާޅުވެ ހާދީގެ ސަރުކާރުގެ ބައެއް މަސްއޫލުވެރިން ވަނީ ބަޔާންތައް ދެއްވާފައެވެ. "އިންތިގާލީ މަޖިލިސް" ގެ ހަނގުރާމަވެރިން އަދަން ސިޓީ ހިފީ ސައޫދީ ސިފައިން އަދަންގައި ތިއްބައި ކަމަށާ އެކަން ހުއްޓުވަން ސައޫދީ ސިފައިން އެއްވެސް މަސައްކަތެއް ކޮށްފައި ނުވާކަމަށް ހާދީގެ ސަރުކާރުގެ ދާޚިލީ ވަޒީރު އަހްމަދުލް މައިސީރީވަނީ ވިދާޅުވެފައެވެ.

"އިންތިގާލީ މަޖިލިސް" ގެ ހަނގުރާމަވެރިން އަދަން އަށް ވެރިވެގަތުމާއެކު އަދަންގައި ތިއްބެވި ހާދީގެ ސަރުކާރުގެ ވަޒީރުންނާއި އިސް މަސްއޫލުވެރިން ސައޫދީ މަތިންދާ ބޯޓެއްގައިވަނީ ސައޫދީ އަށް ގެންގޮސްފައެވެ. މި މައްސަލާގައި ސައޫދީ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒް އިއްޔެވަނީ ސައޫދީގައި ހުންނަވާ ޔަމަންގެ ރައީސް އަބްދު ރައްބު މަންސޫރު ހާދީއާ ބައްދަލުކުރައްވައި މަޝްވަރާ ކުރައްވާފައެވެ. އަދި ސަލްމާން ރަސްގެފާނު ރޭގެ ވަގުތެއްގައިވަނީ ޔޫއޭއީގެ ނައިބު ރައީސް އަދި އަބޫދަބީގެ ވަލިއުލްއަހްދު މުހައްމަދު ބިން ޒާއިދު އާވެސް މައްކާގައި ވަކިން ބައްދަލު ކުރައްވާފައެވެ.

ޔޫއޭއީ އަށް ތާއީދުކުރާ ޔަމަންގެ "އިންތިގާލީ މަޖިލިސް" ގެ ހަނގުރާމަވެރިން އަދަން ސިޓީއަށް ވެރިވެގަނެ އެރަށުން ހާދީއަށް ވަފާތެރި ސިފައިން ފައްސާލި މައްސަލައަކީ ބޮޑު ކަމެއް ނޫންކަމަށް ބުނެ ޔޫއޭއީ ގެ ރަސްމީ ނޫސްއެޖެންސީން ބަޔާނެއް ނެރެފައިވަނީ ސަލްމާން ރަސްގެފާނާއި މުހައްމަދު ބިން ޒާއިދު ބައްދަލުކުރެއްވުމަށްފަހު ބިން ޒާއިދާ ހަވާލާދީއެވެ.

ނަމަވެސް ރައީސް ހާދީގެ ސަރުކާރުގެ ޚާރިޖީ ވުޒާރާއިން އާދީއްތަ ދުވަހުވަނީ ޔޫއޭއީ ގެ ތާއީދު ލިބިފައިވާ ޔަމަންގެ "އިންތިގާލީ މަޖިލިސް" އަކީ ހޫޘީ ޖަމާއަތެކޭ އެއްގޮތަށް ޔަމަންގެ ޝަރުއީ ސަރުކާރު ފޮރޮޅާލައި އެސަރުކާރުގެ މައްޗަށް އިންގިލާބު ގެނަސް ޔަމަންގެ ވެރިކަމަށް އަތްގަދަކުރަން މަސައްކަތްކުރާ ޖަމާއަތެއް ކަމަށް ސިފަކޮށް ބަޔާނެއް ނެރެފައެވެ.

އަރަބި ކޯލިޝަންގެ ނަމުގައި ހާދީގެ ވެރިކަން އަނބުރައި އިއާދަކުރާ ކަމަށްބުނެ ކޯލިޝަނެއް ހަދައިގެން ސައޫދީ އާއި އާއި ޔޫއޭއީ ން މަސައްކަތް ކުރަމުން ގެންދަނީ އެދެގައުމުގެ އަމިއްލަ އަމިއްލަ މަސްލަހަތަށްޓަކަިއ ޔަމަން ބައިބައިކޮށް ޔަމަނަށް ވެރިވެގަތުމުގެ އިސްތިއްމާރީ ބޭނުުމުގައި ކަަމަށް ޔަމަންގެ ގިނަ ބަޔައަކު މިހާރު ދެކެން ފަށާފައިވާ ކަމަށް ޔަމަންގެ މުފައްކިރުންނާއި މުސްތަގުއްލި ފަރާތްތަކުން ބުނެއެވެ.

(ނޫސްއެޖެންސީތައް)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު