ފާފަތައް ގިނަ ވިޔަސް މާޔޫސް ނުވާން ހައްޖު ހުތުބާގައި ގޮވާލައިފި

ހައްޖުވެރިން އަރަފާތު ބިމުގައި

ކިތަންމެ ފާފަތައް ގިނަވި ނަމަވެސް މާޔޫސް ނުވެ ތައުބާވުމަށް ހައްޖު ހުތުބާގައި ގޮވާލައިފި އެވެ.

މިއަދު އަރަފާތު ބިމުގައި އިްވި ހައްޖު ހުތުބާގައި ބުނެފައިވަނީ ފާފަތައް ގިނަވި ނަމަވެސް މާތް ﷲ ތައުބާގެ ދޮރުއްތައް ހުއްޅުއްވައި ދެއްވާފައިވާ ކަމަށް ރަސޫލާ صلى الله عليه وسلم ހަދީޘް ކުރައްވާފައިވާ ކަމަށެވެ. އަދި އެކަލާންގެއީ ގިނަގިނައިން ފާފަ ފުއްސަވާ ދެއްވާ ރަސްކަނަލާންގެ ކަމަށް ހުތުބާގައި ބުނެފައިވެ އެވެ.

"މާތް ﷲ ވަހީ ކުރައްވާފައިވަނީ ތިމަންރަސްކަލާންގެ ރަހުމަތުން މާޔޫސްވެގެން ދާނީ މަގުފުރެދިގެންވާ މީހުންނެވެ. ހަމަ އެފަދައިން ﷲގެ ހަޒުރަތުގައި ދުއާ ކުރުމުން ރަހުމަތް ބާއްވާލައްވާނެ،" ހައްޖު ހުތުބާގައި ބުންޏެވެ.

އަރަފާތު ބިމުގައި އިއްވި އެ ހުތުބާގައި ބުނެފައިވަނީ އަރަފާތު ދުވަހުގައި ހެޔޮކަންތައް ގިނަކޮށް ދުއާކުރުން ގިނަކުރަންޖެހޭ ކަމަށެވެ. އަދި އަމިއްލަ ނަފްސަށާއި އާއިލާ މީހުންނާއި ރަހުމަތްތެރިން އަދި ހައްގު ހުރިހާ މުސްލިމުންނަށް އެމީހުންގެ ކަންކަން ރަނގަޅު ކޮށްދެއްވުމަށް އެދި މާތްﷲގެ ހަަޒުރަތުގައި ދުއާ ދެންނެވުމަށް ހުތުބާގައި ވަނީ ގޮވާލާފައެވެ.

އެކަކު އަނެކަކަށް އޯގާވެރި ވުމަށާއި މާތްކޮށްހިތުމަށް މިއަދުގެ ހައްޖު ހުތުބާގައި ގޮވާލިއެވެ. އެގޮތުން މައިންބަފައިންނާއި ދަރިންގެ މެދުގައާއި، ދެމަފިރިންގެ މެދުގައި އަދި ތިމާގެ މީހުންގެ މެދުގައި އޯގާތެރިވުމަށް ހުތުބާގައި ގޮވާލިއެވެ.

އަދި ތިމާ ކުޑައިރު ބަލައި ބޮޑުކުރެއްވި ގޮތަށް މައިންބަފައިންނަށް ރަހުމަތް ލައްވައި އޯގާތެރިވެވޮޑުގަތުމަށް އެދި ދުއާ ކުރުމަށް ހައްޖު ހުތުބާގައި ގޮވާލިއެވެ. އޯގާތެރިކަމުގެ މުހިންމުކަން ފާހަގަ ކުރަމުން ހައްޖު ހުތުބާގައި ބުނެފައިވަނީ ކުއްތާއަކަށް ފެން ދިނުމުގެ ސަބަބުން މީހަކު ސުވަރުގެ ވައްދަވާފައިވާ ކަމަށެވެ. އަދި މަގުމަތީގައި އޮތް ކުނިކޮޅެއް އެއްލާލުމުގެ ސަބަބުން މީހަކު ސުވަރުގެ ވައްދަވާފައިވާ ކަމަށެވެ.

"އެހެންވީމަ އަޅުގަނޑުމެން ހުރިހާ އެންމެނަށް އޯގާތެރިވާނެ ޖެހޭނެ. އަޅުގަނޑުމެން ހުރިހާ މުއަމަލާތްތަކެއްގައިވެސް އޯގާތެރިވާން ޖެހޭނެ،" ހައްޖު ހުތުބާގައި ބުނެފައިވެ އެވެ.

އަރަފާތު ބިމުގައި ހައްޖު ހުތުބާއަށް ފަހު ހައްޖުވެރިން އިރުއޮއްސުމުން މުޒްދަލިފާއަށް ދަތުރު ފަށާނެއެވެ.

މިއަހަރު 2.4 މިލިއަން މީހުންނަށްވުރެ ގިނަ މީހުން ހައްޖުވީ ކަމަށް ސައުދީއިން ވަނީ ބުނެފައެވެ.

comment ކޮމެންޓް