ސައިކަލެއް ރުކެއްގައި ޖެހި އެކްސިޑެންޓެއް ހިނގައިފި

މިއަދު އައިޖީއެމްއެޗް ކައިރިން ހިނގި އެކްސިޑެންޓް -- ފޮޓޯ: ޕޮލިސް

އައިޖީއެމްއެޗް ކައިރިން ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލެއް ރުކެއްގައި ޖެހި އެކްސިޑެންޓެއް ހިނގައިފި އެވެ.

އެކްސިޑެންޓް ހިނގާފައި ވަނީ މިއަދު 11:45 ހާއިރު، ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލް ކޮންޓްރޯލު ނުވެ ގޮސް، ސައިކަލް ވެއްޓި ކަހާލައިގެން ގޮސް އެ މަގުގައި ހުރި ރުކެއްގައި ޖެހިގެންނެވެ.

އެކްސިޑެންޓު ހިނގި އިރު ސައިކަލުގައި ދެ މީހުން ތިބި ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. ފުލުހުން ބުނީ އެކްސިޑެންޓުގައި އަނިޔާވީ ސައިކަލް ފަހަތުގައި އިން 18 އަހަރުގެ ފިރިހެނަކަށް ކަމަށެވެ.

އޭނާގެ އަތުގެ އިނގިލިތައް މަށައިގެން ދިޔަ ނަމަވެސް، ސީރިއަސް އަނިޔާތަކެއް ލިބިފައެއް ނުވެއެވެ. އޭނާއަށް މިހާރު އައިޖީއެމްއެޗްގައި އަންނަނީ ފަރުވާ ދެމުންނެވެ.

ސައިކަލް ދުއްވަން އިން މީހާއަށް އެއްވެސް އަނިޔާއެއް ނުވާ ކަމަށް ފުލުހުން ބުނެއެވެ. އޭނާ އަކީ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސެންސް އޮންނަ މީހެކެވެ.

comment ކޮމެންޓް