ދެ ގަޑިއިރު ވަންދެން ފުލުހުން އަދީބުގެ އެޕާޓްމަންޓް ބަލައި ފާސްކޮށްފި

އަދީބުގެ އެޕާޓްމަންޓް ގ. ހުމަށީގެ ނުވަވަނަ ފަންގިފިލާގައި ފުލުހުންނާއި އަދީބުގެ ލޯޔަރުން ހަރަކާތްތެރިވަނީ -- ސަން ފޮޓޯ/ މުޒައްޔިން

ރާއްޖެ ދޫކޮށް ފިލައިގެން ދިޔަތަނުން ހައްޔަރުކޮށްފައިވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ދިރިއުޅުއްވަމުން ގެންދަވާ އެޕާޓްމަންޓް މިރޭ ފުލުހުން ބަލައި ފާސްކޮށްފި އެވެ.

ފުލުހުންގެ ފޮރެންސިކް އެކްސްޕާޓުންނާއި އިންވެސްޓިގޭޓަރުން ހިމެނޭ ޓީމަކުން މިރޭ 11:15 އެހާކަންހާއިރު ވަދެ ބަލައި ފާސްކޮށްފައި ވަނީ އަމީނީ މަގުގައި ހުންނަ، ގ. ހުމަށީގެ ނުވަވަނަ ފަންގިފިލާ އާއި އެ އިމާރާތުގެ ޓެރަސް އެވެ. އެއީ އަދީބާއި އަނބިކަނބަލުން މަރިޔަމް ނަޝްވާ ދިރިއުޅުއްވަމުން ގެންދަވާ އެޕާޓްމަންޓެވެ.

ގ. ހުމަށީގައި ހުރި، ސަންގެ ނޫސްވެރިޔާ ބުނީ، ފުލުހުން އަދީބުގެ އެޕާޓްމަންޓް ފާސްކުރީ އޭނާ ފިލިއިރު ރާއްޖެއިން ބޭރުގައި ހުންނެވި އަނބިކަނބަލުން ނަޝްވާގެ ވެސް ހާޒިރުގަ އެވެ. ނަޝްވާ އެނބުރި ރާއްޖެ އައީ މިރޭ ކަމަށްވެ އެވެ. އެޕާޓްމަންޓް ފާސްކުރީ، އަދީބުގެ ލޯޔަރުންގެ ވެސް ހާޒިރުގަ އެވެ.

ޔަގީން ކުރެވިފައިވާ ގޮތުގައި އަދީބުގެ އެޕާޓްމަންޓް ބަލައި ފާސްކުރީ ފުލުހުން އެދިގެން ކްރިމިނަލް ކޯޓުން ނެެރެފައިވާ ކޯޓް އަމުރެއްގެ ދަށުން އެވެ. އެ ކޯޓް އަމުރު ހޯދީ، އަދީބު ފިލައިގެން އިންޑިއާއަށް ދިޔަ މައްސަލައިގަ އެވެ.

ގާތްގަނޑަކަށް އަށް ވަރަކަށް ފުލުހުން އެ އެޕާޓްމަންޓްގައި ހަރަކާތްތެރިވި ކަމަށް "ސަން"ގެ ނޫސްވެރިޔާ ބުންޏެވެ. އޭނާ ބުނީ އެ އޮޕަރޭޝަން ނިންމާލުމަށް ފަހު ފުލުހުން އެގެއިން ނިކުމެގެން ދިޔައީ، މިރޭ އެކެއް ޖަހަން ކައިރިވެފައި ވަނިކޮށެވެ. ނަމަވެސް، އެވެސް އެއްޗެއް އެ އެޕާޓްމަންޓުން ފުލުހުން ގެންދިޔަ ތަން ފެނިފައި ނުވާ ކަމަށް ވެސް އޭނާ ބުންޏެވެ.

މިކަމާ ގުޅިގެން ފުލުހުން އަދި ވަކި އެއްޗެއް ނުބުނެ އެވެ.

އަދީބު ޓަގް ބޯޓެއްގެ ފަޅުވެރިއަކަށް ހެދިގެން ރާއްޖެއިން ފިލައިގެން ދަނިކޮށް އިންޑިއާގެ ޓުޓިކޮރިންގެ ކަނޑުގެ ސަރަހައްދުން އެ ގައުމުގެ ފުލުހުން އޭނާ ހުއްޓުވީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. އަދި އެއަށް ފަހު މިއަދުގެ ވަގުތެއްގައި އަދީބު ވަނީ ދިވެހި ފުލުހުންނާ ހަވާލުކޮށްފަ އެވެ.

އަދީބު ހައްޔަރުކޮށްގެން މިރޭގެ ފަތިހުގެ ވަގުތެއްގައި މާލެ ގެނެވޭނެ ކަމަށް ލަފާކުރެވޭ އިރު، އަދީބު ފިލައިގެން ދިޔަ މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުން އެވެ. އަދީބު ރާއްޖެއިން ފިލައިގެން ދިޔައީ، ފުލުހުންގެ ތަހުގީގަށް މިދިޔަ ބުދަ ދުވަހަށް ފުލުސް އޮފީހަށް ހާޒިރުވާން އޭނާއަށް އަންގާފައިވަނިކޮށެވެ.

comment ކޮމެންޓް