ބެންކޮކްގައި ގޮވުންތަކެއް ގޮވައި، ހަތަރު މީހަކު ޒަހަމްވެއްޖެ

ބޮން ގޮވުމުގެ ސަބަބުން ތައިލެންޑް ފުލުހުން ހަރަކާތްތެރި ވަނީ -- ފޮޓޯ/ އޭފްޕީ

ދިވެހިން ގިނަ އަދަދަކަށް ދަތުރުކުރަމުން އަންނަ ތައިލެންޑްގެ ވެރިރަށް ބެންކޮކްގައި ހަ ބޮން ގޮވައި ހަތަރު މީހަކު ޒަހަމް ވެއްޖެއެވެ.

ބޮންކޮކްގައި ބޮންތަކެއް ގޮވި އިރު، ބޭރުގައުމުތަކުން ބައިވެރިވާ ރީޖަނަލް ސަމިޓެއް ކުރިއަށް އެބަ ދެއެވެ.

މީޑީއާ ރިޕޯޓުތައް ބުނާ ގޮތުން ގޮވާފައިވަނީ ވަރަށް ކުދި ގޮވާ ޒާތުގެ ބޮންތަކެއް ކަމަށެވެ.

ބެންކޮކްގައި ހުންނަ ދިވެހި އެމްބަސީއިން ބުނީ ތައިލެންޑްގެ ސަރުކާރުން ބެންގްކޮކްގައި ސަލާމަތީ ކަންކަން ވަރުގަދަކުރަމުން ދާ ކަމަށެވެ.

އަދި ބެންކޮކްގައި އުޅޭ ދިވެހީންވެސް އިތުރަށް ސަމާލުވެ، އަބަދުވެސް ޕާސްޕޯޓު ހިފައިގެން އުޅުމަށާއި މީހުން އެއްވެ އުޅޭ ހިސާބުތަކަށް ނުދިއުމަށް އެމްބަސީން ވަނީ އިލްތިމާސްކޮށްފައެވެ.

ފޮރިން މިނިސްޓްރީން ބުނީ ބެންކޮކްގެ ހާލަތު ވަރަށް ގާތުން ބަލަމުން ގެންދާ ކަމަށެވެ.

އަލްޖަޒީރާ އިން ރިޕޯޓުކޮށްފައިވާ ގޮތުގައި ފުރަތަމަ ބޮމުގެ ހަމަލާގެ އަޑު އިވުނީ، މިއަދު ހެނދުނު 9:00 އެހާކަށްހާއިރު، ސެންޓްރަލް ބެންކޮކްގެ ދެ ސަރަހައްދަކުން ކަމަށެވެ. ތިންވަނަ ބޮމުގެ ހަމަލާގެ އަޑު އިވުނީ، އޭގެ ކުޑަ ވަގުތުކޮޅެއް ފަހުން، ބެންކޮކްގެ އުތުރުގައި ހުންނަ، ކެބިނެޓު މިނިސްޓަރުން ތިބޭ ސަރުކާރުގެ ބިލްޑިންގް ކޮމްޕްލެކްސްއެއް ކައިރިންނެވެ

ގޮވާފައިވާ ހަ ބޮމެއް ފުލުހުން ހޯދި އިރު، ނުގޮވާ އެއް ބޮން ފުލުހުން ހޯދައި، ޑިފިއުޒްކޮށްފައިވާ ކަމަށް އަލްޖަޒީރާއިން ރިޕޯޓު ކުރެއެވެ.

ތައިލެންޑްގެ އެރަވަން މެޑިކަލް ސެންޓާއާ ހަވާލާދީ އަލްޖަޒީރާއިން ބުނީ، ބޮމުގެ ހަމަލާތަކުގައި ޒަހަމްވި ހަަތަރު މީހުންނަށް ވެސް ސީރިޔަސް އަނިޔާތަކެއް ނުވާ ކަމަށެވެ. ހަތަރު މީހުންނަށް އެ ހޮސްޕިޓަލުގައި ފަރުވާ ދެމުން އެބަދެއެވެ.

ފުލުހުންނާ ހަވާލާދީ އަލްޖަޒީރާއިން ބުނި ގޮތުގައި ފޭކް ބޮންތަކާކާ ގުޅިގެން ދެ މީހަކު މިހާރު ވަނީ ހައްޔަރުކޮށްފައެވެ.

ތައިލެންޑްގެ ބޮޑުވަޒީރު ޕްރަޔުތު ޗަން-އޯ-ޗާ މިހާރު ވަނީ ބޮމުގެ ހަމަލާތައް ތަހުގީގުކުރުމަށް އަމުރުކުރައްވާފައެވެ.

ބެންކޮކްގައި މިހާރު ކުރިއަށް ދަނީ ސައުތުއީސްޓް އޭޝިއަން ނޭޝަންސް (އާސިއަން) ގައުމުތަކުގެ ފޮރިން މިނިސްޓްރީގެ ރީޖަނަލް ސެކިއުރިޓީ ބައްދަލުވުމެއެވެ. މި ބައްދަލުވުންތަކުގައި ޗައިނާއާއި އެމެރިކާއިން ވެސް ބައިވެރިވެއެވެ. ނަމަވެސް ބޮންތައް ގޮއްވާފައިވަނީ އެ ބައްދަލުވުން ބާއްވާ ތަނާ ދުރު ހިސާބުތަކެއްގައެވެ.

comment ކޮމެންޓް