ތައުލީމަކީ ހަމައެކަނި ކްލާސްރޫމް ތެރެއިން ދެވޭ އެއްޗެއް ނޫން: ނައިބު ރައީސް

ރޭގެ ރަސްމިއްޔާތުގައި ނައިބު ރައީސް ވާހަކަ ދައްކަވަނީ

ތައުލީމަކީ ހަމައެކަނި ކްލާސްރޫމް ތެރެއިން ދެވޭ އެއްޗެއް ނޫން ކަމަަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ހދ. ނޮޅިވަރަންފަރު ސްކޫލަށް 50 އަހަރު ފުރުން ފާހަގަކުރުމަށް އެ ސްކޫލުގައި ރޭ ބޭއްވެވި ރަސްމިއްޔާތު ވާހަކަ ދައްކަވަމުން ނައިބު ރައީސް ފައިސަލް ވިދާޅުވީ، ތައުލީމު ހާސިލުކުރުމަށް ކުލާސްރޫމްތަކުގައި ކުރާ މަސައްކަތުގެ އިތުރުން، ދިރިއުޅުމުގެ މައިދާނުގައި ވެސް ކުދިންނަށް އުގަންނައި ދޭން މަސައްކަތްކުރަން ޖެހޭ ކަމަށެވެ.

"ތައުލީމު އުނގަންނައިދިނުމުގެ ހަގީގީ މަގްސަދު ހާސިލުވާނީ ދިރިއުޅުމުގެ މައިދާނަށް ނުކުތުމަށް ކުދިންނަށް އުނގަންނައިދީގެން،" ފައިސަލް ވިދާޅުވިއެވެ.

ފައިސަލް ވިދާޅުވީ، މީހަކަށް ދަސްވެފައި ހުރި އެއްޗެއް އެހެން މީހަކަށް އުނގަންނައިދިނުމަކީ އެމީހަކަށް ކުރެވޭނެ އެންމެ ބޮޑު ހެޔޮ އަމަލު ކަމަށެވެ.

މި ރަސްމިއްޔާތުގައި ނޮޅިވަރަންފަރު ސްކޫލާ ގުޅޭގޮތުން ވާހަކަ ދައްކަވުން ނައިބު ރައީސް ވިދާޅުވީ، އެ ސުކޫލު ފާހަގަކުރެވެނީ ވޭތުވެދިޔަ އަހަރުތަކުގައި ރަން ވަނަތަކެއް ހާސިލުކުރި ދަރިވަރުންތަކެއް އުފެދުނު ސްކޫލެއްގެ ގޮތުގައި ކަމަށެވެ. އެކަމުން ދޭހަކޮށްދެނީ ރަނގަޅު ނަތީޖާ ހާސިލުކުރެވެނީ ވަރަށް ގިނަ ބަޔަކު އެއް އަމާޒަކަށް އެކުގައި މަސައްކަތްކޮށްގެން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެމަނިކުފާނު އިތުރަށް ވިދާޅުވީ، ތައުލީމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހާއްސަ ސަމާލުކަމެއް ދެއްވާ ދާއިރާއެއްކަމަށާއި، މި ސަރުކާރުން ރާއްޖޭގެ ތައުލީމީ ދާއިރާ ފުޅާކޮށް ހަރުދަނާކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރަމުންދާކަން ފާހަގަކުރެއްވިއެވެ.

މި ރަސްމިއްޔާތުގައި ނައިބު ރައީސް ވަނީ ހިދުމަތުގެ ރަން ފިލާ ލިބިވަޑައިގެންނެވި ފަރާތްތަކަށް ފިލާ ހަވާލުކޮށްދެއްވާފައެވެ. އަދި ނޮޅިވަރަންފަރު ސްކޫލުން އަލަށް ތައާރަފް ކުރި އެދުރުކަލޭފާނު ހަނދާނީ ފިލާ ސްކޫލްގެ ފަރާތުން ނައިބު ރައީސަށް އެރުވިއެވެ.

ރޭގެ ރަސްމިއްޔާތުގައި 2020 ވަނަ އަހަރުން ފެށިގެން ނޮޅިވަރަންފަރު ސްކޫލްގައި ބޭނުންކުރުމަށް ހަމަޖެހިފައިވާ ސްކޫލްގެ ރަސްމީ ޔުނީފޯމް އިފްތިތާހުކޮށް، ސްކޫލުގެ އަހަރީ ދުވަހާއި ގުޅުވައިގެން އާ ލަވައެއްވެސް ވަނީ ތައާރަފުކޮށްފައެވެ.

comment ކޮމެންޓް