"ލަޔަން ކިންގް" އަށް ވެސް ބިލިއަން ޑޮލަރުގެ އާމްދަނީއެއް

ލަޔަކް ކިންގްގެ ޕޯސްޓަރެއް---

މިދިޔަ މަހު 19ގައި ރިލީޒްކުރި ޑިޒްނީ ފިލްމު "ލަޔަން ކިންގް" އަށް ވެސް ބިލިއަން ޑޮލަރަށްވުރެ ބޮޑު އާމްދަނީ އެއް ލިބިއްޖެއެވެ.

ފިލްމު އެޅުވިތާ މަހެއް ނުވަނީސް އެ ފިލްމު ވަނީ ގިނަ ރެކޯޑުތަކެއް ހަދާފައެވެ. ފިލްމު އެޅުވިތާ 12 ވަރަކަށް ދުވަސްތެރޭ ފިލްމަށް ވަނީ އެއް ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފައެވެ.

އެ ފިލްމަކީ ޑިޒްނީއިން މި އަހަރުގެ މިހާތަނަށް ގެނެސް ދިން ފިލްމުތަކުގެ ތެރެއިން ބިލިއަން ޑޮލަރު ފަހަނައަޅައި ދިޔަ ހަތަރުވަނަ ފިލްމެވެ.

"ލަޔަން ކިންގް"އަކީ ޑިޒްނީން 1994 ގައި ގެނެސް ދިން އެނިމޭޓެޑް ފިލްމު އަސްލަކަށް ބަލައިގެން ތައްޔާރުކޮށްފައިވާ ފިލްމެކެވެ.

އެ ފިލްމަކީ ޑިޒްނީ ފިލްމެއްގެ އޯޕަނިން ދުވަހު އެންމެ ބޮޑު އާމްދަނީއެއް ލިބުނު ފިލްމެކެވެ. އަދި ދެވަނައަށް އެންމެ ބޮޑު މާކެޓް ޗައިނާގައި އެ ފިލްމަށް ވަނީ 98 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފަ އެވެ. އެއާއެކު އެ ފިލްމު ވެގެން ގޮސްފައި ވަނީ މުޅި ދުނިޔެއިން ދެވަނައަށް އެންމެ މާކެޓް ރަނގަޅު ފިލްމަށެވެ.

ނޯތު އެމެރިކާގައި ފިލްމު އެޅުވި ފުރަތަމަ ދުވަހުވެސް ވަނީ އެ ފިލްމަށް 185 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފައެވެ.

ކްރިޓީކުން ބުނާ ގޮތުގައި "ލަޔަން ކިންގް"އަކީ އެވަޓާއަށްފަހު ނުކުތް އެންމެ ވަރުގަދަ ވިޝުއަލް އެފެކްޓްސް ހިމެނޭ ފިލްމުކަމަށެވެ. ޖޯން ފެވްރޫ ޑައިރެކްޓްކޮށް އުފައްދާފައިވާ އެ ފިލްމަކީ ވޯލްޓް ޑިޒްނީ ޕިކްޗާސްއިން ގެނެސްދޭ ފިލްމެކެވެ.

comment ކޮމެންޓް