ލުތުފީ މައްސަލާގައި އެކަނިވެސް ސަރުކާރު އިސްތިއުފާދޭން ޖެހޭ: ޔާމީން

ކުރީގެ ރައީސް ޔާމީން މިރޭގެ ޖަލްސާގައި ވާހަކަ ދައްކަވަނީ -- ސަން ފޮޓޯ: ފަޔާޒް މޫސާ

ހ. ހާޖަރާގޭ އަބްދުﷲ ލުތުފީ ލަންކާގައި ހުންނަ ދިވެހި އެމްބަސީގައި ގެންގުޅުނު މައްސަލައަކީ ޑިމޮކްރަސީގެ އުސޫލުން ބަލާނަމަ މި ސަރުކާރުން އިސްތިއުފާ ދޭން ޖެހޭކަމެއް ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

"ކޮބާ ނުވިއެއްނު"ގެ ނަމުގައި އިދިކޮޅުން ބާއްވާ އެއްވުމުގައި ވާހަކަ ދައްކަވަމުން ޔާމިން މިރޭ ވިދާޅުވީ ރާއްޖޭގައި އުފެދުނުކަމަށްބުނާ އެންމެ ބޮޑު ހާއިނު، ލުތުފީ ރާއްޖެ ގެނެވުނީ އެތައް ބަޔެއްގެ މަސައްކަތުން ކަމަށެވެ.

"އެކަމަކު ޑިމޮކްރެޓިކް އުސޫލުތައް ދަމަހައްޓާ ކަމަށް ވިދާޅުވާ ސަރުކާރެއް، ލުތުފީ ދެމަހެއްހައި ދުވަހު ދައުލަތުގެ ބެލުމުގެ ދަށުގައި ދައުލަތުން އަޅުގަނޑުމެންގެ ހާރިޖީ ސިޔާސަތުގެ ބާރުހިނގާ ގައުމެއްގައި ހުރި އެމްބަސީއެއްގައި ފޮރުވައިގެން ގެންގުޅުނ،ީ" ޔާމީން ވިދާޅުވީ ދުނިޔޭގެ އެއްވެސް ގައުމެއްގެ ސަރުކާރަކަށް މިފަދަ ބޮޑު ޖަރީމާއެއް ހިންގައި އެ ސަރުކާރު ނުވެއްޓޭނެ ކަމަށް ގަބޫލު ނުކުރެވި ނޯންނާނެ ކަމަށެވެ.

"ހަމަ މިހިނދުން މިހިނދަށް، ޑިމޮކްރަސީގެ އުސޫލުތައް އިހުތިޔާރުކުރާ ކަމަށް ވަންޏާ، މިސަރުކާރު އެބަޖެހޭ މިކަމަށްޓަކާ އެކަނިވެސް ސަރުކާރު ދޫކޮށްލަން،" ޔާމީން ވިދާޅުވީ ދުނިޔޭގެ އެންމެ ކުޑަކޮށް ތަހުޒީބުވެފައިވާ ގައުމުތަކަށް ބެލިނަމަވެސް ސަރުކާރުގެ އެންމެ އިސްފަރާތްތައް ހިމެނޭގޮތަށް މިފަދަ ބޮޑެތި ޖަރީމާ ހިންގައިފިނަމަ، ރައްޔިތުން އެ ސަރުކާރު ބަލައިނުގަންނާނެ ކަމަށެވެ.

"ޑިމޮކްރަސީގެ އުސޫލުތަކަށް ބަލަންޏާ، އަޅުގަނޑު ދަންނަވާނީ ވައުދެއް ނުފުއްދުނޭ،" ލުތުފީ މަައްސަލާގައި ޖަވާބުދާރީ ވާންޖެހޭ ފަރާތްތައް ޖަވާބުދާރީ ކުރުވާނެ ކަމަށް ބުނި ނަމަވެސް އެކަން ވެފައިނުވާ ކަމަށެވެ.

ލުތުފީ ލަންކާގައި ފިލައިގެން އުޅުމަށްފަހު ދިވެހި އެމްބަސީއަށް ގޮސް އަމިއްލައަށް ހަވާލުވީ ލަންކާގައި ދިން ބޮމުގެ ހަމަލާތަކަށްފަހުއެވެ. ލުތުފީ ލަންކާ އެމްބަސީގައި ހުރިކަމަށް ބުނެ އެކަމާ އެންމެ ފުރަތަމަ އަޑުއުފުލީ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރެވެ. އޭގެ ފަހުން ލުތުފީ ރާއްޖެ ގެނެސް އަދަބު ދިނުމަށް ގޮވާލަ އަޑުތައް ގަދަވިއެވެ. ލުތުފީ މާލެ ގެނެސް ކަރެކްޝަންސް އާއި ހަވާލުކުރީ މިދިޔަ މަހު ނުވަވަނަ ދުވަހު އެވެ. އޭނާ މިހާރު ހުރީ ކަރެކްޝަންސްގެ ބެލުމުގެ ދަށުގައެވެ.

ކުރީގެ ރައީސް ނަޝީދުގެ ސަރުކާރުގައި ލުތުފީ ބޭސްފަރުވާ އަށް އިންޑިއާ އަށް ފޮނުވުމުން ފިލި މައްސަލަ ބަލަން ފުލުހުން ވަނީ ނިންމައިފައެވެ. ނޮވެމްބަރު ތިނެއްގެ ހާދިސާ އާއި ގުޅިގެން އިއްވާފައިވާ ހުކުމުގެ ބާކީ ހަތަރު އަހަރު އަދި ލުތުފީ ޖަލުގައި ހޭދަކުރަން ޖެހެއެވެ.

comment ކޮމެންޓް