އަދީބު ފިލީ ހޮނިހިރުގައި، ފަޅާއަރުވާލީ ފަޅުވެރިއެއް!؟

އަދީބު ކަރެކްޝަންސް ބެލުމުގެ ދަށުގައި ހުންނެވި ދުވަސްވަރު، ގޭބަންދުގައި ބެހެއްޓުމަށް ފަހު އަނބުރާ ޖަލަށް ގެންދަނީ --- ސަންފޮޓޯ/ އަހުމަދު އަވްޝަން އިލިޔާސް

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ރާއްޖެއިން ފިލީ ހޮނިހިރު ދުވަހުކަން އަދީބު ދަތުރު ކުރި ޓަގް ބޯޓް "ވާގޯ 9" ދަތުރުކުރި ރެކޯޑުތަކުންނާއި މައުލޫމާތުތަކުން ހާމަވެއްޖެ އެވެ.

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ޕާސްޕޯޓު ހިފަހައްޓާފައި ވަނިކޮށް މިއަދު އިންޑިއާގެ ޓުޓިކޮރިން ބަނދަރުން ޓަގް ބޯޓެއްގައި އެތެރެވާން އުޅެނިކޮށް އޭނާ ވަނީ ހިފަހައްޓާފަ އެވެ.

އެ ހަބަރުތައް ފެތުރުމާ އެކު އެކަން ކަށަވަރުކޮށްދެމުން، އިންޑިއާގެ ނޫސްތަކުން ވަނީ އަދީބު ޓުޓިކޮރިން ބަނދަރުގައި ޓަގްބޯޓު "ވާގޯ 9" ގައި ހުއްޓައި ފޮޓޯ ނަގައި އާންމުކޮށްފަ އެވެ. އެ ފޮޓޯއިން ފެންނަ ގޮތުގައި އަދީބު ޓަގް ބޯޓްގައި ހުރީ، ގަދަ ރަތް ކުލައިގެ ޓީޝާޓެއްލައިގެން ކަޅުކުލައިގެ ޓްރެކްސޫޓެއް ލައިގެން އެވެ. އަދި ހުރީ ޓެނިހަކަށް އަރުއްވައިގެން އެވެ.

އެ ބޯޓް ދަތުރުކުރި ޓްރެކް ރެކޯޑުން ދައްކާ ގޮތުގައި، އަދީބު ދަތުރުކުރި ވާގޯ ނުވައެއް މިދިޔަ ހޮނިހިރު ދުވަހުގެ މެންދުރު 2:40 ހާއިރު ކ. ދޫނިދޫ ކައިރީގައި ނަގިލި ލައިގެން އޮތެވެ. އެއަށް ފަހު "ވާގޯ 9" ރާއްޖެއިން ނައްޓާލި ސީދާ ގަޑިއެއް އެނގޭކަށް ނެތެވެ. އޭގެ ފަހުން އެ ބޯޑް ރާއްޖޭގެ ސަރަހައްދުން ޓްރެކްވެފައެއް ނެތެވެ.

އަދީބު ދަތުރުކުރި ވާގޯ9 ރާއްޖެ ކަނޑުގެ ސަރަހައްދުން ނުކުތް ގޮތް ---

ހޮނިހިރު ދުވަހު ރާއްޖެއިން ފުރި އެ ބޯޓު އިންޑިއާގެ ޓުޓިކޮރިންގެ ބަނދަރަށް ވަދެވޭނެ ކަމަށް ލަފާކޮށްފައިވަނީ މިއަދު ހެނދުނު ރާއްޖެ ގަޑިން 8:30ގަ އެވެ.

ރާއްޖެ އާއި ޓުޓިކޮރިންއާ ދެމެދު ހުންނަނީ 380 މޭލެވެ. ދިގު މިނުގައި 26 މީޓަރު ހުންނަ އެ ޓަގް ބޯޓް ދަތުރު ކުރާ ކަމަށް ހިސާބުތަކުން ދައްކަނީ، އެވްރެޖްކޮށް ގަޑިއިރަކު 6.4 ނޯޓިކަލް މޭލަށެވެ.

ބޯޓްދަތުރުކުރާ މާހިރަކު "ސަން"އަށް ބުނީ، އެ ހިސާބުތަކަށް ބަލާއިރު އަދީބު ފިލި ވާގޯ 9 އެއް ބޯޓަށް، ނުހުއްޓާ ދަތުރުކޮށްގެން ރާއްޖެއިން ޓުޓްކޮރިންއަށް ދެވޭނީ 65 ގަޑިއިރުން އެވެ. އެއީ ގާތްގަނޑަކަށް ތިން ދުވަހެވެ. އޭނާ ލަފާކުރައްވާ ގޮތުން، ބައެއް ފަހަރު ބޯޓްގެ ސުޕީޑް މަޑުކުރަން ވެސް ޖެހޭނެތީ އާއި މޫސުން ބަދަލުވާ ގޮތުން އެއަށް ވުރެ ގިނަ ދުވަސްވާނެ އެވެ.

އިންޑިއާ ކޯސްޓްގާޑުން، އެ ޓަގް ބޯޓް ހިފެހެއްޓީ ޓުޓިކޮރިންގެ ކަނޑުގެ ސަރަހައްދުން މިއަދު ހެނދުނު 9:00 ހާއިރު އެވެ. އަދި ކޯސްޓްގާޑުން ބެލިބެލިމުން ނުވަ ފަޅުވެރިންގެ އިތުރުން އިތުރު މީހަކު އެ ބޯޓްގައި ދަތުރުކުރި އެވެ.

އަދީބު ފިލައިގެން ދިޔަ ޓަގް ބޯޓް އަކީ ސިންގަޕޫރުގެ ދިދަ ޖެހި ބޯޓެކެވެ. ޓަގް ބޯޓްގެ ދަތުރުގެ މައުލޫމާތުތަކުން އެނގޭ ގޮތުގައި އެ ބޯޓް އިންޑިއާގެ ޓުޓިކޮރިންގެ ބަނދަރަށް ވަނީ މިއަދު ހެނދުނު 9:17ގަ އެވެ. އެއީ އިންޑިއާ ފުލުހުން އެ ބޯޓް ހިފަހައްޓައި އެ ބަނދަރަށް ވެއްދީ އެވެ.

އަދީބު ބޯޓުގައި ހުރިކަން ފަޅާއަރުވާލީ އިންޑިއާ ފަޅުވެރިއެއް

އިންޑިއާގެ ނޫސްތަކުން ބުނާ ގޮތުގައި އަދީބު ރާއްޖެއިން ދަތުރުކުރި "ވާގޯ 9" ގައި އޭނާ ހުރިކަން ފަޅާ އަރުވާލީ އެ ބޯޓުގައި ހުރި އިންޑިއާ ފަޅުވެރި އެކެވެ. އެބޯޓުން ދަތުރުކުރީ އިންޑިއާގެ އެއް ފަޅުވެރިއަކާއި އިންޑޮނޭޝިޔާގެ އަށް މީހެކެވެ. އެ އިންޑިއާ މީހާޔާ ހަވާލާދީ ހަބަރު ފެތުރިފައިވާ ގޮތުން އަދީބު އެ ޓަގް ބޯޓަށް އެރީ، ބޭސްފަރުވާ ފުރިހަމަ ކުރަން އަނބުރާ އިންޑިއާޔަށް ދަނީ ކަމަށް ބުނެ އެވެ.

ރާއްޖެއިން ފުރައިގެން އެ ބޯޓު ދަތުރުކުރަމުން ދިޔަ އިރު ބޯޓުގެ ފަޅުވެރިއެއް ނޫން އިތުރު މީހެއް އޭގައި ހުރުމުން ބޯޓުގެ އެޖެންޓަށް އެކަން އެންގި ކަމަށް އިންޑިއާގެ ފުލުހުންނަ ހަވާލާދީ މުމްބައީ މިރާ ނޫހުގައި ވަނީ ބުނެފަ އެވެ.

އަދީބު ދަތުރު ކުރި ވާގޯ9 އިންޑިއާގެ ޓުޓްކޮރިން އަށް ވަތްގޮތް ---

އެއާއެކު އެ ބޯޓުގެ އެޖެންޓް އިންޑިއާގެ ކޯސްޓްގާޑް އޮފިޝަލުންނާއި ކަސްޓަމްސްގެ ސަމާލުކަމަށް އެކަން ގެނައީ އެވެ. ބޯޓް ފާސްކުރަން އިންޑިއާ ފުލުހުން އެރި އިރުވެސް، އެކަން އޮތީ އެ ގައުމުގެ އިދާރާތަކަށް ޔަގީން ކުރެވިފައި ކަމަށް ބެލެވެ އެވެ. ގާނޫނާ ހިލާފަށް އިންޑިއާގެ ސަރަހައްދަށް އެތެރެވި، މައްސަލާގައި އިންޑިއާގެ ފުލުހުން އަދީބު ހިފަހައްޓައި ސުވާލު ކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުން އެވެ.

އެ ބޯޓަކީ ރާއްޖެ އާއި އިންޑިއާޔާ ދޭތެރޭގައި ގެދޮރު އިމާރާތް ކުރުމަށް ބޭނުން ކުރާ ސާމާނު ހިފައިގެން ދަތުރުކުރާ ބޯޓެކެވެ. މީގެ ކުރިން ވެސް އެ ބޯޓް ރާއްޖެ އައި ކަމަށްވެ އެވެ.

އަދީބު ރާއްޖެއިން ފިލާފައިވަނީ އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ ގިނަ މައްސަލަތަކެއް ފުލުހުން ތަހުގީގު ކުރަމުން ދަނިކޮށެވެ. އަދީބު މިނިވަންވެފައިވަނީ ނިމުނު މަހުގެ ތެރޭގަ އެވެ. އެއީ އޭނާގެ މައްޗަށް ކުރި ހުރިހާ ހުކުމެއް ކޯޓުތަކުން ބާތިލު ކުރުމުންނެވެ.

ބަންދުގައި ހުންނަވަނިކޮށް މި ސަރުކާރުން ވަނީ އަދީބު އިންޑިއާއަށް ބޭސްފަރުވާއަށްވެސް ފޮނުވާފަ އެވެ. އޭރު ބޭސްފަރުވާއަށް ފަހު ރާއްޖެ ވަޑައިގެން އޭނާ ވިދާޅުވީ އެއީ ފިއްލަވާނެ މީހެއް ނޫން ކަމަށެވެ.

އަދީބު ދިޔައީ ތަހުގީގަށް ފިލަން!؟

އަދީބު ފިއްލެވި ޓަގް ބޯޓް، "ވާގޯ 9"

އަދީބު ފިލިއިރު، އެމްއެމްޕީއާރުސީގެ ތަހުގީގުގައި ސުވާލު ކުރުމަށް އިއްޔެ މެންދުރު 2:00 އަށް ފުލުހަށް ހާޒިރުވާން އޮތީ އޭނާއަށް އަންގައިފަ އެވެ. އޭނާ އެދުވަހު ވަޑައިގަންނަވާނެ ކަމަށް ފުލުހުންނަށް އެންގި ކަމަށް ވެސްވެ އެވެ. އަދީބު ފުލުހުންނަށް އަންގާފައި އޮތީ އޭނާ ހަފްތާ ބަންދުގައި އާއިލާއާ އެކު ރިސޯޓަކަށް ވަޑައިގަންނަވަނީ ކަމަށާއި މާލޭގައި ނޫޅުއްވާނެ ކަމަށެވެ.

އަދީބަކީ އެއްވެސް ބަންދެއްގައި ހުރި މީހެއް ނޫނެވެ. އޭނާއަށް އޮތް ހަމައެކަނި ހިފެހެއްޓުމަކީ ރާއްޖެއިން ބޭރަށް ދިޔުން މަނާވުމެވެ. އެއީ ސުޕްރީމް ކޯޓުން އޭނާގެ ޕާސްޕޯޓް ހިފެހެއްޓުމަށް އަމުރެއް ނެރެފައި އޮތުމެވެ.

އިންޑިއާގެ ބައެއް ނޫސްތަކުން ބުނާ ގޮތުގައި އަދީބު އުޅުއްވީ ޓަގް ބޯޓުން ފައިބައިގެން މަސް ބޯޓަކަށް އަރައި އެއަށް ފަހު ޓުޓިކޮރިންއަށް ފައިބާށެވެ. އަދި އިންޑިއާގެ ހިމާޔަތަށް އެދެން އަދީބު އުޅުއްވީ ކަމަށް ވެސް އިންޑިއާ ފުލުހުންނާ ހަވާލާދީ ބައެއް ނޫސްތަކުގައި ވަނީ ތުހުމަތު އުފައްދައިފަ އެވެ.

ދިވެހި ފުލުހުން މިހާރު ބުނެފައި ވަނީ އަދީބު ރާއްޖެ ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އިންޑިއާގެ ބައެއް އޮފިޝަލުން ވިދާޅުވެފައިވާ ގޮތުގައި ދިވެހި ސަރުކާރުގެ އިރުޝާދުގެ މަތިން އަދީބާ މެދު އަމަލު ކުރާނެ ގޮތެއް އިންޑިއާއިން ނިންމާނެ އެވެ.

comment ކޮމެންޓް