އިންފިނިޓީ ޕޯޓަލް މެދުވެރިކޮށްވެސް އެމްއައިބީގެ ހިއްސާ ގަނެވޭނެ

އިސްލާމިކް ބެންކުގެ އައިޕީއޯ ރަސްމީކޮށް ލޯންޗުކުރުމަށް މިރޭ ހޮޓަލް ޖެންގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

ޕަބްލިކް ލިމިޓެޑް ކުންފުންޏަކަށް މޯލްޑިވްސް އިސްލާމިކް ބޭންކު ބަދަލުކޮށް އާންމުންނަށް ހިއްސާ ވިއްކަން ފަށާފައިވާއިރު، މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުގެ އިންފިނިޓޯ ޕޯޓަލް މެދުވެރިކޮށްވެސް އެ ބޭންކުގެ ހިއްސާ ފަސޭހަ ކަމާއެކު ގަނެވޭނެއެވެ.

އެމްއައިބީގެ ހިއްސާ ގަތުމުގެ ފުރުސަތު ސެޕްޓެމްބަރު މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް އޮންނާނެއެވެ. އާންމުންނަށް ހިއްސާ ވިއްކަން ފެށި އިރު ޖުމްލަ 244 މިލިއަން ރުފިޔާގެ ހިއްސާ ވިއްކާނެއެވެ. އެއީ އެމްއައިބީގައި ހިއްސާ އޮންނަ އިސްލާމިކް ކޯޕަރޭޝަން އޮފް ދަ ޑިވެލޮޕްމެންޓް އޮފް ޕްރައިވެޓް ސެކްޓާ (އައިސީޑީ)ގެ 2.4 މިލިއަން ހިއްސާއާއި އާންމު ހިއްސާގެ 69975،000 ހިއްސާއެވެ. ހިއްސާ ވިއްކަނީ، ހިއްސާއެއް 35 ރުފިޔާގެ މަގުންނެވެ. މިއީ އެމްއައިބީގެ ހިއްސާގެ 31 ޕަސެންޓެވެ.

ކޮންމެ ފަރާތަކަށްވެސް ފުރަތަމަ ގަނެވޭނީ ހިއްސާއެއް 35 ރުފިޔާގެ މަގުން ޖުމްލަ 20 ހިއްސާއެވެ. މި އަދަދު އިތުރުކުރަން ބޭނުންނަމަ 10 ހިއްސާއިން އަދަދު އިތުރުކުރެވިދާނެއެވެ.

އެމްއައިބީގެ ހިއްސާ ވިއްކުން އެކަށައަޅައި ކުރިއަށްގެން ދަނީ އެންޑީއައިބީގެ ބައިނަލްއަގުވާމީ ތަޖުރިބާކާރުންގެ އެހީއާއި ޝާހު ހުސައިން އެންޑް ކޯގެ ގާނޫނީ ލަފާގެ މަތިންނެވެ. އޮޑިޓް ފާމެއްގެ ގޮތުގައި ހަރަކާތްތެރިވާނީ ކޭޕީއެމްޖީއެވެ.

މީގެ އިތުރުން ބޭންކުގެ ބްރާންޗުތަކަށް ގޮސްގެން ވެސް ހިއްސާ ގަނެވޭނެ އިންތިޒާމު ވަނީ ހަމަޖައްސައިފަ އެވެ. މީގެ އިތުރުން މ ފާމުދޭރިގޭގައި ހިއްސާ ވިއްކުމަށް ކަލެކްޝަން ސެންޓަރެއްވެސް ވަނީ ގާއިމްކޮށްފައެވެ.

އެމްއައިބިގެ ހިއްސާ ގަންނަން ބޭނުންވާ ފަރާތްތަކަށް އެމްއައިބީގެ އިތުރުން ބީއެމްއެލްގެ އޮންލައިން ބޭންކިން، ދިރާގު ޕޭ، އުރީދޫ އެމްފައިސާ މެދުވެރިކޮށްވެސް ފައިސާ ދެއްކޭނެއެވެ.

އިސްލާމިކް ބޭންކުން ބުނީ މިހާތަނަށް އެ ބޭންކުގެ 10 މިލިއަން ހިއްސާ ޕަބްލިކުން ގަނެފައިވާ ކަމަށެވެ.

އެމްއައިބީގެ ހިއްސާ ވިއްކުން ކުރިއަށްގެންދާނެ ޓައިމްލައިން

  • ހިއްސާ ގަތުމަށް ހުޅުވާލި ތާރީހު: 28 ޖުލައި 2019
  • ހިއްސާ ގަތުމުގެ މުއްދަތު ހަމަވާ ތާރީހު: 18 ސެޕްޓެމްބަރު 2019
  • ހިއްސާ އެލޮޓްކުރެވޭނެ ކަމަށް ލަފާކުރާ ތާރީހު: 08 އޮކްޓޯބަރު 2019
  • ވިއްކަން ހަމަޖެހިފައިވާ ހިއްސާގެ އަދަދަށްވުރެ އިތުރުވާ ފައިސާ އަނބުރާ ރައްދު ކުރެވޭނެ ކަމަށް ލަފާކުރާ ތާރީހު: 28 އޮކްޓޯބަރު 2019
  • އެލޮކޭޓުކުރެވޭ ހިއްސާ އެމްއެސްޑީގައި ޑިޕޮސިޓް ކުރެވޭނެ ކަމަށް ލަފާކުރާ ތާރީހު: 06 ނޮވެމްބަރު 2019
  • ހިއްސާގެ ބާޒާރުގައި މުއާމަލާތް ކުރަން ފެށޭނެކަމަށް ލަފާކުރާ ތާރީހު: 06 ނޮވެމްބަރު 2019
comment ކޮމެންޓް