'މޭން ވާސަސް ވައިލްޑް'ގެ އެޕިސޯޑަކުން ބޮޑުވަޒީރު މޯދީ ފެނިގެންދާނެ

މޭން ވާސަސް ވައިލްޑް ޕްރޮގްރާމްގައި ބޮޑުވަޒީރު ނަރެންދްރަ މޯދީ، ބެޔާ ގްރިލްސްއާ އެކު -- ފޮޓޯ: ޑިސްކަވަރީ

ދިއްލީ (ޖުލައި 30): އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ، ޑިސްކަވަރީ ޗެނަލްގެ 'މޭން ވާސަސް ވައިލްޑް'ގެ އެޕިސޯޑަކުން ފެނިގެންދާ ކަމަށް އެޗެނަލުން ބުނެފި އެވެ.

އަންނަ މަހުގެ 12އިގައި ދައްކަން ހަމަޖެހިފައިވާ އެ އެޕިސޯޑުގެ ޓްރެއިލާއެއް މިހާރު ވަނީ ދައްކާލާފަ އެވެ. އަދި ބެޔާ ގްރިލްސްއާ އެކު މޯދީ ފެނިގެންދާ އެޓްރެއިލާގައި ޖަންގަލި ތެރެއިންނާއި ކޯރުތައް ހުރަސްކޮށް މޯދީ ވަޑައިގަންނަވާތަން ފެނެ އެވެ.

އިންޑިއާގައި ޝޫޓުކޮށްފައިވާ އެ އެޕިސޯޑުން އެގައުމުގެ "ފެހި ޖަންގަލިތަކާއި އެތައް ބާވަތެއްގެ ދިރުންތަކާއި ރީތި ފަރުބަދަތަކާއި ކޯރުތައް" ފެނިގެންދާނެ ކަމަށް މޯދީ ވިދާޅުވި އެވެ. އަދި އެ އެޕިސޯޑު ބެލުމަށް ފަހު ކޮންމެ މީހަކުވެސް "އިންޑިއާގެ އެކި ތަންތަނަށް ގޮސް، ތިމާވެށި ހިމާޔަތް ކުރުމަށް ބޭނުން ވާނެ" ކަމަށް މޯދީ ޓުވީޓު ކުރެއްވި އެވެ.

އެޕްރޮގްރާމާ ގުޅިގެން މީގެ ކުރިން މޯދީއަށް ފާޑު ކިޔުންތައް އަމާޒުވި އެވެ. އެއީ އެ އެޕިސޯޑު ޝޫޓްކޮށްފައިވަނީ މިދިޔަ ފެބްރުއަރީ މަހު ކަޝްމީރުގައި ޓެރަރިސްޓު ހަމަލާއެއްދީ، އިންޑިއާ ފުލުހުންތަކެއް މަރާލި ދުވަހު ކަމަށް އެގައުމުގެ ނޫހަކުން ރިޕޯޓު ކުރުމުންނެވެ.

އެނޫހުގައިވާ ގޮތުން، މޯދީ އޭރު ޖަންގަލިތެރޭ ހުންނެވުމުން، ކަޝްމީރުގެ ހަމަލާއާ ގުޅިގެން ފިޔަވަޅު އެޅުއްވުން ލަސްވި އެވެ. އެހަމަލާގައި 40 ފުލުހުން މަރުވި އެވެ.

މޭން ވާސަސް ވައިލްޑްގައި މޯދީ ބައިވެރިވެވަޑައިގަންނަވަނީ ގައުމުގެ ތިމާވެއްޓަށް އިސްކަން ދެއްވާ މިންވަރު ދެއްކުމަށާއި ބޮޑުވަޒީރުގެ ހަށިގަނޑުގެ ދުޅަހެޔޮކަން ދެއްކުމަށް ކަމަށް މޯދީގެ ބަޔޯގްރަފީ ލިޔުއްވި ނިލަންޖަން މުކޮޕަދުޔޭ ވިދާޅުވި އެވެ.

މޯދީ ވަނީ މީގެ ކުރިން އޭނާ ފަރުބަދަމަތީ ހޮހޮޅައެއްގައި މެޑިޓޭޓު ކުރާ މަންޒަރު ފެނިގެންދާ ފޮޓޯ އާއި ކަސްރަތު ކުރާތަން ފެނިގެންދާ ވީޑިއޯއެއް ދައްކާލާފަ އެވެ.

comment ކޮމެންޓް