ފަލަސްތީނުން އިސްރާއީލާއެކު ހަދާފައިވާ އެއްބަސްވުންތަކަށް އަމަލު ކުރުން ހުއްޓާލަނީ

ފަލަސްތީނުން އިސްރާއީލާއެކު ހަދާފައިވާ އެއްބަސްވުންތަކަށް އަމަލު ކުރުން ހުއްޓާލަން ނިންމާފައިވާ ކަމަށް ފަލަސްތީނުގެ ރައީސް ވަނީ ވިދާޅުވެފަ -- ފޮޓޯ: އަންދަލޫ

ގުދުސް (ޖުލައި 27): ފަލަސްތީނާއި އިސްރާއީލާ ދެމެދު ހަދާފައިވާ ހުރިހާ އެއްބަސްވުމަކަށް އަމަލު ކުރުން ހުއްޓާލަން ނިންމާފައިވާ ކަމަށް ފަލަސްތީނުގެ ރައީސް މަހުމޫދު އައްބާސް ވިދާޅުވެއްޖެ އެވެ.

ރައީސް އައްބާސް އެފަދައިން ވިދާޅުވީ، އިސްރާއީލުން ގުދުސްގައި ހުންނަ ފަލަސްތީނުގެ ގެތަކެއް ތަޅާލަން ފެށި ފަހުންނެވެ.

"އިސްރާއީލާ އެކު ހަދާފައިވާ ހުރިހާ އެއްބަސްވުންތަކަށް އަމަލު ކުރުން ހުއްޓާލަން ނިންމާފައިވާ ކަމަށް އިއުލާން ކުރަން،" ފަލަސްތީން ލިބަރޭޝަން އޯގަނައިޒޭޝަންގެ ކުއްލި ބައްދަލުވުމަކަށް ފަހު އައްބާސް ވިދާޅުވި އެވެ.

އައްބާސް އިތުރަށް ވިދާޅުވި ގޮތުގައި އިސްރާއީލުންވެސް އެ އެއްބަސްވުންތަކާ އެއްގޮތަށް އަމަލެއް ނުކުރެ އެވެ. އެހެންކަމުން ފަލަސްތީނުގެ އެނިންމުން ތަންފީޒު ކުރުމަށް ކޮމިޓީއެއް އެކުލަވާލާނެ އެވެ.

އެދެފަރާތުން އެއްބަސްވުންތައް ހަދާފައިވާ ދާއިރާތަކުގެ ތެރޭގައި ފެނާއި ކަރަންޓު ފޯރުކޮށްދިނުމާއި އިގުތިސާދާއި ސަލާމަތާ ގުޅުން ހުރި އެއްބަސްވުންތައް ހިމެނެ އެވެ.

މިދިޔަ ހޯމަ ދުވަހު އިސްރާއީލުން ވަނީ ގަވާއިދާ ހިލާފަށް އަޅާފައިވާ ގެތަކެއް ކަމަށް ބުނެ ފަލަސްތީނުގެ ރައްޔިތުން ދިރިއުޅެމުން އައި ގެތަކެއް ތަޅާލަން ފަށާފަ އެވެ. ނަމަވެސް ފަލަސްތީނުން ބުނާ ގޮތުގައި އެއީ އެސަރަހައްދުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް އިސްރާއީލުން ކުރާ ކަމެކެވެ.

comment ކޮމެންޓް