ސަރުކާރު މުވައްޒަފުން މާލިއްޔަތު ގަވައިދަށް އަހުލުވެރި ކުރުވަނީ

މާލިއްޔަތު ގަވާއިދަށް އަހުލުވެރި ކުރުވުމަށް ފުވައްމުލަކުގައި ކުރިއަށް ގެންދާ ތަމްރީނު ޕްރޮގްރާމުގެ ތެރެއިން --- ފޮޓޯ: ފިނޭންސް މިނިސްޓްރީ

ސަރުކާރު މުވައްޒަފުން މާލިއްޔަތު ގަވާއިދަށް އަހުލުވެރި ކުރުވުމަށް، ފިނޭންސް މިނިސްޓްރީ އިން މުޅި ރާއްޖެއަށް އަމާޒުކޮށްގެން ތަމްރީނު ޕްރޮގްރާމެއް ފަށައިފި އެވެ.

އިއްޔެ އެ ޕްރޮގްރާމް ފަށައިފައި ވަނީ ފުވައްމުލަކު ސިޓީގަ އެވެ. އެ ތަމްރީނު ޕްރޮގްރާމް ރާއްޖޭގެ 14 އަތޮޅެއްގައި ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށް މިނިސްޓްރީ އިން ބުންޏެވެ.

މިނިސްޓްރީ އިން ބުނީ ތަމްރީނު ޕްރޮގްރާމް ނުހިންގާ އަތޮޅުތަކުގައި ތިބި މުވައްޒަފުން އެހެން އަތޮޅުތަކަށް ގެންގޮސްގެން ތަމްރީނު ދިނުމުގެ އިންތިޒާމް ހަމަޖައްސާފައި ވާނެ ކަމަށެވެ.

އިއްޔެ ފުވައްމުލަކުގައި ފެށި ތަމްރީނު ޕްރޮގްރާމް ކުރިއަށް ގެންދަން ހަމަޖެހިފައި ވަނީ ދެ ދުވަހުގެ މުއްދަތަކަށެވެ. އެ ޕްރޮގްރާމުގައި ފުވައްމުލަކުގެ 12 އިދާރާއަކުން 62 މުވައްޒަފުން ވަނީ ބައިވެރިވެފަ އެވެ.

ޕްރޮގްރާމް ކުރިއަށް ގެންދަނީ ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އާ ގުޅިގެންނެވެ.

comment ކޮމެންޓް