ވިސާ ނެތި ދިވެހިންނަށް ރަޝިޔާއަށް ދެވޭ އެއްބަސްވުމަށް އަމަލުކުރަން ފަށައިފި

ރަޝިއާ - ރާއްޖެ އޮން އެރައިވަލް ވިސގެ އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން---- ފޮޓޯ: ފޮރިން މިނިސްޓްރީ

ވިސާ ނުނަގައި ދިވެހިންނަށް ރަޝިޔާއަށް ޒިޔާރަތް ކުރެވޭނެ ގޮތަށް ދެ ގައުމުގެ ދެމެދުގައި ސޮއިކުރި ވިސާގެ އެއްބަސްވުމަށް މިއަދުން ފެށިގެން އަމަލު ކުރަން ފަށައިފި އެވެ.

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ރަޝިޔާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިން، މިދިޔަ މަހުގެ 25 ވަނަ ދުވަހު ސޮއިކުރި އެ އެއްބަސްވުމުގެ ދަށުން ޓޫރިސްޓުންގެ ގޮތުގައި އެއް ގައުމުން އަނެއް ގައުމަށް ޒިޔާރަތް ކުރާ ދެ ގައުމުގެ ރައްޔިތުންނަށް، 90 ދުވަހުގެ އޮންއެރައިވަލް ވިސާ ލިބޭނެ އެވެ.

ރަޝިޔާގެ ފޮރިން މިނިސްޓްރީއިން ބުނީ މިއަދުން ފެށިގެން ވިސާގެ އެ އެއްބަސްވުމަށް އަމަލު ކުރަން ފަށާފައިވާ ކަމަށެވެ. އަދި އެ އެއްބަސްވުމުގެ ދަށުން 90 ދުވަހުގެ އޮންއެރައިވަލް ވިސާ ލިބޭނީ، ޓޫރިސްޓުންގެ ގޮތުގައި ދަތުރުކުރާ ފަރާތްތަކަށް ކަމަށެވެ. އަދި ކިޔެވުމާއި ދިރިއުޅުން އަދި ވިޔަފާރީގެ ބޭނުންތަކަށް އެއް ގައުމުން އަނެއް ގައުމަށް ދަތުރު ކުރާ ދެ ގައުމުގެ ރައްޔިތުން ވެސް ކުރިއެކޭ އެއްގޮތަށް ވިސާ ނަގަން ޖެހޭނެ ކަމަށް އެ ގައުމުގެ ފޮރިން މިނިސްޓްރީ އިން ބުންޏެވެ.

މީގެ ކުރިން، ޓޫރިސްޓުންގެ ގޮތުގައި ދިވެހިން ރަޝިޔާއަށް ދަތުރުކުރި ނަމަވެސް، ދުރާލާ ވިސާ ނަގަން ޖެހެ އެވެ.

މީގެ ކުރިން ރާއްޖޭގެ ފޮރިން މިނިސްޓްރީއިން ބުނެފައި ވަނީ ވިސާގެ އެއްބަސްވުމުގެ ސަބަބުން ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވެ، ވިޔަފާރީގެ ގުޅުންތައް ވެސް ރަނގަޅުވެގެން ދާނެ ކަމަށެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމާ ހަވާލުވެ ވަޑައިގަތުމަށް ފަހު، މިދިޔަ ފެބުރުއަރީ މަހު ވަނީ ރަޝިޔާގެ ވެރިރަށް މޮސްކޯގައި ދިވެހި އެމްބަސީއެއް ވެސް ހުޅުވައިފަ އެވެ. އަދި މިނިސްޓަރު ޝާހިދުގެ ދަތުރުފުޅުގައި ރަޝިއާގެ ފޮރިން މިނިސްޓަރު ސާޖޭ ލަވްރޯވްއާއެކު ވެސް ވަނީ މަޝްވަރާތަކެއް ބާއްވަވައިފަ އެވެ.

ރަޝިޔާއަކީ ރާއްޖޭގެ ޓޫރިޒަމްގައި މުހިންމު މާކެޓެކެވެ. އެގޮތުން މިދިޔަ އަހަރުވެސް ރަޝިޔާއިން ވަނީ ރާއްޖެއަށް 38،000 އަށް ވުރެ ގިނަ ޓޫރިސްޓުން އައިސްފަ އެވެ.

ރަޝިޔާގެ ފޮރިން މިނިސްޓްރީއިން ބުނި ގޮތުގައި ދެ ގައުމުގެ ދެމެދުގައި ޓޫރިޒަމްގެ ރޮގުން ގުޅުން ބަދަހި ކުރުމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ސެޕްޓެމްބަރު މަހުގެ ތެރޭގައި މޮސްކޯއަށް ދަތުރެއް ކުރެއްވުމަށް ވަނީ ހަމަޖެހިފަ އެވެ. އެ ދަތުރުގައި އިތުރު ގިނަ ކަންކަމާ މެދު މަޝްވަރާ ކުރާނެ ކަމަށް ވެސް ބުންޏެވެ.

ރަޝިޔާ އާއި ރާއްޖެއާ ދެމެދު ކުރާ ވިޔަފާރީގެ މުއާމަލާތްތައް، 3.35 މިލިއަން ޑޮލަރަށް އަރަ އެވެ. އަދި ރަޝިޔާއިން ރާއްޖެ ކުރާ އެކްސްޕޯޓްގެ އަގު އުޅެނީ އަހަރަކު 3.32 މިލިއަން ޑޮލަރުގަ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް