ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރިކަން ސާބިތުވެ އުތުރުގެ ރަށެއްގެ ކޯޓަކުން މީހަކަށް އިއްވި 20 އަހަރުގެ ޖަލު ހުކުމެއް ހައިކޯޓުން މިއަދު ބާތިލްކޮށްފިއެވެ.
އުމުރުން 26 އަހަރުގެ އެމީހާގެ މައްޗަށް ކޮށްފައިވަނީ ވަނީ އާއިލާގެ މެމްބަރަކާއެކު ޖިންސީ އަމަލެއް ހިންގުމުގެ ދައުވާއެވެ.
އެ ދައުވާ އޭނާގެ މައްޗަށް ކޮށްފައި ވަނީ 2013 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ކުރީކޮޅު އޭނާއަށް ބޮޑުބޭބެ ކިޔާ އުމުރުން 13 އަހަރުގެ އަންހެން ކުއްޖަކާ މެދު ޖިންސީ އަމަލު ހިންގާފައިވާ ކަމަށް ތުހުމަތުކޮށެވެ.
އެ ދައުވާއަށް އޭނާ ވަނީ އިންކާރުކޮށްފައެވެ. 2015 ވަނަ އަހަރު އެ ރަށު ކޯޓުން ކޯޓުން ކުރި ހުކުމް ބާތިލްކޮށް، ހައިކޯޓުން މިއަދު ކުރި ހުކުމްގައި ވަނީ އެ ދައުވާ ސާބިތު ކުރުމަށް އެކަށީގެންވާ ހެކި ހުށަހަޅާފައި ނުވާ ކަމަށެވެ.
އެގޮތުން ހާދިސާ ހިނގިތަން ލޮލަށް ފެނުނު މީހެއްގެ ބަޔާނެއް، އަދި ފޮރެންސިކް ނިޝާންތަކުންނާއި ތަހްލީލުތަކުން ލިބޭ ހެއްކެއްވެސް ނެތްކަމާއި، މީގެ އިތުރުން މިހާދިސާއާ ގުޅޭ މާއްދީ ހެއްކެއް ވެސް ނެތްކަން ހުށަހެޅިފައިވާ ލިޔުންތަކުން އެނގެން އޮންނަކަމަށް ހައި ކޯޓުގެ ހުކުމްގައިވެއެވެ.
ހައިކޯޓުގެ ހުކުމްގައި ފާހަގަކޮށްފައިވާ ބައެއް ކަންކަން:
ހާދިސާ ހިގާފައިވަނީ 19 އޮކްޓޯބަރު 2013 ގައި ކަމަށް ކުއްޖާ ބުނެ ފައިވާއިރު އެކުއްޖާ ހޮސްޕިޓަލަށް ގެންގޮސް ޑޮކްޓަރަށް ދައްކާފައިވަނީ އޭގެ ދެ މަސް ފަހުން، 19 ޑިސެމްބަރ 2013 ގައި
އަދި ހަމަ އެރިޕޯޓުގައި، އެކުއްޖާ ދަންނަ މީހަކު 2012 ވަނަ އަހަރު އެކުއްޖާއަށް ޖިންސީގޯނާ ކޮށްފައިވާކަމަށް ކުއްޖާ ބުނެ ފައިވާކަން އެގެން އޮންނަކަމަށާއި އަދި އެކުއްޖާއަށް ޖިންސީ ގޯނާ ކުރި ކަމަށް ބުނެފައިވާއިރު އެކަން ކޮށްފައިވަނީ ކާކު ކަމެއް ބަޔާން ކޮށްފައި ނެތްކަން ހައި ކޯޓުގެ ހުކުމްގައި ވަނީ ފާހަގަކޮށްފައެވެ.
އޭގެ އިތުރުން އެކުއްޖާގެ ހަށިގަނޑުގައި ރަތް ނިޝާނަކާއި "ސްޓްރެޗް މާކް" އެއް ހުރި ކަމަށް ރިޕޯޓުގައި ބުނެފައި ވާއިރު، ދެ މަސް ވަންދެން ހަށިގަނޑުގައި ރަތް ކަމެއް ހުންނާނެ ކަމާމެދު ސުވާލު އުފެދޭ އިރު ޑޮކްޓަރީ ގޮތުން އެކަން އެހެން ވެދާނެ ކަމަށް ރިޕޯޓުގައި ނެތް އިރު، އެއީ ކިހާ ދުވަހެއްވީ "ސްޓްރެޗް މާކެއް" ކަން ވެސް ރިޕޯޓުގައި ނެތް ކަން ހުކުމް ގައި ވަނީ ފާހަގަކޮށްފައެވެ.
އެހެންކަމުން މިރިޕޯޓުގައި ބަޔާންކުރާ "ދިގުމުއްދަތަކަށް ހާނިއްކަ ކޮށްފައި" ވާކަމަށް ބަޔާން ކުރަނީ ދެމަސްކުރިން ކުރި ކަމެއްގެ ވާހަކަތޯ ނުވަތަ ކުއްޖާ ބަޔާންކުރާ 2012 ގައި ހިނގި ހާދިސާކަން ސާފުވާން ނެތުމުން، އެ ރިޕޯޓަކީ ސައިންޓިފިކް ތަހްލީލުތަކުން މައްސަލައަށް ބާރުދޭ ހޯދުމެއް ހޯދިފައިވާ ރިޕޯޓެއްކަމަށް ބެލެވެން ނެތްކަމަށް ވެސް ހައި ކޯޓުގެ ހުކުމްގައިވެއެވެ.
އެހެންކަމުން ދަށު ކޯޓުގެ ހުކުމް ބާތިލް ކުރަން ފެންނަ ކަމަށް ހައި ކޯޓުން މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން ވަނީ ނިންމައިފައެވެ.