ބީޗް ވޮލީގެ އިންޑިވިޖުއަލް ބައިން ވެސް ރާއްޖެ ލޯ މެޑަލް ހޯދައިފި

އައިއޯއައިޖީގެ ބީޗް ވޮލީގެ އިންޑިވިޖުއަލް ބައިން ލޯ މެޑަލް ހޯދި ރާއްޖޭގެ ޝިއުނާޒާއި އެޑަމް --- ފޮޓޯ// އެމްއޯސީ

މޮރިޝަސްގައި މިހާރު ކުރިޔަށްދާ އިންޑިއަން އޯޝަން އައިލޭންޑް ގޭމްސްގެ ބީޗް ވޮލީބޯޅަ އިވެންޓުގެ އިންޑިވިޖުއަލް ކެޓަގަރީން ރާއްޖޭގެ ޝިއުނާޒް އަބްދުލް ވާހިދު އާއި އާދަމް ނަސީމްގެ ޕެއާ އިން ލޯ މެޑަލް ހޯދައިފި އެވެ.

މޮރިޝަސްގެ އެކި ހިސާބުތަކުގައި މިހާރު އައިއޯއައިޖީގެ ގޭމްސްތައް ފޯރިއާއެކު ކުރިއަށް ދާ އިރު މިއަދު އޮތް ބީޗް ވޮލީގެ އިންޑިވިއުޖައަލް ބައިން ރާއްޖެ ލޯ މެޑަލް ހޯދި އިރު މި ގޭމުގެ ޓީމް އިވެންޓު ބައިން ރާއްޖެ ވަނީ ރިހި މެޑަލް ހޯދައިފަ އެވެ. ބީޗް ވޮލީގެ ބައިނަލް އަގުވާމީ މުބާރާތަކުން ލިބުނު ހަމައެކަނި ރިހި މެޑަލް މިއަހަރުގެ އައިއޯއައިޖީއިން ރާއްޖެ ހޯދި އިރު އެންމެ ފަހުން 2015 ގައި ރީޔޫނިއަންގައި މި ގޭމްސް އޮތް އިރު ވެސް އިންޑިވިޖުއަލް ބައިން ރާއްޖެ ވަނީ ލޯ މެޑަލް ހޯދައިފަ އެވެ.

އައިއޯއައިޖީގެ ބީޗް ވޮލީގެ އިންޑިވިޖުއަލް ބައިގައި ރާއްޖެ ތަމްސީލު ކުރި އެތުލީޓުންނާއި ކުޅިވަރާ ބެހޭ މިނިސްޓަރު އަހްމަދު މަހްލޫފް --- ފޮޓޯ// އެމްއޯސީ

މިއަދު މެންދުރު ކުޅުނު ބީޗް ވޮލީބޯޅަ އިންޑިވިޖުއަލް ބައިގެ ފަހު މެޗުން ރާއްޖޭގެ ޝިއުނާޒް އާއި އެޑަމްގެ ޕެއާ މޮޅުވީ ސީޝެލްސް ގާތުންނެވެ. ޝިއުނާޒާއި އެޑަމްގެ ޕެއާ އެ މެޗުގެ ސެޓުތައް ގެންދިޔައީ 21-15، 21-10 އިންނެވެ.

ބީީޗް ވޮލީބޯޅައިގައި ދެން ހިމެނޭ ރާއްޖޭގެ ޕެއާ އަކީ ޒުވާން ދެ ކުޅުންތެރިން ކަމަށްވާ އަހުމަދު މުހައްމަދު އަދި މުހައްމަދު އަލީ އެވެ. ޓީމުގެ ކޯޗަކީ އަބްދުﷲ ނަޝީދު (އަބުޅޯ) އެވެ.

"މިއީ ރާއްޖޭން ބޭރުގައި އޮތް މުބާރާތަކުން ލިބުނު ފުރަތަމަ އިންޑިވިޖުއަލް މެޑަލް،" ބީޗް ވޮލީ ކުޅުންތެރިޔާ ޝިއުނާޒް ބުންޏެވެ.

އޭނާ ބުނީ މިފަދަ މުބާރާތްތަކަށް ތައްޔާރުވާން އެންމެ އުނދަގޫވަނީ ރާއްޖޭގައި ހިލަވެލި ކޯޓެއް ނެތުން ކަމަށެވެ. އަދި މިއީ ރަނގަޅު ފެސިލިޓީސް ލިބިއްޖިއްޔާ ކާމިޔާބު ހޯދޭނެ ކުޅިވަރެއްކަމަށް ވެސް ޝިއުނާޒް ފާހަގަ ކުރި އެވެ.

"ވަރަށް ގިނަ ބަޔެއްގެ މަސައްކަތް މިއީ. މިއީ މިހާރު މި ކުޅޭ ހަތަރު ކުޅުންތެރިންގެ މަސައްކަތް އެކަންޏެއް ނޫން. މީގެ ކުރިން ވެސް ޓީމުގައި ހިމެނުނު ޝާހު، އައްކަޅޭ އަދި އަނިލް މެންގެ ވެސް މަސައްކަތް،"

މި ފަހަރުގެ ގޭމްސްގައި ރާއްޖެއިން ވަނީ މިހާތަނަށް ހަ މެޑަލް ހޯދައިފައެވެ. އެގޮތުން ގައުމީ އަންހެން ޓީޓީ ޓީމުން މުބާރާތް ބާއްވާ ގައުމު މޮރިޝަސް ބަލިކޮށް ރަން މެޑަލް ވަނީ ހޯދާފައެވެ. އަދި ގައުމީ ފިރިހެން އަދި އަންހެން ބެޑްމިންޓަން ޓީމުން ލޯ މެޑަލް ހޯދި އިރު ބީޗް ވޮލީ ޓީމުން ވަނީ ރިހި މެޑަލް ހޯދައިފައެވެ. މީގެ އިތުރުން ޕެރަ އޮލިމްޕިކްގެ 100 މީޓަރު ދުވުމުން ރާއްޖޭގެ މުހައްމަދު މާޒިން ވަނީ ލޯ މެޑަލް ހޯދައިފައެވެ.

comment ކޮމެންޓް