މަޖިލީހަށް ވަން މައްސަލާގައި ވައްޑެ ހައްޔަރު ކުރީ ގާނޫނާ ހިލާފަށް ކަމަށް ހުކުމްކޮށްފި

ލޯޔަރު ވައްޑޭ ސުޕްރީމް ކޯޓަށް ހާޒިރު ކުރަނީ---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ރައްޔިތުންގެ މަޖިލީހުގެ ތުލުސްދޫ ދާއިރާގެ މެމްބަރުކަން ކުރި މުހައްމަދު ވަހީދު އިބްރާހިމް (ލޯޔަރު ވައްޑެ)، 2017 ވަނަ އަހަރުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ތެރެއަށް ވަނުމުން އޭނާ ހައްޔަރުކޮށް ބަންދު ކުރީ ގާނޫނާ ހިލާފަށް ކަމަށް ހައިކޯޓުން ހުކުމްކޮށްފި އެވެ.

ދެހާސް ސަތާރަ ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި ވައްޑެ ހައްޔަރު ކުރީ އޭނާގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައި ވަނިކޮށް، މަޖިލީހުގެ އިިދާރާގެ ތެރެއަށް ވަނުމުންނެވެ. އޭނާއާ އެކު އޭރުގެ އިދިކޮޅު އެހެން މެމްބަރުން ވެސް މަޖިލީހުގެ އިދާރާއަށް ވަނެވެ. ވައްޑެ 15 ދުވަހަށް ބަންދުކޮށްގެން އޭނާގެ ބަންދު އެތައް ފަހަރެއްގެ މަތިން އިތުރު ކުރި އެވެ.

މަޖިލިސް މެމްބަރުންގެ އިމްތިޔާޒުގެ ގާނޫނުގެ 13 ވަނަ މާއްދާގެ (ހ)ގައިވާ ގޮތުން މަޖިލިސް މެމްބަރަކު ހައްޔަރު ކުރެވޭނީ ޕީޖީ މެދުވެރިކޮށް ކޯޓު އަމުރެއް ހޯދައިގެންނެވެ. އެކަމަކު، ވައްޑެ ހައްޔަރު ކުރީ އެގޮތަކަށް ނޫނެވެ.

އެ މައްސަލާގައި ޕީޖީއިން ބުނެފައި ވަނީ އިމްތިޔާޒުތަކާ ބެހޭ ގާނޫނުގައިވާ ގޮތަށް ވައްޑެ ހައްޔަރު ނުކުރީ، އޭނާގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅައި އޭނާގެ ދާއިރާއަށް ޕްރައިމަރީ ބާއްވަން އިއުލާނުކޮށްފައި އޮތުމުން ކަމަށެވެ.

ވައްޑެގެ ފަރާތުން މި ބަންދު އަމުރު އިސްތިއުނާފް ކުރުމުން މައްސަލަ ބެއްލެވި ހައި ކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން އިއްޔެ ކުރި ހުކުމުގައި ވަނީ ވައްޑެ ހައްޔަރުކުރީ މަޖިލީހުގެ އިމްތިޔާޒްތަކާއި ބާރުތަކުގެ ގާނޫނުގައި ބުނާ ގޮތަށް ނޫން ކަމަށް ވާތީ އޭނާ ހައްޔަރުކުރި ކުރުން ގޯސް ކަމަށެވެ.

ހައިކޯޓުގެ ހުކުމުގައި ބުނެފައި ވަނީ މެމްބަރެއްގެ ގޮނޑި ގެއްލިއްޖެ ކަމާ މެދު ގޮތެއް ކަނޑައަޅާނީ ސުޕްރީމް ކޯޓުން ކަމަށް ވީ އިރު، ވައްޑެ ގޮނޑި ގެއްލުނު މައްސަލަ ސުޕްރީމް ކޯޓުން ބަލައިގެންފައި ވަނިކޮށް، އެ މައްސަލާގައި ގޮތެއް ނުނިމެނީސް، އިމްތިޔާޒުތަކާ ބެހޭ ގާނޫނުގައި ބުނާ އިޖުރާއަތްތަކާ ހިލާފަށް އޭނާ ހައްޔަރު ކުރުމަކީ ގާނޫނާ ހިލާފަށް ކުރި ކަމެއް ކަމަށެވެ.

މައްސަލަ ބެއްލެވި ތިން ފަނޑިޔާރުން ވެސް ވައްޑެ ހައްޔަރު ކުރީ ގޯސްކޮށް ކަމަށް ދުށް ނަމަވެސް ފަނޑިޔާރު މުހައްމަދު ނިޔާޒު އެހެން ދެކޭ ސަބަބުތައް ތަފާތެވެ.

ފަނޑިޔާރު ނިޔާޒްގެ ރައުޔުގައި ފާހަގަކޮށްފައި ވަނީ އިންތިހާބުވާ ޕާޓީން ވަކިވާ މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ސުޕްރީމް ކޯޓުން 2017ގައި ހުކުމް ކޮށްފައި އޮތަސް، ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ 16 ވަނަ މާއްދާގެ (ބ)ގައި ސިޔާސީ ޕާޓީއަކުން ވަކި ކުރިޔަސް މަގާމު ނުގެއްލޭނެ ކަމަށް ބުނާ މާއްދާ ބާތިލުކޮށްފައި ނުވާ ކަމެވެ.

ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ 16 ވަނަ މާއްދާގެ (ބ):

  • "ގާނޫނު އަސާސީ އާއި ގާނޫނުގައިވާ ގޮތުގެ މަތީން ދިވެހިރާއްޖޭގައި ބާއްވާ އިންތިހާބެއްގައި ސިޔާސީ ޕާޓީއެއްގެ ޓިކެޓުގައި އިންތިހާބުވެފައިވާ މީހަކު ޕާޓީގެ ސުލޫކީ މިންގަނޑާ ހިލާފުވެގެން ޕާޓީން ވަކި ކުރި ކަމުގައި ވިޔަސް، އެ މީހަކު އިންތިހާވެފައިވާ މަގާމުގައި ދެމިހުންނާނެ އެވެ."

އެ މާއްދާ އެގޮތަށް އޮތުމުން، ފަނޑިޔާރު ނިޔާޒުގެ ދެކެވަޑައިގަންނަވަނީ ވައްޑެ ހައްޔަރު ކުރެވޭނީ އިމްތިޔާޒުގެ ގާނޫނުގެ 13 ވަނަ މާއްދާގައި ބުނާ އިޖުރާއަތްތަކާ އެއްގޮތަށެވެ.

އެ މައްސަލާގައި ވައްޑެ އެންމެ ފުރަތަމަ ހައްޔަރު ކުރި ކުރުމަކީ ވެސް އޭގެ އަސްލުން ބާތިލު އިޖުރާއަތެއްފެ މައްޗަށް ބިނާވެގެން ކޮށްފައިވާ ކަމެއް ކަމަށް ފަނޑިޔާރު ނިޔާޒުގެ ރައުޔުގައިވެ އެވެ. އަދި އޭނާ ބަންދު ކުރަން ނެރުނު ކޯޓު އަމުރު ބާތިލު ކުރަން ޖެހޭ ކަމަށްވެ އެވެ.

comment ކޮމެންޓް