އިސްރާއީލުން ގެތައް ތަޅާލުމަކީ ހަނގުރާމައިގެ ޖަރީމާއެއް: ފަލަސްތީނުގެ މަންދޫބު

އދ.ގައި ހުންނަވާ ފަލަސްތީނުގެ މަންދޫބު ވަނީ އިސްރާއީލުން ފަލަސްތީނުގެ ރައްޔިތުން ދިރިއުޅޭ ގެތައް ތަޅާލުމަކީ ހަނގުރާމައިގެ ޖަރީމާއެއް ކަމަށް ވިދާޅުވެފައި -- ފޮޓޯ: އީޕީއޭ

ގުދުސް (ޖުލައި 24): އިސްރާއީލުން ފަލަސްތީނުގެ ގެތައް ތަޅާލުމަކީ ހަނގުރާމައިގެ ޖަރީމާއެއް ކަމަށާއި އެ މައްސަލަ ބަލަން ޖެހޭ ކަމަށް ކަމަށް އދ.ގައި ހުންނަވާ ފަލަސްތީނުގެ މަންދޫބު ރިޔާދު މަންސޫރު ވިދާޅުވެއްޖެ އެވެ.

އދ.ގެ ސަލާމަތީ މަޖިލީހުގައި ވާހަކަ ދައްކަވަމުން މަންސޫރު ވަނީ އިރުމަތީ ގުދުސްގައި ފަލަސްތީނުގެ ރައްޔިތުންތަކެއް ދިރިއުޅެމުންދާ ގެތައް އިސްރާއީލުގެ ފުލުހުންނާއި ސިފައިން ތަޅާލާ މަންޒަރު ފެންނަ ފޮޓޯތަކެއް ދައްކައިފަ އެވެ. އަދި އެމީހުން ގެތައް ތަޅާލާ ތަން ބަލަން ތިބި އާއިލާތަކުގެ ފޮޓޯ ވެސް ދައްކައިފަ އެވެ.

"ހޯމަ ދުވަހުގެ ހެނދުނު ގިނަ އަދަދެއްގެ އިސްރާއީލް ސިފައިން ވަނީ އެއާއިލާތައް ދިރިއުޅޭ ގެތަކަށް ވަދެ، އެމީހުން ގެއިން ނެރެ، ޑައިނެމައިޓާއި އަސްކަރީ ބުލްޑޯޒަރު ބޭނުންކޮށްގެން ގެތައް ތަޅާލާފައި،" މަންސޫރު ވިދާޅުވި އެވެ.

"އެއީ ނަސްލެއް ނައްތާލުމާއި ގަދަކަމުން އެމީހުން ގެއިން ނެރުލުމުގެ އަމަލުތަކެއް. އަދި އެއީ ހަނގުރާމައިގެ ޖަރީމާތަކެއްގެ ގޮތުގައި ބެލެވޭނެ. އެ އަމަލުތައް ކުށްވެރިކޮށް، އެމައްސަލަ ބަލަން ޖެހޭ،" މަންސޫރު އިތުރަށް ވިދާޅުވި އެވެ.

އިސްރާއީލުން މިހާތަނަށް 10 އިމާރާތެއް ތަޅާލުމުގެ ސަބަބުން 17 މީހުން ގެދޮރުނެތިފައިވާ ކަމަށާއި އޭގެ ތެރޭގައި 11 ކުޑަކުދިން ހިމެނޭ ކަމަށް މަންސޫރު ވިދާޅުވި އެވެ. އަދި ފަލަސްތީނުގެ އިތުރު 350 މީހުންގެ ގެތައް އިސްރާއީލުން ތަޅާލާނެ ކަމަށް ބެލެވޭ ކަމަށް ވެސް މަންސޫރު ވިދާޅުވި އެވެ.

މީގެ އިތުރުން އިނގިރޭސިވިލާތުން އދ.އަށް ކަނޑައަޅާފައި ހުންނަވާ ކޭރެން ޕިޔާސް ވަނީ އެގެތައް ތަޅަމުން ދަނީ އޯސްލޯ އެކޯޑްސްގެ ދަށުން، ފަލަސްތީނުގެ ބާރުގެ ދަށުގައި އޮތް ސަރަހައްދެއްގައި ކަން ފާހަގަ ކުރައްވާފަ އެވެ.

އިސްރާއީލް އަސްކަރިއްޔާ އިން އެގެތައް ތަޅާލަނީ އެގެތައް އަޅާފައި ވަނީ ގަވާއިދާ ހިލާފަށް ކަމަށާއި އެއީ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށް ބުނެ އެވެ.

comment ކޮމެންޓް