އިންޑިއާއިން ހަނދަށް އުޅަނދު ފޮނުވުމުން ރާއްޖެއިން މަރުހަބާ ކިޔައިފި

އިންޑިއާގެ ސްޕޭސް އެންޑް ރިސާޗް އޯގަނައިޒޭޝަންސް (އިސްރޯ)އިން މި ހަފްތާގައި ކާމިޔާބު ކަމާއެކު ހަނދަށް އުޅަނދެއް ލޯންޗު ކުރުމާ ގުޅިގެން ރާއްޖެއިން އެކަމަށް މަރުހަބާ ކިޔައިފިއެވެ.

ހަނދުގެ ދިރާސާތައް ހެދުމަށް އިންޑިއާގެ އަންދްރަ ޕްރަދޭޝްގައި ހުންނަ ސަތިޝް ދަވަން ސްޕޭސް ސެންޓަރުން ޗަންދުރަޔާން-2 ލޯންޗު ކުރީ މި މަހުގެ 22 ވަނަ ދުވަހު އެވެ.

އެހެންކަމުން ދިވެހި ސަރުކާރުން ވަނީ އެ ކާމިޔާބީއަށް އިންޑިއާގެ ސަރުކާރަށާއި އެގައުމުގެ ރައްޔިތުންނަށް މަރުހަބާ ކިޔައިފައެވެ.

ސަރުކާރުން ބުނީ އެ އުޅަނދު އުދުއްސާލުމުގެ ފަހަތުގައި ތިބި އިންޑިއަން ސްޕޭސް ރިސާޗް އޯގަނައިޒޭޝަންގެ ސައިންސްވެރީންގެ މަސައްކަތް ވެގެންދާނީ މިފަދަ ދިރާސާތަކަށް ލިބުނު އިތުުރު ކުރިއެރުމެއް ކަމަށެވެ.

އަދި އިންޑިއާއިން ޖައްވީ ހޯދުންތަކުގައި ހޯދަމުންދާ ކާމިޔާބީތަކަކީ ޖައްވީ ދިރާސާތައް އިތުުރަށް ފުޅާކޮށް، ތަރައްގީކުރުމަށް ލިބުނު އިތުރު ހިތްވަރެއް ކަމަށާއި ސައިންސާއި ޓެކްނޮލޮޖީގެ ދާއިރާއަށް ޒުވާނުންގެ ޝައުގުވެރިކަން އިތުރު ކުރުވާނެ ކަމެއް ކަމަށް ވެސް ސަރުކާރުން ވަނީ ބުނެފައެވެ.

ޗަންދުރަޔާން-2 ލޯންޗުކުރަން ހަމަޖެހިފައި އޮތީ މިމަހުގެ 15 ވަނަ ދުވަހު އެވެ. ނަމަވެސް އެއުޅަނދު ފޮނުވާލަން 56 މިނިޓަށް ވެފައި ވަނިކޮށް، ޓެކްނިކަލް މައްސަލައެއް ދިމާވެގެން ލޯންޗުކުރުން ފަސްކުރީއެވެ.

އިސްރޯއިން ލަފާ ކުރާ ގޮތުގައި ޗަންދުރަޔާން-2 ހަނދުގައި ޖައްސާނީ ސެޕްޓެމްބަރު ހަޔެއް ނުވަތަ ހަތެއްގައެވެ.

އިންޑިއާއިން އުންމީދުކުރަނީ ޗަންދުރަޔާން-2 ވާނީ ހަނދުގެ ސައުތު ޕޯލްގައި ޖައްސާނެ ފުރަތަމަ އުޅަނދަށް ވާނެ ކަމަށެވެ. އަދި އެއިން ހަނދުގައި ތަހުލީލުތައް ހަދައި، މައުލޫމާތާއި ފޮޓޯ ދުނިޔެއަށް ފޮނުވާނެ ކަމަށެވެ.

އިންޑިއާއިން ވަނީ މީގެ ކުރިންވެސް، ޗަންދުރަޔާން-1 ކިޔާ އުޅަނދެއް ހަނދަށް ފޮނުވާފައެވެ. ނަމަވެސް އޮކްޓޯބަރު 2008 އިން އޮގަސްޓު 2009 އަށް ކުރިއަށް ގެންދިޔަ އެމިޝަނުގައި އެއުޅަނދު ހަނދުގައި ޖައްސާފައި ނުވެއެވެ. އަދި އޭގެ ބަދަލުގައި ހަނދުގެ ދިރާސާތައް ހެދީ ހަނދުގެ ވަށައިގެން ބުރު ޖަހަމުންނެވެ.

އިންޑިއާއިން ހަނދަށް އުޅަނދެއް ފޮނުވާ ދެވަނަ މިޝަނުގައި ގާތްގަނޑަކަށް 1،000 އިންޖިނިއަރުންނާއި ސައިންޓިސްޓުން ދަނީ މަސައްކަތް ކުރަމުންނެވެ. އަދި އެ މިޝަންގެ އަގު 150 މިލިއަން ޑޮލަރަށް އަރައެވެ.

އެ މިޝަން ކާމިޔާބުވެއްޖެ ނަމަ އިންޑިއާ ވާނީ ހަނދުގައި އުޅަނދެއް ޖައްސާ ހަތަރު ވަނަ ގައުމަށެވެ. މީގެ ކުރިން އެމެރިކާ، ކުރީގެ ސޯވިއެޓް ޔޫނިއަން އަދި ޗައިނާގެ އުޅަނދުތައް ހަނދުގައި ޖައްސާފައިވެއެވެ.

comment ކޮމެންޓް