އައްޑު އަތޮޅަކީ ހުވަދު އަތޮޅުގެ ދެކުނުން އޮތް 48 މޭލުގެ އައްޑޫ ކަނޑުގެ ދެކުނުގައި އޮތް އަތޮޅެެވެ. އަތޮޅު އޮތީ އިންޑިޔާ ކަނޑުގެ ވަރަށް މުހިއްމު އިސްތިރާޖީ ނުގުތާއެއްގަ އެވެ.
އައްޑު އަތޮޅުގެ ތޮބީއަތަށް ބަލާއިރު، އެއީ ވަރަށް ވެސް ފުރިހަމަ ގުދުރަތީ ބަނދަރެކެވެ.
އައްޑުއަތޮޅު އޮތީ ދެކުނު ޢަރްޟުން 1 ދަރަޖަ 35 ދަގީގު 30 ސާނިޔާ އާއި 1 ދަރަޖަ 47 ދަގީގު 30 ސާނިޔާ އާއި، އިރުމަތީ ޠޫލުން 73 ދަރަޖަ 4 ދަގީގު 7 ސާނިޔާ އާއި 73 ދަރަޖަ 14 ދަގީގު 30 ސާނިޔާއާ ދެމެދުގަ އެވެ.
އައްޑުއަތޮޅަކީ ރާއްޖޭގެ އަތޮޅުތަކުގެ ނިސްބަތުން ބަލާއިރު ބޮޑު އަތޮޅެއް ނޫނެވެ. އެހެން ނަމަވެސް އެހެން އަތޮޅުތަކާ އަޅައި ބަލާ އިރު އަތޮޅުގެ ނިސްބަތުން އައްޑޫގެ ހިކިފަސްތަން ބޮޑެވެ. އަތޮޅުގެ ހަތްބައިކުޅަ ފަސްބަޔަކީ ހިކިފަސްތަނެވެ. އައްޑު އަތޮޅުގެ އެތެރެވަރީގަައި ހުރީ 22 އަކަ މޭލެވެ.
އަތޮޅުގެ އެންމެ ދިގު ގޮތަކީ ކަނޑިހެރައިން ގަމުގެ ފުއްޓަރު ބޭރަށެވެ. މި ދެމެދުގެ ދިގު މިނަކީ 6.5 މޭލެވެ. އަތޮޅުގެ އެންމެ ފުޅާ ގޮތަކީ ހިތަދޫ އުތުރު ހޭބޭރުން މީދޫ އިރުމަތީ ބޭރަށެވެ. މި ދެމެދުގައި ހުރީ 9.75 މޭލެވެ.
އައްޑު އަތޮޅުގައި އޮތީ 4 ކަނޑުއޮޅި އެވެ. އެއީ ދެކުނު ފެހުނުގައި 2 ކަނޑުއޮޅިއަކާއި އުތުރު ފަރާތުގައި 2 ކަނޑުއޮޅި އެވެ. އަތޮޅުގެ އުތުރު ދުނި ފިޔަވައި އަނެއް 3 ފަރާތުގައި ރަށްރަށް އުފެދިފައިވެއެވެ. އަތޮޅުގެ އުތުރު ދުނި އޮތީ ވަރަށް ބޮޑަށް ހުޅުވިފައެވެ. މި ދުނީގެ މެދު ތެރޭގައި އޮތް ކަނޑު ހުރާވެސް ގިރަމުން ގޮސް މިއަދު އޮތީ ބުރިބުރިވެފައެވެ. 1941 ގެ އަހަރުތަކުގައި މިއީ ރުއްގަސް ހުރި ރަށެކެވެ. އިނގިރޭސީން އައްޑުއަތޮޅުގައި ތިބިއިރު ސަބްމެރީން ކޭބަލްތަކާއި މައިން ފީލްޑްސްތަކުގެ މައިގަނޑު ހުރީ ވެސް ކަނޑި ހެރައިގަ އެވެ. މި ދުނީގެ އިރުމަތީ ކޮޅުގައި އޮތް މީދޫ ހެރެތެރޭގެ ރަށްރަށް ވެސް ގިރަމުން ބުރިވަމުން ދެ ރަށް ގުޅެމުން ގޮސްފައިވެއެވެ.
އިރުމަތީ ދުނި މީދޫން ފެށިގެން ވިލިނގިލީ ކަނޑާ ދެމެދުގައި މިއީ އެއް ފަޅެކެވެ. މި ފަޅުގެ ދިގު މިނަކީ 5.5 މޭލެވެ. މި ފަޅުގެ އިރުއުތުރުގައި އޮތީ މީދޫއެވެ. ދެން ހުޅުދޫއެވެ. މި ދެ ރަށަކީ ކުރީން ވަކީން އޮތް ދެ ރަށެވެ. ދެ ރަށް ގުޅުނު ހިސާބުގައި ބޮޑު ކުޅިއެއް އުފެދި އެ ކުޅި މިއަދު ވަނީ ޗަސްބިންތަކަކަށް ބަދަލުވެފައެވެ. ހުޅުދޫގެ ދެކުނަށް ވިލިނގިލީ ކަނޑާ ދެމެދުގައި އޮތީ ހުޅުދޫ ހެރެތެރެއެވެ. މި ރަށް ރަށް ވެސް ވަރަށް ބޮޑަށް ގިރަމުން ދެއެވެ. މީގެ ތެރެއިން ބައެއް ރަށްރަށް މިހާރު ހުރީ ގުޅިފައެވެ. ހުޅުދޫގެ ދެކުނުން އޮތް މާފިށިވެސް ވަނީ ހުޅުދުއާ ގުޅިފައެވެ. މި ގުޅުންތަކުގެ ނަތީޖާއިން މި ސަރަޙައްދުގެ މާޙައުލަށް ދަނީ ބައެއް ބަދަލުތައް އަންނަމުންނެވެ.
އިރުމަތީ ދުނީގެ ފުއްޓަރަށް ބިންދާ ރާޅުގެ "ބާރު" އައިސް އެ ރަށްރަށުގެ ގޮނޑުދޮށްތަކަށް ފޯރުވައެވެ. އެ އޮއިވަރު އަތޮޅުގެ އެތެރެވަރިއަށް ނުކުމެވޭނެ ގޮތެއް ނެތުމުން ރަށްރަށުގެ ބަނޑުދޮށުން ދެކޮޅަށް އެ އޮއިވަރު ދެމިގެން ގޮސް ދެކުނުން ނުކުންނަނީ ވިލިގިލި ކަނޑަށެވެ. އުތުރަށް ގޮސް ނުކުންނަނީ މީދޫ އިރުމަތީ ބޭރުން މާކަނޑަށެވެ. މިހެން ވުމުން އެ ރަށްރަށުގެ ފުއްޓަރު ފަރާތުގައި ހުންނަ ކުދިކުދި މުލިތައް ގިރައިގެން ގޮސް ލޭންމަތި ސީދާވާ ގޮތްވެއެވެ.
ދެ ކަނޑުއޮޅި ދެމެދުގައި އޮތް ވިލިގިއްޔަށާއި މަޑިހެރައަށް ވެސް ގިރުމާއި ވޮޑުމުން ބޮޑަތި ބަދަލުތަކެއް އައިސް އެ ދެ ރަށުގައި ކުޅި އުފެދިފައިވެއެވެ. އަދި އެ ދެ ރަށް މިހާރު އޮތީ ގުޅިފައިމެއެވެ.
އަތޮޅުގެ ހުޅަނގުގެ ދެކުނު ދުނި ގަމުން ފެށިގެން ގޮސް ނިމެނީ ހިތަދޫގެ އުތުރު ކޮޅަށެވެ. މި ދުނީގައި އޮތް މައި ރަށް ރަށަކީ ގަމާއި ފޭދޫއާއި މަރަދުއާއި ހިތަދުއެވެ. ހިތަދުއަކީ ކުރީން ވަކީން އޮތް ހަތް ރަށެއް ގުޅިގެން އުފެދިފައި އޮތް މާ ރަށެކެވެ. އަދި މިހާރު އެ ރަށު ފެހުނުން އޮތް އަބޫހެރެއާއި ރުއްޖެހިހެރަ ވެސް ވަނީ ހިތަދުއާއި ގުޅިފައެވެ. ގަމުން ފެށިގެން ހިތަދުއާ ދެމެދުގައި ހުރި ރަށްރަށް ކޯޒްވޭއަކުން ފެން ނުހިނގާ ގޮތަށް ގުޅައިލުމުން މުޅި އެ ސަރަހައްދަށް އެ ކަމުގެ އަސަރު ވަނީ ފޯރައިފައެވެ. ކޯޒްވޭގެ ސަބަބުން އެ ރަށްރަށުގެ ފުއްޓަރު ފަރާތު ލޮނުގަނޑާއި އެތެރެވަރީގެ ލޮނުގަނޑުގެ އުސްމިން ތަފާތުވުމުން ހަމަދިޔައިގައި ގަދަ ވިއްސާރައެއް ކޮށްފި ނަމަ، ދެކުނު ފަރާތުގެ ލޮނުގަނޑު ރަށްރަށަށް އަރާ ގޮތް ދިމާވެއެވެ. އަދި ރަށްރަށުގެ ދެކުނު ފަރާތުން ގިރަމުން ވެސް ދެއެވެ. އަދި އެތެރެވަރިއާ ވީ ފަރާތުން ވެސް ވޮޑުމާއި ގިރުން އުފެދިގެން ދެއެވެ. މި ފަޅަށް މެ ދިމާވެފައިވަނީ ހުޅުދޫ ހެރަތެރޭ ފަޅަށް ދިމާވި ގޮތެވެ. މި ދުނީގެ ފުއްޓަރަށް ބިންދާ ރާޅުތަކުގެ ބާރާއެކު އުފެދޭ އޮއިވަރު އައިސް ޖެހެނީ ރަށްރަށުގެ ގޮނޑުދޮށުގައެވެ. އެހާ ތަނުން އޮއި އަނބުރާލާފައި އެއްބައި ނުކުންނަނީ ހިތަދޫގެ އުތުރުން މާކަނޑަށެވެ. އަނެއް ބައި ގޮސް ގަންކަނޑުން ބޭރުވެއެވެ. މިހެން ވުމުން ހިތަދޫ ކޯޢްޓޭ ކޮޅާއި ފެންމުލިއާ ދެމެދުގައި އާއި ގަންކަނޑު ތެރޭގައި އޮއި ހަލަބޮލިވެ އެ ސަރަހައްދު ގަދަވުމަށް ސަބަބު މެދުވެރިވެއެވެ.
ދެކުނު ދުނީގެ ފުއްޓަރުގައި ކުރިން ހުރި ކުދިކި ރަށްރަށުން ވަރަށް ގިނަ ރަށްރަށް ގިރައިގެން ހިނގައްޖެއެވެ. އެ ރަށް ރަށް އުފެދުނު އާނުގަނޑު ގައި ކުދި އަކިރީގެ ފިނޮޅު އަޅައެވެ. ނަމަވެސް ދޭތެރެއަކުން ގިރާލައެވެ.
އަތޮޅުގެ އެތެރެވަރި އޮތީ ދެ ބައިވެފައެވެ. ކޮޑަކަނޑުގެ ހުޅަނގުން އަތޮޅުގެ އެތެރެވަރިއަށް ދެމިގެން އައި ފަރުނިމެނީ މާމެންދޫ އާރޭފާ ދިމާއަށެވެ. އެ ފަރު އައިސް އަތޮޅުގެ ރަށްރަށުގެ އެތެރެވަރީގެ ފަޅުގެ ފަރާ ގުޅެއެވެ. މި ފަރުގެ ހުޅަނގު ބަޔަކީ ހިތަދޫ ފަޅެވެ. ހިތަދޫގެ ވިލާއި ތިލަފަޅު އޮތީ މި ބައިގައެވެ. ހިތަދޫ ފަޅު އަނެއްކާވެސް ދެބައިވެއެވެ. އެއީ ހިތަދޫ ކޯއްޓޭން ފެށިގެން ދެކުނަށް ދެމެމުން އައިބައި ހިތަދޫ މާމިސްކިތްފަންނާ ދެމެދުން ހުސް އޭރިޔާއެއް އޮވެފައި ދެން އޮތް ބައިގައި އޮތީ ކުދިކުދި ރަށްތަކެކެވެ. މި ރަށް ފަތީގެ ހުޅަނގު ބަޔަކީ ހިތަދޫ އެތެރެ މާކޮލެވެ. (ފަޅު) މީގެ 170 ވަރަކަށް އަހަރު ކުރީން މިއީ ވެސް ފުންވިލާއި ތިލަފަޅު އޮތް ބައެކެވެ. ނަމަވެސް މި ބައި ޒަމާނާއެކު ތިލަވެ ހުއި ފެޅުމުން ދޯނި ފަހަރަށް ވަދެ ނުކުތުމަށް ދަތިވެގެންނާ އެކު މިހާރު އެ ފަޅުގެ ބައެއް ކޮނެ އަނެއްބައި ހިއްކަމުން އެބަ ގެންދެއެވެ. ކޮންމެވެސް ޒަމާނަކުން އެތެރެ މާކޯ މުޅިން ހިއްކައި މިހާރުގެ ހިތަދޫ ވިލަކީ ބަނދަރު ކަމުގައި ހަމަޖެހިގެން ދާނެއެވެ. ހިތަދޫ ވިލު ވެސް ޒަމާނާއެކު ތިލަވަމުން ކުޑަވަމުން ދާ ކަން ފާހަގަ ކުރަމެވެ.
އަތޮޅުގެ އެތެރެވަރި ކަމުގައި ބެލެވޭ ބައިގައި ގިރިފަރު މަދެވެ. ގިރިފަރު ހުރީ ހުޅުދުއާއި މީދޫގެ އެތެރެވަރީގެ ފަރު ބޭރުގައި އޮތް ސަރަހައްދުގައެވެ. މިއީ ހުޅުދޫ ހާފަށެވެ. މީދުއާއި ހުޅުދުއާއި ހެރެތެރޭގައި އެކަށޭނަ ބޮޑު ވިލާއި ފަޅު އެބަ އޮތެވެ. އެކަމަކު ވިލާއި ފަޅުވެސް ތިލަވަމުންދެއެވެ. މިކަންކަން ކެޕްޓަން މޮރެސްބީއާއި އޭގެފަހުން ސަރ ޖޯން މުރޭގެ ރިޕޯޓުތަކުން އެނގެއެވެ.
މާލެއާއި އައްޑުއަތޮޅާ ދެމެދުގެ މުވާސަލާތު ގުޅުންވެސް ދުވަހުން ދުވަހަށް ތަރައްގީވަމުން އަންނަކަން ފާހަގަ ކުރެވެއވެ. ކަނޑު މަގުން އަވަސް ދަތުރުތަކާއި ވައިގެ މަގުން ކުރެވޭ ދަތުރުތަކާއި މުވާސަލާތުގެ އެ ނޫން ރޮނގުތައް ވެސް ދަނީ ކުރިއަރަމުންނެވެ. ކުރީ ޒަމާނުގައި އައްޑުއަތޮޅަކީ ވަރަށް އެކަހެރިކޮށް އޮތް އަތޮޅެކެވެ. އަހަރަކު އެއް ފަހަރު ނުވަތަ ދެ ފަހަރު ނޫނީ މާލެއާ ގުޅުމެއް ނުވެއެވެ. އަދި ޖެހިގެން އޮތް ފުވައްމުލަކާއި ހުވަދުއަތޮޅާ ދެމެދުގެ ގުޅުން ވެސް އޮތީ ދާދި އެ ފެންވަރުގައެވެ.