ބޭންކް އޮފް މޯލްޑިވްސްގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ދޮގު މައުލޫމާތު ދީފައިވާ ކަމަށް ތުހުމަތު ކުރެވޭ ވާހަކަތައް އެ ބޭންކުން ދޮގުކޮށްފި އެވެ.
ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ، މުހައްމަދު ޝަރީފް މާލިއްޔަތު ކޮމިޓީއަށް އޮޅުވާލައްވާފައިވާ ކަމަށާއި އެފަދަ މައުލޫމާތެއް ދެއްވި މައްސަލަ ތަހުގީގު ކުރަން ޖެހޭ ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވަނީ ވިދާޅުވެފަ އެވެ.
އަދި އެ މައްސަލަ ތަހުގީގު ކޮށް ދިނުމަށް ފުލުހުންނަށް މިހާރު ވަނީ ހުށަހަޅައިފަ އެވެ.
ނަމަވެސް އެކަމާ ގުޅިގެން ބީއެމްއެލް އިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ ބޭންކުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ދީފައި ވާނީ ބޭންކުގެ ރިކޯޑްތަކާ އެއް ގޮތަށް ތެދު މައުލޫމާތު ކަމަށެވެ.
އަދި މަޖިލީހުގެ މެމްބަރުން ކޮމިޓީގައި ކުރެއްވި ސުވާލުތަކަށް ވެސް ބޭންކުގެ ފަރާތުން ޖަވާބު ދީފައި ވަނީ ވެސް އެ ރެކޯޑުތަކުގެ މައްޗަށް ބިނާކޮށް ކަމަށް އެ ބަޔާނުގައިވެ އެވެ.
މިއަދު މެންދުރުގެ ބްރޭކަށް މަޖިލިސް މެދުކަނޑާލުމުގެ ކުރިން މަޖިލީހުގެ މެންބަރުންނަށް މައުލޫމާތު ދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ، ޝަރީފް މައުލޫމާތު ދެއްވަން ވަޑައިގެން މާލިއްޔަތު ކޮމިޓީގެ ޔައުމިއްޔާ ލިބިފައިވާ ކަމަށާއި އެ ޔައުމިއްޔާ ބެލުމުން އެމްއެމްޕީއާރުސީއަށް ލިބުނު އެއްވެސް ކްރޮސް ޗެކެއް އެސްއޯއެފްގެ އެކައުންޓަށް ޖަމާކޮށްދީފައި ނުވާނެ ކަމަށް ޝަރީފް ކޮމިޓީއަށް މައުލޫމާތު ދެއްވި ކަމަށެވެ.
އަދި ސޯޝަލް މީޑިއާގައި ދައުރުވާ ޗެކްތަކަށް ބަލާއިރު، ޝަރީފްގެ މައުލޫމާތަކީ އެއީ ކޮމިޓީއަށް އޮޅުވާލުމެއް ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވި އެވެ.
އެކަމާ ގުޅިގެން ބީއެމްއެލް އިން ބުނީ އެމްއެމްޕީއާރުސީގެ ނަމުގައި ދޫކޮށްފައިވާ ޗެކްތަކެއް އެސްއޯއެފް އެކައުންޓަށް ޖަމާކުރެވިގެންދިޔަ ގޮތާ ބެހޭ ގޮތުން ބޭންކުގެ އިންޓާނަލް އޮޑިޓުން ތަހުގީގު ހިންގާފައި ވާނީ ބޭންކުގައި ހުރި ރެކޯޑްތަކަށް ބަލައިގެން ކަމަށެވެ.
އަދި 2016 ވަނަ އަހަރުގެ ނޮވެމްބަރު މަހު ޗެކް އިމޭޖިން އެންޑް ޓްރަންކޭޝަންގެ ދަށުން ޗެކް ކްލިއަރެންސް ފެށުމާ ހަމަޔަށް، ބީއެމްއެލްގެ އެކައުންޓްތަކަށް ޖަމާކުރެވޭ އެހެން ބޭންކްތަކުގެ ޗެކްތައް ވެސް އަދި ޗެކްތަކުގެ އިމޭޖަކީ ވެސް ބީއެމްއެލްގެ ރެކޯޑްގައި ބެހެއްޓޭ އެއްޗެއް ނޫން ކަމަށް ބޭންކުން ވަނީ ބުނެފަ އެވެ.
ބީއެމްއެލް ނޫން އެހެން ބޭންކެއްގެ ޗެކެއްގެ ކްލިއަރެންސް ފުރިހަމަވެ އަދި އެޗެކަކަށް ފައިސާ ދޫކުރާނީ ވެސް އެ ޗެކެއް ދޫކޮށްފައިވާ އެކައުންޓް ހުޅުވާފައިވާ ބޭންކުން ކަމަށާއި އެ ޗެކްތަކުގެ ރެކޯޑްތައް ހުންނާނީ ވެސް އެ ބޭންކެއްގައި ކަމަށް ބަޔާނުގައިވެ އެވެ.
"އެހެންކަމުން މި މައްސަލާގައި ހިމެނޭ އެފަދަ ޗެކްތަކުގެ ކޮޕީ ހޯދުމަށް މި ބޭންކުން ވަނީ އެހެން ބޭންކުތަކުގައި އެދިފަ އެވެ." ބީއެމްއެލް އިން ބުންޏެވެ.
އެސްއޯއެފް އެކައުންޓަށް އެންޑޯސްކުރެވިގެން ޖަމާކުރެވުނު އެހެން ބޭންކްތަކުގެ ޗެކްތައް ބީއެމްއެލްގެ ސަމާލުކަމަށް އައީ ބޭންކުގައި ހުރި މައުލޫމާތުތަކުގެ މައްޗަށް ބިނާކޮށް މާލިއްޔަތު ކޮމިޓީއަށް މައުލޫމާތު ދީފައި ވަނިކޮށް ކަމަށާއި މިހާރު އެކަން އިތުރަށް މުތާލިއާކުރަން ފަށާފައިވާ ކަމަށް ވެސް ބީއެމްއެލް އިން ބުންޏެވެ.
"އަދި 21 ޖުލައި 2019ގައި މި ބޭންކުން މަޖިލީހަށް ފޮނުވުނު ސިޓީގައި އެހެން ބޭންކުތަކުން މި ޗެކްތަކާ ގުޅޭ މައުލޫމާތު ލިބުމުން ދިރާސާކުރުމަށް ފަހު އިތުރު ތަފްސީލް ފޯރުކޮށްދެވޭނެ ވާހަކަ ވެސް ވާނީ ދެންނެވިފަ އެވެ." ބަޔާނުގައިވެ އެވެ.
ބީއެމްއެލް އިން ބުނީ މިއަދު ކުރިއަށް ދިޔަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި، ހާމަކުރެވިގެން ދިޔަ މައުލޫމާތުތަކަށް ބަލާއިރު ބޭންކުން މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ދެއްކި ވާހަކަތަކާއި ބޭންކުން މަޖިލީހަށް ހުށަހެޅުނު ސިޓީގައިވާ މައުލޫމާތުތައް މާނަ ކުރުމުގައި ތަފާތުތަކެއް ހުރިކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
އެގޮތުން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ވެސް އަދި މަޖިލީހަށް ފޮނުވި ސިޓީގައި ވެސް އެއްވެސް ވަރަކަށް ބައުންސް ޗެކްތަކެއްގެ ވާހަކަ ބަޔާންކޮށްފައި ނުވާނެ ކަމަށް ބޭންކުން ބުނެ އެވެ.
އެމްއެމްޕީއާރުސީގެ މައްސަލާގައި ތަހުގީގީ އިދާރާތަކަށް މިހާރު ވެސް ވަރަށް ގިނަ މައުލޫމާތުތަކެއް ފޯރުކޮށްދީފައި ވާނެ ކަމަށާއި އެ މައުލޫމާތުތަކުގެ ތެރޭގައި އެސްއޯއެފް އެކައުންޓުން ފައިސާ ޓްރާންސްފާ ވެގެން ދިޔަ އެކައުންޓްތަކާއި ނަގުދު ފައިސާ ނަގާފައިވާ ފަރާތްތަކުގެ މައުލޫމާތު ވެސް ހިމެނޭނެ ކަމަށް ބީއެމްއެލް އިން މައުލޫމާތުދެ އެވެ.
"މަތީގައި ދެންނެވުނު ޗެކްތަކާ ގުޅޭ ގޮތުން މާލީ ނިޒާާމުގެ ތެރެއިން ހިންގިފައިވާ މިފަދަ މުޢާމަލާތްތައް ތަހްގީގުކޮށް، އެމްއެމްޕީއާރުސީގެ މައްސަލަ އަވަސް މިނެއްގައި ނިންމައި، މި ކަމުގެ ހަގީގަތް ހާމަވެގެން ދިއުމަކީ މި ބޭންކުން އެދޭގޮތް ކަމުގައި ދަންނަވަމެވެ." ބީއެމްއެލް އިން ބުންޏެވެ.
ބީއެމްއެލް އިން ބުނީ ގާނޫނު އަސާސީ އާއި ގާނޫނުތަކުގެ ދަށުން ރައްޔިތުންގެ މަޖިލީހުން އަދާކުރާ މުހިންމު މަސްއޫލިއްޔަތުތަކުގައި ފުރިހަމައަށް އެއްބާރުލުން ދިނުމަކީ އެ ބޭންކުން ނުހަނު އިސްކަންދޭ ކަމެއް ކަމަށެވެ.