ވީޑިއޯ އާ ގުޅިގެން ބައެއް ކުޅުންތެރިން ގައުމީ ޓީމުން ވަކިކޮށްފި

އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް --- ސަން ފޮޓޯ/ އަހުމަދު އަވްޝަން

މިހާރު ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ، 15 އަހަރުން ދަށުގެ ގައުމީ ފުޓުބޯޅަ ޓީމުގެ ކުޅުންތެރިންތަކެއްގެ ވީޑިއޯގެ މައްސަލަ ބެލުމަށްފަހު، އެކަމުގައި ހިމެނުނު ކުޅުންތެރިން ގައުމީ ޓީމުން ވަކި ކޮށްފިއެވެ.

އެފްއޭއެމް އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެ މައްސަލަ ބެލުމުން، އެއީ މިހާރު އައްޑޫ ސިޓީގައި ކުރިއަށްދާ 15 އަހަރުން ދަށުގެ ފުޓްބޯޅަ މުބާރާތުގެ ތެރޭގައި ކޮށްފައިވާ ކަމެއް ނޫންކަމަށާއި، އެއީ މިދިޔަ އަހަރު ނޭޕާލްގައި ކުރިއަށް ދިޔަ މުބާރާތެއްގައި ހިނގި ކަމެއްކަން އެނގިފައިވާ ކަމަށެވެ.

ނަމަވެސް ވީޑިއޯގައި ހިމެނޭ ބައެއް ކުދިން އައްޑޫގައި ކުރިއަށްދާ މުބާރާތަށް ނެގި ޓީމުގައި ވެސް ހިމެނޭ ކަމަށާއި، އެހެންކަމުން އެކުދިންނާ މެދު ޑިސިޕްލިނަރީ ފިޔަވަޅު އަޅަން ނިންމާފައިވާ ކަމަށެވެ.

އެގޮތުން އެކުދިން މިހާރު ޓީމުން ވަކިކޮށް މާލެ ގެނެސްފައިވާ ކަމަށް އެފްއޭއެމް އިން ބުންޏެވެ. އަދި ކުޅުންތެރިންގެ ކަންކަން ގާތުން ބަލައި އިތުރަށް ފަރުވާތެރި ވުމަށް ޓީމުގެ އޮފިޝަލުންނަށް ވެސް ނަސޭހަތް ދީފައި ވާނެ ކަމަށެވެ.

އެފްއޭއެމް އިން ބުނީ މިފަދަ އަހްލާގީ މައްސަލަތަކަކީ އެ އެސޯސިއޭޝަނުން އެއްވެސް ވަރަކަށް ބަލައިގަންނާނެ ކަމެއް ނޫން ކަމަށެވެ.

comment ކޮމެންޓް