އަގްސާ މިސްކިތުގެ ގޯތިތެރެއިން ސައުދީ މީހަކު ބޭރުކޮށްލައިފި

ފަލަސްތީނުގެ ބަޔަކު ވަނީ އަގްސާ މިސްކިތުގެ ގޯތި ތެރެއަށް ވަން ސައުދީ މީހަކު ބޭރުކޮށްލާފަ -- ފޮޓޯ: ޓުވިޓާ

ގުދުސް (ޖުލައި 23): އިސްރާއީލުގެ ފޮރިން މިނިސްޓްރީން އެގައުމަށް ގެންދިޔަ އަރަބި ޑެލިގޭޝަނެއްގައި ބައިވެރިވި ސައުދީ އަރަބިއާގެ މީހަކު އަގްސާ މިސްކިތުގެ ގޯތިތެރެއަށް ވަނުމުން އޭނާ އެތަނުން ބޭރުކޮށްލައިފި އެވެ.

ސޯޝަލް މީޑިއާގައި ދައުރުވާ ވީޑިއޯތަކުން ފެންނަ ގޮތުގައި ފަލަސްތީނުގެ ރައްޔިތުންތަކެއް ވަނީ ސައުދީ ބްލޮގަރު މުހައްމަދު ސައުދާ ދިމާލަށް އެއްޗެހި ގޮވާ، އޭނާއާ ދިމާލަށް ޕްލާސްޓިކް ގޮނޑި އާއި އެހެނިހެން ތަކެތި އުކާފަ އެވެ. އޭގެ ސަބަބުން އޭނާ މިސްކިތް ހުންނަ ސަރަހައްދު ދޫކޮށްދާ މަންޒަރު ވީޑިއޯތަކުން ފެނެ އެވެ.

އިސްރާއީލް ފޮރިން މިނިސްޓްރީން ނެރުނު ބަޔާނުގައިވާ ގޮތުން ސައުދު ބައިވެރިވާ ޑެލިގޭޝަނުގައި ޔުނައިޓެޑް އަރަބް އެމިރޭޓްސް، އިރާގު، މިސްރު އަދި އުރުދުންގެ ނޫސްވެރިން ބައިވެރިވެ އެވެ. އަދި އެޑެލިގޭޝަނުން ހޮލޮކޯސްޓް މިއުޒިއަމްއަށާއި ގާނޫނު ހަދާ މަޖިލީހަށާއި ގުދުސްގެ ދީނީ ތަންތަނަށް ޒިޔާރަތް ކުރާނެ އެވެ.

އެއީ އިސްރާއީލުން އެފަދަ ޑެލިގޭޝަނެއް އެގައުމަށް ގެންދިޔަ ފުރަތަމަ ފަހަރެވެ. އަދި އެގައުމާ ޑިޕްލޮމެޓިކް ގުޅުންތައް ބާއްވާ ހަމައެކަނި އަރަބި ގައުމުތަކަކީ މިސްރާއި އުރުދުންނެވެ.

އިސްރާއީލް ފޮރިން މިނިސްޓްރީން ބުނި ގޮތުގައި ސައުދު ވަނީ "އިސްރާއީލުގެ ރައްޔިތުންނަކީ އޭނާގެ ގައުމުގެ ރައްޔިތުންނާ އެއްގޮތް ބަޔެއް ކަމަށާއި، އިސްރާއީލުގެ ރައްޔިތުންނަކީ އޭނާގެ އާއިލާ ފަދަ ބަޔެއް" ކަމަށް ބުނެފަ އެވެ. އަދި ގުދުސަށް ދިޔުމަކީ އޭނާ "އަބަދުވެސް ދެކެމުން އައި ހުވަފެނެއް" ކަމަށް ބުނެފަ އެވެ.

comment ކޮމެންޓް