އެންމެ ގަދީމީ އެއް މިސްކިތުގެ ބައިތައް އިސްރާއީލުން ފެނިއްޖެ

އިސްރާއީލުން ފެނުނު ގަދީމީ މިސްކިތް ބޭނުން ކުރި ކަމަށް ބެލެވެނީ އެސަރަހައްދުގައި ދިރިއުޅުނު ދަނޑުވެރިން -- ފޮޓޯ: އައިއޭއޭ

ތެލްއަވީވް (ޖުލައި 20): ދުނިޔޭގެ އެންމެ ގަދީމީ އެއް މިސްކިތުގެ ބައިތައް އިސްރާއީލުގެ ނެގެވް ސަހަރާއިން ފެނިއްޖެ އެވެ.

އިސްރާއީލް އެންޓިކުއިޓީސް އޮތޯރިޓީ (އައިއޭއޭ)އިން ބުނި ގޮތުގައި ގާތްގަނޑަކަށް 1،200 އަހަރުވެފައިވާ އެމިސްކިތް ފެނިފައި ވަނީ ރަހާތު ސިޓީގައި އާ އިމާރާތެއް އަޅަން ތައްޔާރުވަމުން ދަނިކޮށެވެ. އަދި އެތަނުން ފެނިފައި ވަނީ މިސްކިތުގެ ފާރުތައް ކަމަށާއި، މައްކާއާ ދިމާލަށް ހުރި މިހުރާބުވެސް ފާހަގަ ކުރެވުނު ކަމަށް އައިއޭއޭއިން ބުންޏެވެ.

"ދުނިޔޭގެ ކޮންމެ ތަނަކުންވެސް، ހަތް ވަނަ ނުވަތަ އަށް ވަނަ ގަރުނުގެ ކުޑަ މިސްކިތެއް ފެނުމަކީ ވަރަށް މަދުން ނޫނީ ނުވާ ކަމެއް. އެދުވަސްވަރު ރާނާފައިވާ ބޮޑު މިސްކިތްތަކެއް ގުދުސް އާއި މައްކާއިން ފެނިފައިވޭ، ނަމަވެސް މިތަނުން ފެނިފައި ވަނީ މިސަރަހައްދުގައި ދިރިއުޅުނު ދަނޑުވެރިން ބޭނުން ކުރި ކަމަށް ބެލެވޭ މިސްކިތެއް،" އާކިއޮލޮޖިސްޓުން ބުންޏެވެ.

އަލަށް ފެނުނު މިސްކިތުގެ ފާރުތަކުގެ ތެރޭގައި ނަމާދު ކުރަނީ -- ފޮޓޯ: އައިއޭއޭ

އެމިސްކިތުގެ އިތުރުން އެސަރަހައްދުން ވަނީ މީހުން ދިރިއުޅުނު ކަމަށް ބެލެވޭ، ދުވަސްވީ ގެތަކެއްގެ ބައިތައް ފެނިފަ އެވެ. އަދި ބޮޑަށް ބެލެވޭ ގޮތުގައި އެއީ ހަތް ވަނަ ގަރުނުގެ މެދުތެރޭ، އިސްލާމީ މުޖުތަމައެއް ދިރިއުޅުނު ސަރަހައްދެއް ކަމަށް އާކިއޮލޮޖިސްޓުން ބުންޏެވެ.

މީގެ އިތުރުން އެ މިސްކިތް ފެނުމަކީ ތާރީހު ދިރާސާ ކުރުމަށް ލިބުނު ބޮޑު ފުރުސަތެއް ކަމަށްވެސް އައިއޭއޭއިން ބުންޏެވެ.

comment ކޮމެންޓް