އައިއޯއައިޖީ ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސް ބައިވެރިވެ ވަޑައިގެންފި

އައިއޯއައިޖީ ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސްގެ ދެކަނބަލުން ވަނީ ބައިވެރިވެ ވަޑައިގެންފައި--- ފޮޓޯ/ ރައީސް އޮފީސް

މޮރިޝަސް ސަރުކާރުގެ ދައުވަތަކަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާ އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު މޮރިޝަސް އަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި އެގައުމުގައި މިއަދު ފެށި އިންޑިއަން އޯޝަން އައިލެންޑް ގޭމްސް 2019 (އައިއޯއައިޖީ) ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެންފިއެވެ.

މޮރިޝަސްގެ ޕޯޓް ލުއީގައި މިއަދު ފެށި އިންޑިއަން އޯޝަން އައިލެންޑް ގޭމްސް ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސްގެ ދެކަނބަލުން ބައިވެރިވެ ވަޑައިގެންނެވީ އެ މުބާރާތުގައި ބައިވެރިވާ ހުރިހާ ދިވެހި އެތުލީޓުންނަށް ހިތްވަރުދެއްވުމުގެ ގޮތުންނެވެ.

އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ކުރިއަށްދާ އެކި ކުޅިވަރުތައް ރައީސްގެ ދެކަނބަލުން ބައްލަވައިލެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ. އެ މުބާރާތުގެ 14 ކުޅިވަރެއްގައި ރާއްޖެއިން މިފަހަރު ބައިވެރިވެއެވެ.

ބައިނަލްއަގްވާމީ މުބާރާތަކުން ރާއްޖެއަށް އެންމެ ފުރަތަމަ މެޑެއްޔެއް ލިބުނީ މީގެ 40 އަހަރު ކުރިން އެންމެ ފުރަތަމަ ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސް ކުޅިވަރު މުބާރާތުންނެވެ. ރާއްޖެއަކީ މި މުބާރާތުގެ ފައުންޑަ މެންބަރު ގައުމެއްވެސް މެއެވެ. އޭގެއިތުރުން ރާއްޖެއިން އަންނަނީ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް 2023 ރާއްޖޭގައި ބޭއްވުމަށް މަސައްކަތް ކުރަމުންނެވެ.

comment ކޮމެންޓް