ފޮތް ކިޔުމުގެ އާދަ ތުއްތު އިރުއްސުރެ ކުދިންނަށް ދަސްކޮށްދޭންޖެހޭ: ޔުމްނާ

ޔުމްނާ މައުމޫން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކުޑަ ކުދިންނަށް ފޮތް ކިއުމުގެ އާދަ އެއްމެ ތުއްތު އިރުއްސުރެ ދަސްކޮށްދޭން ޖެހޭ ކަމަށް ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން ވިދާޅުވެއްޖެއެވެ.

ކުޑަކުދިންގެ މަލްޓި މީޑިއާ ލައިބްރަރީ އަލުން ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ޔުމްނާ ވިދާޅުވީ ކުދިންނަށް ފޮތް ކިޔައިދިނުމަކީ މައިންބަފައިންނާއި ޓީޗަރުންގެ ކޮނޑުގައި އެޅިފައިވާ ވަރަށް ބޮޑު ވާޖިބެއް ކަމަށެވެ.

"ކުދިންނަށް އުފާވެެރި ރައްކާތެރި މާހައުލެއްގައި ފޮތް ކިއުމަކީ މަޖާ ކަމެއްކަން އެކުދިންނަށް އެނގޭ ގޮތަށް ކުދިން ބައިވެރިކޮށްގެން ފޮތް ކިޔައިދިނުމަކީ ހުނަރެއް. އެގޮތަށް ތުއްތު އިރުއްސުރެ ކުދިން ފޮތާ ރައްޓެހިކުރެވިއްޖެނަމަ މުޅި އުމުރަށްވެސް އެކުދިން ފޮތް ކިޔާނެ،" ޔުމްނާ ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ކުޑަކުދިންގެ ބެލެނިވެރިންނާ އެކުދިން ބަލާ ބޮޑެތި މީހުން ކޮންމެ ދުވަހަކުވެސް ފޮތް ކިޔައިދިނުމަށް ވަގުތުކޮޅެއް ހާއްސަ ކުރަން ޖެހޭ ކަމަށެވެ.

"ކުދިންނަށް ރޭގަނޑު ނިދާ ގަޑީގައިވެސް ކޮންމެވެސް އެއް ވަގުތެއްގައި ފޮތް ކިޔައިދޭން އާދަކުރެވިއްޖެނަމަ އެކުދިން ފޮތާ ދުރެއް ނުވާނެ. ފޮތް ކިޔަން އާދަ ވާނެ. އެކަން މުޅި އުމުރަށް އެ އާދަ ހިފާނެ. އޭގެ ސަބަބުން އެކުދިންގެ ދިރިއުޅުމަސް ވަރަށް ގިނަ ފައިދާތަކެއް ކުރާނެ،" ޔުމްނާ ވިދާޅުވިއެވެ.

ފޮތް ކިއުމުގެ މުހިންމުކަމަށް އިތުރަށް އަލި އަޅުވާލައްވައި މިނިސްޓަރު ވިދާޅުވީ ފޮތުން ކުދިންނަށް ވަރަށް ގިނަ މައުލޫމާުތަކެއް ލިބިގެންދާ ކަަމަށާއި އަދި އެކުދިންނަށް އަމިއްލަ ނަފްސަށް އިތުބާރު ކުރަން ދަސްވެ އަދި ހިޔާލުތައް ތަނަވަސްވެ ކުދިންގެ ސިކުނޑިތައް ހުޅުވިގެންދާ ކަމަށެވެ.

comment ކޮމެންޓް