ފެހެންދޫ ކުދިން ސްކޫލަށް ދާ އުޅަނދު ފަރުމާކޮށްދޭނެ ފަރާތެއް ހޯދަނީ

ފެހެންދޫގެ ދަރިވަރުންތަކަކާއި އެކުދިންގެ ބެލެނިވެރިން ޑިންގީގައި ---

ބ. ފެހެންދޫ ކުދިން އެ އަތޮޅޫ ގޮއިދޫ ސުކޫލަށް ކިޔަވަން ދިޔުމަށް ބޭނުން ކުރާނެ ރަނގަޅު ފެންވަރުގެ އުޅަނދެއް ފަރުމާކޮށްދޭނެ ފަރާތެއް ހޯދުމަށް އެޑިއުކޭޝަން މިނިސްޓްރީއިން އިއުލާންކޮށްފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީ އިން މިއަދު ކުރި އިއުލާނުގައި ބުނެފައި ވަނީ އެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބީލަން ހުށަހެޅުމުގެ ފުރުސަތު މިހާރު ހުޅުވާލައިފައިވާ ކަމަށެވެ.

ބީލަންތަކުގައި ބައިވެރިވުމުގެ ފުރުސަތު މާދަމާ އިން ފެށިގެން މި މަހުގެ 22 ވާ ހޯމަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލައިފައެވެ. އަދި ނަން ނޯޓު ކުރުން އޮފީސް ބަންދު ނޫން ކޮންމެ ދުވަހަކު 9:00 އިން މެންދުރު 1:00 އަށް ކުރިއަށް ދާނެ ކަމަށް މިނިސްޓްރީ އިން ބުންޏެވެ. އަދި މަސައްކަތާއި ބެހޭގޮތުން ބާއްވާ މައަލޫމާތު ދިނުމުގެ ބައްދަލުވުން 23 ޖުލައި ގައި ބޭއްވުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.

ބިޑް ހުޅުވުން އޮންނާނީ 29 ޖުލައި ވާ ހޯމަ ދުވަހު އެވެ.

މިދިޔަ މަހު ކުރީކޮޅު ސަރުކާރުން ވަނީ ފެހެންދޫ ދަރިވަރުން ދަތުރުކުރަން ބޭނުންކުރާނެ ފެންވަރު ރަނގަޅު ފެރީއެއް އިންޑިއާގެ އެހީގައި ހޯދުމަށް ނިންމައިފަ އެވެ.

މި އަހަރުގެ ކުރީކޮޅު، އިންޑިއާގެ އޭރުގެ ފޮރިން މިނިސްޓަރު ސުޝްމާ ސުވަރާޖް ރާއްޖެ ވަޑައިގެންނެވި އިރު، ރާއްޖޭގައި އިޖުތިމާއީ ތަރައްގީއަށް ބޭނުންކުރުމަށް 106 މިލިއަން ރުފިޔާ (6.9 މިލިއަން ޑޮލަރު)ގެ ހިލޭ އެހީ ދިނުމަށް ނިންމި އެވެ.

ފޮރިން މިނިސްޓްރީ އިން ބުނީ ގޮއިދޫގައި ކިޔަވާ އެ އަތޮޅު ފެހެންދޫގެ ދަރިވަރުން، ދެ ރަށް ދޭތެރޭގައި ދަތުރުކުރުމަށް ފެންވަރު ރަނގަޅު ފެރީއެއް ހޯދުމަށް އެ ފައިސާގެ ތެރެއިން 1.5 މިލިއަން ރުފިޔާ ކަނޑައަޅާފައިވާ ކަމަށެވެ.

އާބާދީ ކުޑަވުމުގެ ސަބަބުން ފެހެންދޫ ސްކޫލު ބަންދުކުރި ފަހުން ގިނަ އަހަރުތަކެއް ވެފައިވާއިރު، ސްކޫލަށް ދިއުމަށްޓަކައި، ފެހެންދޫއާ އެއް ފަޅެއްގައި އޮންނަ ގޮއިދޫއަށް ފެހެންދޫގެ ދަރިވަރުން މިވަގުތު ދަތުރުކުރަނީ ކުޑަ ޑިންގީއެއްގަ އެވެ.

ނަމަވެސް މިހާރު ދަތުރުކުރަން ބޭނުންކުރާ ޑިންގީ އަކީ ވެސް ކުޑަ ކުދިންތަކެއް ގޮވައިގެން ދަތުރު ކުރުމަށް އެންމެ އެކަށީގެންވާ ޑިންގީ އެއް ނޫން ކަމަށް ބެލެނިވެރިން އަންނަނީ ބުނަމުންނެވެ.

މީގެ ކުރިން ފެހެންދޫގެ ކައުންސިލު މެމްބަރުން ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ބައްދަލުކުރައްވައި، އެ ރަށުގެ ދަރިވަރުން ސްކޫލަށް ދިއުމަށް އުފުލާ ދަތިތަކުގެ ވާހަކަވެސް ހިއްސާކޮށްފަ އެވެ.

comment ކޮމެންޓް