ލުތުފަރު މަރާލި މައްސަލައިގައި ތިން ބިދޭސީންނަށް ދައުވާކޮށްފި

ބޯޓުގައި ލުތުފަރު މަރާލި ތަން އަދި މޫދަށް އެއްލާލި ދިމާ -- ފޮޓޯ/ ފުލުހުން

ށ. ޅައިމަގުގައި ގެއްލިގެން ހޯދި އެ ރަށު "ކުރިމަގު" ބޯޓުގައި މަސައްކަތް ކުރަމުން ދިޔަ ބިދޭސީ މީހާ، ލުތުފަރު މަރާލި މައްސަލައިގައި ތިން ބިދޭސީންނަށް ދައުވާ ކޮށްފި އެވެ.

މިއަދު ކުރިމިނަލް ކޯޓުގައި ވަނީ އެ ތިން ބިދޭސީންގެ ފުރަތަމަ އަޑުއެހުމެއް ތާވަލްކޮށްފައެވެ. ތާވަލްއިން އެނގޭ ގޮތުގައި، ތިން ބިދޭސީންނަށް ދައުވާ ކުރުމަށް ފޮނުވާފައި ވަނީ މިދިޔަ މަހުގެ 30 ވަނަ ދުވަހު އެވެ.

ލުތުފަރާ އެކު އެ ބޯޓުގައި މަސައްކަތް ކުރި ތިން ބިދޭސީންނަށް ދައުވާ ކުރަނީ އެނގިހުރެ މީހަކު މެރި ކަމުގައި ދައުވާއެވެ. އެ ތިން މީހުން ވެސް ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ކޯޓުން ވަނީ މީގެ ކުރިން އަމުރުކޮށްފައެވެ.

ފުލުހުން މީގެ ކުރިން ބުނެފައިވާ ގޮތުގައި، ބަންދާ މެދު ގޮތެއް ނިންމުމަށް މީގެ ކުރިން ކޯޓަށް ހާޒިރުކުރުމުން ހައްޔަރުގައި ތިބި ތިން މީހުންވެސް ވަނީ ލުތުފަރު މަރާލި ކަމަށް އެބަސްވެފައެވެ. އެމީހުން ވަނީ އެކަން ކުރި ގޮތް ވެސް ކިޔާދީފައެވެ.

ލުތުފަރު މަރާލީ އޭނާ އެއްޖިންސުން ގުޅުން ހިންގާ ކަމަށް ތުހުމަތުކޮށް ކަމަށް އެ ފުލުހުންގެ ތަހުގީގަަށް އެނގިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ލުތުފަރުގެ ހަށިގަނޑުގެ ބައިތައް ފެނިފައި ވަނީ އޭނާ ހޯދުމަށް ފުލުހުންގެ ޑައިވަރުން މަސައްކަތް ކުރުމުގެ ތެރޭގައި ކަނޑު އަޑިން އެވެ. އޭނާގެ ހަށިގަނޑުން ހަމައެކަނި ފެނުނީ، ހަށިގަނޑުގެ އެކި ބައިތަކުގެ ކަށިތަކެވެ.

comment ކޮމެންޓް