ގަވައިދާ ހިލާފަށް ޕާކު ކޮށްފައި ހުންނަ އުޅަނދުތަކުގައި މިހާރު ސްޓިކާ ޖަހަނީ ޕާކް ކުރާނެ ތަންތަން ހެދުމަށް ފަހުގައި ކަމަށް ޓްރާންސްޕޯޓު މިނިސްޓަރު އާއިޝަތު ނަހުލާ ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު މިއަދު ވިދާޅުވީ ޕާކު ކުރާނެ ތަނެއް ނުދައްކާ ސްޓިކާ ނުޖެހުމަކީ މި ސަރުކާރުގެ ރިޔާސީ ވައުދެއް ކަމަށެވެ. ސަރުކާރު ބަދަލުވީއިރު މަސައްކަތް ކުރިއަށް ގެންދެވީ އެގޮތަށް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"އޭގެ ފަހުގައި އަޅުގަނޑުމެން މާލޭގެ އެކި ސަރަހައްދުތަކުގައި ޕާކު ކުރާނެ ތަންތައް އިތުރަށް ހަދާފައި ވާނީ. އިތުރަށްވެސް އެކަން ފުޅާކުރުމަށްޓަކާ ކުރިއަށް އޮތްތަނުގައި ޕާކު ކުރާނެ ތަންތަންއިތުރުވެގެން ދާނެ،" މިނިސްޓަރު ވިދާޅުވި އެވެ.
"ތަންތަން ދެއްކުމަށްފަހު އަޅުގަނޑުމެން ސްޓިކާ މި ޖަހަން ފެށީ. ސައިކަލަކުން މީހަކު ފައިބައިފަ ޒިބްރާ ކްރޮސްމަތީ ހުރަހަށް ބެހެއްޓީމަ އެއްވެސް ރައްޔިތަކު ގަބޫލެއް ނުކުރާނެ ރައްޔިތުންނަށް ފަސޭހަ ވާނެ ކަމެއް ކަމަކަށް އެއީ،"
މިނިސްޓަރު ވިދާޅުވީ ކުރިއާއި ހިލާފަށް މިހާރު ވެހިކަލުގައި ސްޓިކާ ޖަހަނީ ވެހިކަލް އޮތް ސަރަހައްދު ފޮޓޯ ނެގުމަށް ފަހުގައި ކަމަށެވެ.
"ސްޓިކާ ޖެހުމުގެ އެއްވެސް މައްސަލައެއް ހުށަހެޅިފައެއް ނެތް. އެއީ ޕޮލިހުން ވަރަށް ބޮޑަށް ބައްލަވާފައި ސްޓިކާ ޖަހަންޖެހޭ ވެހިކަލްތަކުގައި ސްޓިކާ ޖަހަމުންދަނީ،" މިނިސްޓަރު ވިދާޅުވި އެވެ.
ފުލުހުން އާންމުކޮށްފައިވާގޮތުން ނުވަ ސަރަހައްދެއްގައި ޕާކު ކުރާނަމަ ސްޓިކާ ޖަހާނެ އެވެ.
އެ ސަރަހައްދުތަކަކީ:
- މިސްކިތްތައް ކައިރި
- ކަފިހި ހުރަސް/ ދުވާރު
- މަގު/ ގޯޅި ތަކުގެ ކަންމަތި
- ސްކޫލުތައް ކައިރި
- ހޮސްޕިޓަލުތައް ކައިރި
- ބޭންކުތައް ކައިރި
- ބޮޑުތަކުރުފާނުމަގުގެ ތާރު އެޅި ސަރަހައްދު
- ފުލުހުންގެ ކޯނު/ ބެރިކޭޑް ބަހައްޓާފައިވާ ސަރަހައްދު
- ޑަބަލް ލައިން ދަމާފައިވާ ސަރަހައްދު
ކުރީގެ ސަރުކާރުން މާލޭގެ އެކި ސަރަހައްދުތަކުގައި ޕާކިން ސިސްޓަމުތައް ބެހެއްޓިނަމަވެސް އެތަންތަނުގެ ބޭނުމެއް ނުކުރެއެވެ. ސިޓީ ކައުންސިލުން މިހާރު އެ ސިސްޓަމްތައް ނެގުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.