ލައިސެންސްއާ ގުޅޭ ހިދުމަތްތައް އޮންލައިންކޮށް ދޭން ފަށަނީ

މިނިސްޓަރު ނަހުލާ މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަނީ -- ސަން ފޮޓޯ: އަހުމަދު އަވްޝަން

ޓްރާންސްޕޯޓު އޮތޯރިޓީ އިން ދޭ ހިދުމަތައް އަވަސްކޮށް ރައްޔިތުންނަށް ފަސޭހަކޮށްދިނުމަށްޓަކާ، އެ އޮތޯރިޓީ އިންދޭ ބައެއް ހިދުމަތްތައް އޮންލައިންކޮށް ދޭން ނިންމައިފި އެވެ.

ޓްރާންސްޕޯޓު މިނިސްޓްރީ އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އާއިޝަތު ނަހުލާ ވިދާޅުވީ އަންނަ އާދިއްތަ ދުވަހުން ފެށިގެން ލައިސެންސާ ގުޅޭ ހިދުމަތްތައް ދޭނީ އޮންލައިންކޮށް ކަމަށެވެ.

"ލައިސެންސާ ގުޅުން ހުރި ހުރިހާ ހިދުމަތެއް އަޅުގަނޑުމެން އޮންލައިން ކުރާނެ ވާހަކަ ދަންނަވަން. އަދި ޕޯޓް ޑިއުސް އަދި ލެޓް ޑިއުސްގެ ހިދުމަތްތައްވެސް އޮންލައިން ކުރެވިގެންދާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

ޓްރާންސްޕޯޓު އޮތޯރިޓީ އިންދޭ ހިދުމަތްތަކަށް ބަދަލު ގެނެސް ރައްޔިތުންނަށް ފަސޭހަކޮށްދިނުމަށް އެ އޮތޯރިޓީއިން ނަންބަރު ދޫކުރާ ގަޑިތަކަށްވެސް ވަނީ ބަދަލުގެނެސްފަ އެވެ. މީގެ ކުރިން ކޮންމެ ދުވަހަކު ވަކި އަދަދަކަށް ނަންބަރު ދޫކުރި ނަމަވެސް މިހާރު ކޮންމެ ދުވަހަކުވެސް 8:00 އިން 11:00 އަށް ނަންބަރު ދޫކުރެ އެވެ.

މިނިސްޓަރު ނަހުލާ ވިދާޅުވީ މި ވަގުތުގައި ދޫކުރާ ނަންބަރުތައް ހުސްވަންދެން ހިދުމަތް ދޭނެ ކަމަށެވެ.

comment ކޮމެންޓް