އެފްރިކަން ކަޕް އޮފް ނޭޝަންސް (އެފްކޮން)ގެ ސެމީ ފައިނަލު މެޗުތަކުގައި ރޭ ޓިއުނީޝިއާ ބަލިކޮށް ސެނަގޮލްއިން ފައިނަލުގެ ޖާގައެއް ކަށަވަރު ކުރިއިރު ދެވަނަ ޓީމެއްގެ ގޮތުގައި ކުޅުމަށް އަލްޖީރިއާއިން ފަހު ވަގުތު ނައިޖީރިއާ ގާތުން ކުރި ހޯދައިފިއެވެ.
މިސްރުގައި ރޭ ކުޅުނު ސެމީ ފައިނަލުގެ މެޗުން ސެނެގޮލް ކުރި ހޯދީ 0-1 ގެ ނަތީޖާ އަކުންނެވެ. މި މޮޅާއެކު އެ ޓީމުން ފައިނަލަށް ދަތުރު ކުރިއިރު މިއީ އެ ގައުމު މި މުބާރާތުގެ ފައިނަލަށް ދަތުރުކުރި ދެވަނަ ފަހަރެވެ. މީގެ ކުރިން 2002 ވަނަ އަހަރު އެ ޓީމުން ކުޅުނު ފައިނަލު މެޗުން އެ ޓީމު ވަނީ ޔުގަންޑާ އަތުން ބަލިވެފައެވެ. ވީމާ މިއީ އެ ޓީމަށް މިފަދަ ބައިނަލްއަގުވާމީ ބޮޑު މުބާރާތަކުން އެއްވަނަ ހޯދަން ލިބުނު ރަނުގެ ފުރުސަތެކެވެ.
ރޭ ކުޅުނު ވާދަވެރި އެ މެޗުގައި ދެ ޓީމުގެ ފަރާތުންވެސް މޮޅު ކުޅުމެއް ފެނިގެން ދިޔަ އިރު ދެ ޓީމަށް ވެސް ވަނީ ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ލިބިފައެވެ. ނަމަވެސް ދެ ޓީމަށްވެސް ލިބުނު ފުރުސަތުތަކުގެ އެންމެ ރަނގަޅު ބޭނުމެއް އެ މެޗުގައި ހިފިފައެއް ނުވެއެވެ.
އެގޮތުން އެ މެޗުގައި ދެ ޓީމަށްވެސް ކުޅުމުގެ ތެރެއިން ޕެނަލްޓީއެއް ލިބިގެން ދިޔައެވެ. ނަމަވެސް ދެ ޓީމުން ކުރެ އެއް ޓީމަކަށް ވެސް އެ ޕެނަލްޓީ ގޯލަކަށް ބަދަލު ކޮށްލެވޭ ގޮތް ވަނީ ނުވެފައެވެ.
ދެ ޓީމުގެ ފަރާތުން ވެސް ރީތި ބަލާހިތްވާ ކުޅުމެއް ފެނިގެން ދިޔަ އެ މެޗުގެ ތަފާތަކަށް ވެގެން ދިޔައީ ލަނޑަކީ އިތުރުވަގުތުގެ ފުރަތަމަ ހާފުގައި ޓިއުނީޝިއާގެ ޑިލަން ބްރޮން އަތުން ބައިކޮޅަށް ވަން ގޯލެކެވެ. އެ ގޯލާއެކު 2004 ވަނަ އަހަރުގެ ފަހުން ފުރަތަމަ ފަހަރަށް ސެމީ ފައިނަލުގައި ކުޅުނު ޓޫނީޝިއާގެ އުންމީދުތައް ވަނީ އެކީ އެކަށް ފުނޑުފުނޑުވެގެން ގޮސްފައެވެ.
މީގެ އިތުރުން އަލްޖީރިއާއިން ވަނީ އެންމެ ފަހު ސިކުންތުކޮޅުގައި ލިބުނު ހިލޭ ޖެހުމަކުން ގޯލެއް ޖަހައި ނައިޖީރިއާ ރޮއްވާލުމަށްފަހު ފައިނަލުގެ ދެވަނަ ޖާގައެއް ޔަގީންކޮށްފައެވެ.
ރޭ ކުޅުނު ވާދަވެރި އެ މެޗުން ނައިޖީރިއާގެ މައްޗަށް އަލްޖީރިއާ ކުރި ހޯދީ 1-2 ގެ ނަތީޖާއަކުންނެވެ. މި މޮޅާއެކު މީގެ 29 އަހަރު ކުރިން މި މުބާރާތުގެ ތަށި ހޯދި އަލްޖީރިއާއިން މިފަހަރުގެ ފައިނަލަށް ދަތުރު ކުރި އިރު އެ ޓީމު އޮތީ ވަރަށް ރަނގަޅު ފޯމެއްގައެވެ.
މުބާރާތް ބާއްވާ ގައުމު ކަމަށްވާ މިސްރު ހިތްދަތިގޮތަކަށް ކަޓުވާލުމަށްފަހު ސެމީ ފައިނަލަށް ދަތުރު ކުރި ނައިޖީރިއާއިން ރޭގެ މެޗުގައި އަލްޖީރިއާ ހިފަހައްޓަން ބޮޑެތި މަސައްކަތްތަކެއް ކުރި ނަމަވެސް އެ ޓީމުގެ ހިތް ހަލާކުވެގެން ދިޔައީ މެޗު ނިމެން ކުޑަ ސިކުންތުކޮޅަށް ވެފައި ވަނިކޮށެވެ.
މެޗުގެ ފުރިހަމަ ވަގުތު ނިމުނު އިރު ދެ ޓީމު ވެސް އެއް ގޯލު ޖަހައިފައި އޮތް އިރު ރެފްރީ ވަނީ ހަތަރު މިނަޓުގެ އިތުރު ވަގުތު ދައްކާފައެވެ. އެ ހަތަރު މިނަޓު ހަމަވާން ކުޑަ ވަގުތުކޮޅަށަކަށް ވެފައި ވަނިކޮށް އަލްޖީރިއާއަށް ލިބުނު ހިލޭ ޖެހުން ގޯލުގެ ތެރެއަށް ފޮނުވާލާ އެ ގައުމު ފައިނަލަށް ގެންގޮސްދިނީ އިނގިރޭސިވިލާތުގެ މެންޗެސްޓާ ސިޓީއަށް ކުޅެމުން އަންނަ ރިޔާދް މަހްރޭޒެވެ.