އެންމެ މޮޅު އެކަކުގެ ގާތުން ލިބުނު އެންމެ ޝަރަފުވެރި ޓްރޮފީ

ރޮޖާ ފެޑެރާ ބަލިކޮށް ވެމްބުލެޑޮންގެ ތަށި ނޮވަކް ޖޮކޮވިޗް އުފުލައިލަނީ --- ފޮޓޯ// ބެން ސްޕަރެޓް

މިހާތަނަށް އުފެދުނު އެންމެ މޮޅު އެއް ޓެނިސް ކުޅުންތެރިޔާ ކަމަށް ގިނަބަޔަކު އިއްތިފާގު ވާ ރޮޖާ ފެޑެރާ ބަލިކޮށް ވިމްބްލެޑޮންގެ ޓްރޮފީއާ އެކު ދުނިޔޭގެ އެއްވަނައަށް އެރުމަކީ އަމިއްލަ ނަފްސަށް ވެސް ގަބޫލުކުރަން ދަތިވި ކަމެއް ކަމަށް ނޮވަކް ޖޮކޮވިޗް ބުނެފި އެވެ.

މިހާތަނަށް ވެމްބުލެޑޮން ފައިނަލެއްގައި ކުޅުނު އެންމެ ދިގު މެޗުގައި ރޭ ފެޑެރާގެ މައްޗަށް ޖޮކޮވިޗް ކުރި ހޯދީ 7-6 (7-5) 1-6 7-6 (7-4) 4-6 13-12 (7-3) އިންނެވެ. މި މެޗު ހަތަރު ގަޑިއިރާއި 57 މިނިޓަށް ދިގުލައިގެންދިޔަ އިރު މީގެ ކުރިން މި ވަގުތާ ގާތް ކުރާ ވަރަކަށް ވެސް މި މުބާރާތުގެ ފައިނަލު މެޗެއް ކުޅުނީ 2008 ވަނަ އަހަރު އެވެ. އެ އަހަރުގެ އެ ވާދަވެރި މެޗު ކުޅުނީ ރޭގެ މެޗުން ބަލިވި ފެޑެރާއާއި ރަފެއަލް ނަދާލް އެވެ. އެ މެޗު ވެސް ވަނީ ހަތަރު ގަޑިއިރާއި 48 މިނަޓަށް ދިގުލައިގެން ގޮސްފަ އެވެ.

ރޮޖާ ފެޑެރާ ބަލިކޮށް ވެމްބުލެޑޮންގެ ތަށި ނޮވަކް ޖޮކޮވިޗް އުފުލައިލަނީ --- ފޮޓޯ// ބެން ސްޕަރެޓް

ޓެނިސްގެ ރަމްޒުދާރެއްގެ ގޮތުގައި ފާހަގަވެފައިވާ ފެޑެރާ އެންމެ ދޮށީ އުމުރެއްގައި ވެމްބުލެޑޮންގެ ތަށި ހޯދައި އޭނަގެ ރެކޯޑަށް އިތުރު ބޮޅެއް ހަމަކުރުމަށް ރޭގެ މެޗަށް ނުކުތް އިރު އޭނާ ވަނީ މީގެ ކުރިން އަަށް ފަހަރަކު އެ މުބާރާތުގެ ތަށި ހޯދައިފަ އެވެ. ނަމަވެސް ފަސް ސެޓުން މޮޅުވެ ހިތްދަތި ގޮތަކަށް ރޭގެ މެޗު ޖޮކޮވިޗް ކާމިޔާބު ކުރުމުން ފެޑެރާއަށް ވަނީ ބޮޑު ހިތާމައެއް ލިބިފައެވެ.

ފެޑެރާ ބަލިކޮށް 16 ވަނަ ގްރޭންޑް ސްލޭމްގެ ތަށި ޖޮކޮވިޗް ރޭ އުފުލާލި އިރު އޭނާ ވަނީ މި ތަށްޓަކީ އޭނާގެ ހަޔާތުގައި ވެސް ލިބުނު އެންމެ ހާއްސަ އެއް ތަށި ކަމަށް ބުނެފަ އެވެ. އޭނާ ބުނީ ރޭގެ މެޗުން ލިބުނު މޮޅަކީ މިހާތަނަށް އޭނާ އެންމެ ބޭނުންވި މޮޅު ކަމަށެވެ. އަދި އެ މެޗުން މޮޅުވުމުން ހުރީ އެ ކަން ގަބޫލު ކުރަން ވެސް ދަތިވެ ބުނާނެ އެއްޗެއް ވެސް ނެތިފައި ކަމަށެވެ.

"މިއީ މިހާތަނަށް އަހަރެން ކުޅުނު އެންމެ ވާދަވެރި މެޗު. ދުނިޔޭގައި އުފެދުނު އެންމެ މޮޅު އެއް ކުޅުންތެރިޔާއާ ވާދަކޮށް މި މެޗުން މޮޅުވުމުން ވަރަށް އުފާވެއްޖެ. މި މެޗަކީ އާދަޔާ ޚިލާފު މެޗެއް." ޖޮކޮވިޗް ބުންޏެވެ.

އޭނާ ބުނީ 16 ވަނަ ގްރޭންޑް ސްލޭމް ލިބުމަކީ ލިބުނު ބޮޑު ފަޚުރެއް ކަމަށާއި އަމާޒަކީ އޭނައާ އެންމެ ވާދަވެރި ފެޑެރާގެ 20 ގްރޭންޑްސްލޭމްގެ ތަށްޓާ އަރައި ހަމަކުރުން ކަމަށެވެ.

comment ކޮމެންޓް