ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލުގެ ދަރިވަރަކު ގޮނޑިން ވައްޓާލާ މަންޒަރު ފެންނަ ވީޑިއޯ އަކީ ސްކޫލުން ކުރިއަށް ގެންދާ އެއްވެސް ޕްރޮޖެކްޓަކާ ގުޅުންހުރި ވީޑިއޯ އެއް ނޫން ކަމަށާއި، މިހާރު ވީޑިއޯގެ މައްސަލަ ބަލަމުން އަންނަ ކަމަށް އެ ސްކޫލުން ބުނެފި އެވެ.
މިހާރު ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ ވީޑިއޯ އާ ގުޅިގެން ސްކޫލުން، ބެލެނިވެރިންނަށް ފޮނުވި ސާކިއުލާއެއްގައި ބުނެފައި ވަނީ ސްނެޕްޗެޓުގައި ވީޑިއޯ އެއް އުޅޭ ކަމުގެ މައުލޫމާތު ބުރާސްފަތި ދުވަހުގެރޭ ލިބުނު ކަމަށާއި، ނަމަވެސް ފަހުން އެ ވީޑިއޯ ފުހެލާފައި ވާތީ ވީޑިއޯގެ ބާވަތް އޭރު ސާފު ނުވި ކަމަށެވެ.
ސޯޝަލް މީޑިއާގައި ވީޑިއޯ ދައުރުވަމުން އަންނަ ކަން އެނގުނީ އަހަރީ ދުވަހުގެ ޕެރޭޑަށް ފަހު ޓީޗަރުންނާއި ކުދިން ހެންވޭރު ދަނޑުގައި ތިއްބައި ކަމަށެވެ.
"އެވަގުތުން ފެށިގެން އަޅުގަނޑުމެން ވާނީ އެ ވީޑިއޯގެ މައްސަލަ ބަލަން ފަށާފަ،" ސާކިއުލާގައިވެ އެވެ.
އެ ސްކޫލުން ބުނީ މިހާރު ވީޑިއޯގައި ފެންނަ ކުދިންނާ ބައްދަލުކޮށް އެ މައްސަލަ ބަލަމުން އަންނަ ކަމަށާއި، އަދި އަޅަން ޖެހޭ ފިޔަވަޅު އަޅާނެ ކަމަށެވެ. އަދި ފޯކަސް އަކީ ވީޑިއޯ ކަމަށާއި، އެ ވީޑިއޯ ސޯޝަލް މީޑިއާއަށް ދޫކޮށްނުލި ނަމަވެސް ސީރިއަސް މައްސަލައެއްގެ ގޮތުގައި އެކަން ސްކޫލުން ބަލާނެ ކަމަށެވެ.
ރޭ ބައެއް މީޑިއާތަކުން ވަނީ އެ ވީޑިއޯ އަކީ އެ ސްކޫލުން ބުލީ ކުރުމާ ދެކޮޅަށް ހިންގާ ކެމްޕޭނު ޕްރޮޖެކްޓެއްގެ ދަށުން ކުދިންތަކެއް ރާވައިގެން ކުޅެފައިވާ ވީޑިއޯއެއް ކަމަށް ރިޕޯޓުކޮށްފައެވެ.
އެހެން ނަމަވެސް ޣިޔާސުއްދީން ސްކޫލުން ވަނީ އެކަން ދޮގުކޮށްފައެވެ. ސްކޫލުން ބުނީ ބުލީ ކުރުމާ ދެކޮޅަށް ވީޑިއޯ ޕްރޮޖެކްޓެއް ކުރިއަށް ގެންދަން ނިންމައި މިދިޔަ މަހުގެ 19 ވަނަ ދުވަހު އެއާ ގުޅޭ ގައިޑްލައިނެއް އާންމު ކޮށްފައި ވާނެ ކަމަށެވެ.
"ނަމަވެސް ވީޑިއޯ އަކީ އެ ޕްރޮޖެކްޓާ އެއްވެސް ގުޅުމެއް ނެތް ވީޑިއޯ އެއް ކަން ސްކޫލަށް ވަނީ އެނގިފައި" ސްކޫލުން ބުންޏެވެ.
އަދި މައްސަލަ އިތުރަށް ބެލުމުން، އެއީ އެ ސްކޫލުގެ ދަރިވަރުންތަކެއް ހަދާފައިވާ ޔޫޓިއުބް ޗެނަލަކަށް އަޕްލޯޑު ކުރުމަށް ދަރިވަރުންތަކެއް ރާވައިގެން ހެދި ވީޑިއޯއެއް ކަމަށާއި، ވީޑިއޯގައި ގޮނޑިން ވައްޓާލާ ކުއްޖާއަށް އެކަން ނޭނގޭ ކަމަށެވެ.
އެ ޗެނަލަށް މިހާތަނަށް އަޕްލޯޑު ކޮށްފައި ވަނީ މަދަހައެއް އެކަންޏެވެ. އެހެންކަމުން އެ ވީޑިއޯ ހެދީ އެ ޗެނަލަށް އިތުރު ކޮންޓެންޓު ލުމުގެ މަގުސަދުގައި ކަމަށް ސްކޫލުން މައުލޫމާތު ދެއެވެ. ސްކޫލުން ބުނީ ވީޑިއޯ އާ ގުޅިގެން އެއްވެސް މީޑިއާ އަކުން އެ ސްކޫލުން މައުލޫމާތު ހޯދަން މަސައްކަތް ކޮށްފައި ނުވާ ކަމަށާއި، އަދި ސްކޫލުން ވެސް އެއްވެސް މީޑިއާއަކަށް މައުލޫމާތު ހިއްސާ ކޮށްފައި ނުވާނެ ކަމަށެވެ.
ދަރިވަރުންނަކީ ސްކޫލުގެ ބޭރުން ވެސް ސޯޝަލް މީޑިއާ މެދުވެރިކޮށް ގިނަ ފަރާތްތަކަކާ މުއާމަލާތް ކުރާ ބަޔަކަށް ވާއިރު، ލިބޭ ހުސް ވަގުތުގައި ސަކަރާތް ޖެހުމަށް އެފަދަ ކަންކަން ކުރަން ހިތްވަރު ލިބުމަކީ އެކަށީގެންވާ ކަމެއް ކަމަށް ސްކޫލުން ގަބޫލު ކުރެއެވެ.
ސްކޫލުން ބުނީ އުސޫލުތަކެއްގެ މަތިން މޯބައިލް ފޯނު އަދި އެހެނިހެން ޑިވައިސްތައް ވެސް ބޭނުން ކުރުމަކީ ހުއްދަ ކަމެއް ކަމަށާއި އެކަމުގެ ބޭނުން ނަހަމަގޮތުގައި ހިފުމުގެ ފުރުސަތު ނުދިނުމަށް ވެސް ފިޔަވަޅުތަކެއް އެޅިފައިވާ ކަމަށެވެ. އެގޮތުން ހުރިހާ ފަންގިފިލާއެއް މޮނިޓާ ކުރަމުން އަންނަކަން އެ ސާކިއުލާގައި ފާހަގަކޮށްފައިވެއެވެ.
"ނަމަވެސް ދެގަޑި ދޭތެރޭގައި ޓީޗަރަކު ކްލާހުގައި ނެތި ހޭދަވާ މަދު ވަގުތުކޮޅުގެ ތެރޭގައި ހިނގާ ކަންތައްތަކަކީ އަޅުގަނޑުމެންގެ ކޮންޓްރޯލުން ބޭރު ކަންތައްތައް،" އެ ސާކިއުލާގައި ބުނެފައިވެއެވެ.
މިކަހަލަ މައްސަލަތަކަކީ ސްކޫލުން ބަލައި، ފިޔަވަޅު އަޅަން ޖެހޭ ހާލަތެއްގައި ފިޔަވަޅު ވެސް އަޅަމުން ގެންދާނެ މައްސަލަތައް ކަމަށް ސްކޫލުން ބުންޏެވެ. އަދި މޮނިޓާ ކުރުން ވަރުގަދަކޮށް ސްކޫލު މާހައުލަކީ ރައްކާތެރި ތަނަކަށް ހަދައިދޭނެ ކަމުގެ ޔަގީންކަން ވެސް ވަނީ ދީފައެވެ.