ބޭންކް އޮފް މޯލްޑިވްސް އިން ދ. މާއެނބޫދޫ ސްކޫލުގައި 700 އަށް ވުރެ ގިނަ ފޮތާއެކު ސްކޫލު ލައިބްރަރީ ތަރައްގީ ކޮށްފިއެވެ.
މިއީ ދެމެހެއްޓެނެވި ގޮތެއްގައި ރަށްރަށުގައި ހިންގުމަށް ބޭނުންވާ ޕްރޮޖެކްޓްތަކަށް އެހީތެރިވުމުގެ ގޮތުން އެ ބޭންކުން ތައާރަފް ކުރި 'އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑު' ގެ ދަށުން ކުރިއަށް ގެންދިޔަ ދެވަނަ ޕްރޮޖެކްޓެވެ.

މިއަދު ހަވީރު ހުޅުވި އެ ލައިބްރަރީ އަކީ ކޮމިއުނިޓީ ފަންޑުގެ ފުރަތަމަ ކުއާޓަރުގައި ހޮވުނު ފަސް ޕްރޮޖެކްޓްގެ ތެރެއިން އެއް ޕްރޮޖެކްޓް ކަމަށް ބީއެމްއެލް އިން ބުންޏެވެ.
އެ ޕްރޮޖެކްޓާ ގުޅޭގޮތުން ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ މުހައްމަދު ޝަރީފް ވިދާޅުވީ ފާއިތުވި ދެ އަހަރު ތެރޭގައި މުޖުތަމައަށް އެހީތެރިވުމުގެ ގޮތުން ބީއެމްއެލް އިން ރާއްޖޭގައި ހިންގަމުންދާ އިންވެސްޓްމަންޓް ދެ ގުނައަށް އިތުރުކޮށްފައިވާ ކަމަށެވެ.
"މި ފަންޑާއެކު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގަމުންދާ ޕްރޮޖެކްޓްތަކަށް މާލީ ގޮތުން އެހީތެރިކަން ފޯރުކޮށްދެވި، މުޖުތަމައުގެ ކުރިއެރުމަށާއި ލާބައަށް އަޅުގަނޑުމެން ކުރަމުންދާ މަސައްކަތްތައް އިތުރުވެގެންދާނެ،" ޝަރީފް ވިދާޅުވިއެވެ.

ލައިބްރަރީ ހުޅުވުމަށްފަހު އެ ޕްރޮޕޯސަލް ކާމިޔާބު ކުރި ނާޝިދު އާދަމް ނަސީރު ވިދާޅުވީ މިހާރުގެ ގިނަ ކުދިންގެ ޝައުގުވެރިކަން ހުންނަނީ ގޭމް ކުޅުމަށް ކަމަށާއި، ކުދިން ފޮތް ކިޔުމަށް ޝައުގުވެރިކަން އުފެއްދުމަކީ ޓީޗަރެއްގެ ހައިސިއްޔަތުން އޭނާ އަބަދުވެސް ކުރަން ބޭނުންވި ކަމެއް ކަމަށެވެ.
"ބީއެމްއެލް ކޮމިއުނިޓީ ފަންޑަށް ހުޅުވާލުވާއެކު އެންމެ ފުރަތަމަވެސް ބޭނުންވީ މިހާރު ހުރި ލައިބްރަރީ އިތުރަށް ފުރިހަމަ ކުރުން. މިގޮތުން ފޮތް ރެކުތައް އާ ކުރުމާއެކު ކުދިން ކިޔާނެ އާ ފޮތްތަކާއި ފޮތް ކިޔަން ތިބެވޭނެ ފަސޭހަ ގޮތް ގާއިމް ކުރުމަށް ބޭނުންވީ. މިއީ މިރަށު ސްކޫލު ކުދިންނަށް ވަރަށް އަގުބޮޑު ހަދިޔާ އަކަށް ވެގެންދާނެ" އޭނާ ވިދާޅުވިއެވެ.

ދ. މާއެނބޫދޫ ސްކޫލުގައި ތަރައްގީ ކުރި ލައިބްރަރީ -- ފޮޓޯ: ބީއެމްއެލް
ކޮމިއުނިޓީ ފަންޑަށް ހުށަހަޅާ ޕްރޮޕޯސަލްތަކަކީ ހިލޭ ސާބަހަށް ކުރާ މަސައްކަތްތަކަށާއި، ތައުލީމު، ކުޅިވަރު ހަރަކާތްތަކުގެ އިތުރުން ތިމާވެށި ހިމާޔަތްކުރުން ފަދަ ކަންކަމަށް އަމާޒުކޮށްގެން ހުށަހަޅާ ޕްރޮޖެކްޓް ތަކަށް މިއަހަރުގެ ކޮންމެ ކުއާޓަރެއްގައި ހުށަހަޅާ ޕްރޮޕޯސަލްތަކުގެ ތެރެއިން އެންމެ ރަނގަޅު ފަސް ޕްރޮޕޯސަލް ހޮވައި، ކޮންމެ ޕްރޮޕޯސަލެއްގައި ހިމެނޭ ހަރަކާތް ހިންގުމަށްޓަކައި 50,000 ރުފިޔާ ދިނުމަށް ކަނޑައަޅައިގެން ހިންގޭ ޕްރޮގްރާމެކެވެ.
މިދިޔަ އަހަރު ވެސް ބީއެމްއެލް އިން ވަނީ "އަހަރެންގެ ބޭންކް" ގެ ދަށުން މުޖުތަމައަށް އެހީތެރިވުމަށް 300 މިލިއަން ރުފިޔާގެ އިންވެސްޓްމަންޓް ޕްރޮގްރާމްވެސް ކުރިއަށް ގެންގޮސްފައެވެ.
އެ ޕްރޮގްރާމް މެދުވެރިކޮށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތައުލީމާއި ކުޅިވަރާއި އަދި ތިމާވެށީގެ ހަރަކާތްތަކުގެ އިތުރުން ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ހިންގާ ހަރަކާތްތަކާއެކު ޖުމްލަ 110 ޕްރޮޖެކްޓަކަށް ވަނީ މާލީ އެހީތެރިކަން ފޯރުކޮށްދީފައެވެ.