ދިވެހިންނާއި ބިދޭސީންނަށް އަމާޒުކޮށް ހިޖުރަކުރުމާ ބެހޭ ޕޮލިސީއެއް އެކުލަވާލަނީ

ރައީސް ސޯލިހު ވާހަކަފުޅު ދައްކަވަނީ -- ސަން ފޮޓޯ: ފަޔާޒު މޫސާ

ރާއްޖެއަށް ހިޖުރަކުރާ ބިދޭސީންނާއި، ރާއްޖޭގެ އެއް ރަށުން އަނެއް ރަށަށް ދިރިއުޅުން ބަދަލުކުރާ މީހުންގެ ބޭނުން، ހެޔޮގޮތުގައި ހިފޭނެގޮތް ހެދުމަށްޓަކައި، މައިގްރޭޝަން ޕޮލިސީއެއް އެކުލަވައިލުމަށް ސަރުކާރުން ނިންމައިފިއެވެ.

ދުނިޔޭގެ އާބާދީ ދުވަސް ފާހަގަކުރުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ރައީސް ސޯލިހް ވިދާޅުވީ ގައުމީ ތަރައްގީގެ ހުންގާނު އަމާޒުވާންވާނީ، ފަރުދުންގެ ސިއްހީ ދުޅަހެޔޮކަމާއި، ފަރުދުންގެ އިގްތިސާދީ ކުރިއެރުމަށް ކަމަށެވެ. އަދި އިންސާނީ އަސާސީ ހައްގުތައް ހޯދައިދިނުމާއެކު، ތަޢުލީމީ ގާބިލް ޖީލެއް ބިނާކުރަން ޖެހޭ ކަން ރައީސް ފާހަގަކުރެއްވިއެވެ.

"ހަމައެފަދައިން، ފަރުދީ ތަރައްގީއަށް ބޭނުންވާ މިންވަރަށް ރައްޔިތުން ބާރުވެރިކޮށްދިނުމަށް. މިހާރުގެ އަންދާޒާތަކަށް ބަލާއިރު، މިއަހަރު ނިމޭއިރު، 533،000 އަށްވުރެ ގިނަ މީހުން ރާއްޖޭގައި ދިރިއުޅޭނެ. އޭގެ ތެރެއިން 30 އިންސައްތައަކީ ބިދޭސީން. އެމީހުންގެ ފަރާތުން ރާއްޖޭގެ އިގްތިސާދަށް ފައިދާތަކެއް ލިބޭ. ނަމަވެސް ރާއްޖޭގެ އާމްދަނީގެ ވަރަށް މަތީ މިންވަރެއް، އެމީހުންގެ ސަބަބުން ރާއްޖެއިން ބޭރުވެގެންދާކަމީވެސް ފެންނާން އޮތް ހަގީގަތެއް،" ރައީސް ސޯލިހް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ވަޒީފާގެ ބާޒާރުގައި ބިދޭސީން މިހާރު އަދާކުރާ ދައުރު ފުރިހަމަކުރާނެ ދިވެހީންތަކެއް އުފެއްދިގެން ނޫނީ، ރާއްޖެއަށް ލިބޭ އާމްދަނީ، ބޭރުވިޔަނުދީ ހިފެހެއްޓޭނެ ގޮތެއް ނޯންނާނެ ކަމަށެވެ. އެހެންކަމުން އެ ކަންކަމަށް ރިއާޔަތްކޮށް، ރާއްޖޭގެ މަސައްކަތު އާބާދީގައި ދިވެހިންގެ ނިސްބަތް އިތުރުކުރުމަކީ ވަރަށް މުހިންމު ކަމެއް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ރާއްޖެއަށް ހިޖުރަކުރާ ބިދޭސީންނާއި، ރާއްޖޭގެ އެއް ރަށުން އަނެއް ރަށަށް ދިރިއުޅުން ބަދަލުކުރާ މީހުންގެ ބޭނުން، ހެޔޮގޮތުގައި ހިފޭނެގޮތް ހެދުމަށްޓަކައި، މައިގްރޭޝަން ޕޮލިސީއެއް އެކުލަވައިލުމަށް ސަރުކާރުން މިހާރު ރާވައިފައިވެސް ވާކަމަށެވެ.

" މިކަންކަމަށް ރިޢާޔަތްކޮށް، ރާއްޖޭގެ މަސައްކަތު އާބާދީގައި ދިވެހިންގެ ނިސްބަތް އިތުރުކުރުމަކީ ވަރަށް މުހިންމު ކަމެއް. ރާއްޖެއަށް ހިޖުރަކުރާ ބިދޭސީންނާއި، ރާއްޖޭގެ އެއް ރަށުން އަނެއް ރަށަށް ދިރިއުޅުން ބަދަލުކުރާ މީހުންގެ ބޭނުން، ހެޔޮގޮތުގައި ހިފޭނެގޮތް ހެދުމަށްޓަކައި، މައިގްރޭޝަން ޕޮލިސީއެއް އެކުލަވައިލުމަށް ސަރުކާރުން ވަނީ ރާވާފައި،" ރައީސް ވިދާޅުވިއެވެ.

comment ކޮމެންޓް