ވައިގޮޅިން ވެއްޓުނު މީހާ މަރުވެއްޖެ

ދުވަސްވީ އަންހެންމީހާ ވެއްޓުނު ވައިގޮޅި -- ފޮޓޯ: ޕޮލިސް

ރޭ މެންދަމު މާލޭ ގެއެއްގެ ވައިގޮޅިއަކުން ވެއްޓުނު އަންހެންމީހާ މަރުވެއްޖެއެވެ.

އައިޖީއެމްއެޗުން ބުނީ އޭނާ މަރުވެފައި ވަނީ މިއަދު މެންދުރު 1.30 ހާއިރު ކަމަށެވެ.

ރޭ މެންދަމު 1:30 ހާއިރު އެ އަންހެންމީހާ ވެއްޓިފައިވަނީ އޭނާ ދިރިއުޅެމުންދާ ގޭގެ ހަތަރުވަނަ ފަންގިފިލާގެ ވައިގޮޅިންނެވެ. އުމުރުން 76 އަހަރުގެ އެ އަންހެންމީހާ އަށް ފަރުވާދެމުންދިޔައީ އައިޖީއެމްއެޗުގެ އެމަޖެންސީގައެވެ.

އެ ހާދިސާ އާއި ގުޅިގެން ފުލުހުން ބުނީ އޭނާގެ ބޮލުގެ ފުއްކިބަ ފަޅައިގެން ގޮސް، ކަނާތު ފައިގެ ފަލަމަސްގަނޑާ ހަމައިން ބިންދައިގެން ގޮސްފައިވާ ކަމަށެވެ. އެ ހާދިސާ ތަހުގީގު ކުރަމުންދާ ކަމަށްވެސް ފުލުހުން ބުންޏެވެ.

މިއަދު ހެނދުނު އައިޖީއެމްއެޗުން ބުނީ އަންހެންމީހާގެ އުކުޅުވަޅާއި ފައި ބިނދިފައިވާ ކަމަށާއި ގައިގެ އެކި ތަންތަނުގައި ރެނދުލާފައިވާ ކަމަށެވެ.

މީގެ ކުރިން، އޮކްޓޯބަރު، 25، 2015 ގައި ހ. ފެންނާގެ ލިފްޓްގޮޅިއަށް 56 އަހަރުގެ އަންހެނަކާއި އޭނާގެ ހަތް މަހުގެ މާމަ ދަރި އަރިއަޅާލައިގެން ވެއްޓި ތުއްތު ކުއްޖާ މަރުވެ، އަންހެން މީހާއަށް ވެސް އެކި ވަރުގެ އަނިޔާވުމުގެ ހާދިސާއެއް ހިނގާފައިވެ އެވެ. އެފަހަރު އެ ހާދިސާ ހިނގީ ލިފްޓްލާން ހަދާފައި ހުރި ގޮޅި ރަނގަޅަށް ބަންދުނުކޮށް ހުރުމުގެ ސަބަބުން އެވެ.

comment ކޮމެންޓް