ދެ މިލާން ގުޅިގެން ބިނާ ކުރަނީ 60،000 މީހުންގެ ޖާގައިގެ ސްޓޭޑިއަމެއް

އޭސީ މިލާނާއި އިންޓަ މިލާން ބޭނުން ކުރާ ސެންސީރޯ ސްޓޭޑިއަމް --- ފޮޓޯ/ރަޔަން ބެންސަން

އިޓަލީގެ އެންމެ ތާރީހީ އެއް ފުޓުބޯޅަ ސްޓޭޑިއަމް ކަމަށްވާ ސެން ސީރޯ ދޫކޮށް އޭސީ މިލާނާއި އިންޓަ މިލާން އިން އަލަށް ބިނާ ކުރާނީ 60،000 މީހުންގެ ޖާގައިގެ ސްޓޭޑިއަމެއް ކަމަށް އެ ދެ ކުލަބުން ބުނެފި އެވެ.

އޭސީ މިލާންއާއި އިންޓާ މިލާންއިން ޒަމާނުއްސުރެން ބޭނުން ކުރަމުން އައި ސެންސީރޯ ސްޓޭޑިއަމް ދޫކޮށްލަން އެ ދެ ޓީމުން ނިންމާފައި ވަނީ ސްޓޭޑިއަމް ބާވެފައި ވުމުންނެވެ.

ސެންސީރޯ ސްޓޭޑިއަމަކީ 1926 ވަނަ އަހަރު ބިނާ ކުރަން ފެށި ސްޓޭޑިއަމަކަށް ވީ އިރު އެ ތަނަކީ މިއަދާ ހަމައަށް ވެސް ޔޫރަޕުގެ އެންމެ ބޮޑެތި މެޗުތައް ކުޅުމަށް ވެސް ބޭނުން ކުރަމުން އައި ސްޓޭޑިއަމެކެވެ. އެގޮތުން 2016 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގުގެ ފައިނަލް ވެސް އެ ސްޓޭޑިއަމުގައި ކުޅެފައިވެ އެވެ. އެ މެޗުގެ އިތުރުން ވެސް ހަތަރު ފަހަރަކު އެ މުބާރާތުގެ ފައިނަލު އެ ސްޓޭޑިއަމުގައި އެކި ފަހަރު މަތިން ކުޅެފައިވެ އެވެ.

އަދި ސެންސީރޯ އަކީ 1990 ވަނަ އަހަރުގެ ވޯލްޑްކަޕުގައި ވެސް ބޭނުން ކުރި ސްޓޭޑިއަމަކަށް ވާއިރު އެތަން ނެތި ކޮށްލާން ނިންމުމަކީ ގިނަ ބަޔަކު ހިތާމަ ކުރާ ކަމެކެވެ. ނަމަވެސް އޭގެ ބަދަލުގައި އެ ސަރަހައްދުގައި ޒަމާނީ ފެންވަރުގެ އެހެން ސްޓޭޑިއަމެއް ބިނާ ކުރަން ނިންމާފައިވާ ކަމަށް މިލާންގެ ރައީސް ވަނީ މީގެ ކުރިން ވެސް ބުނެފަ އެވެ.

އެ ދެ ކުލަބު ގުޅިގެން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ސެންސީރޯ ގެ ބަދަލުގައި އަލަށް ބިނާ ކުރާ ސްޓޭޑިއަމަކީ 60،000 މީހުންގެ ޖާގައިގެ ބޮޑު ސްޓޭޑިއަމެއް ކަމަށެވެ.

"އައު ސްޓޭޑިއަމް ހެދުމަށް ބޭނުންވާނެ ވަސީލަތްތަކާ ޚަރަދު ބަރަދު ދިރާސާކޮށް މިހާރު ނިމިފައި ހުރީ. ކުރިން ސެންސީރޯ ހުރި ތަނުގައި ދެ ކުލަބަށް ވެސް ފައިދާ ވާނެ ފަދަ ގޮތަކަށް އިމާރާތްތަކެއް ބިނާ ކުރުމަށް ހަމަޖެހިފައި އޮތީ. އޭގެ ސަބަބުން ގާތްގަނޑަކަށް 3500 މީހުނަށް އިތުރު ވަޒީފާތަކެއް ވެސް ތަނަވަސް ވާނެ. މި ޕްރޮޖެކްޓް ތަކަށް ގާތްގަނޑަކަށް 1.2 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭ." މިލާނުން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.

އޭސީ މިލާނާއި އިންޓާ މިލާން ގުޅިގެން އެއް ސްޓޭޑިއަމެއްގައި ކުޅެން ފެށީ 1947 ވަނަ އަހަރު އެވެ.

comment ކޮމެންޓް