ތާލިބާނުންނާއެކު ސުލްހައިގެ ވާހަކަތަކަށް ދާން އެމެރިކާއަށް މަޖްބޫރުވީ ގޮތްހުސްވެގެން

ދަވްޙާ ގައި ބޭއްވި އަފްޣާން ސުލްހައިގެ ވާހަކަތަކުގައި ބައިވެރިވާ ތާލިބާނުގެ ލީޑަރުން --

ދަވްޙާ ( ޖުލައި 10) : ގަތަރުގެ ވެރިރަށް ދައުޙާގައި އަންގާރަ ދުވަހު ނިމުނު އަފްޣާނިސްތާން ސުލްހައިގެ ވާހަކަތަކުގައި ސުލްހައިގެ ރޯޑް މެޕެއް އެކުލަވާލުމަށާއި ހަނގުރާމައިގެ ސަބަބުން އާންމުންނަށް ލިބޭ ގެއްލުންތައް ނިމުމަކަށް ގެނައުމަށް އެއްބަސްވެއްޖެއެވެ.

އެ ވާހަކަތަކުގައި ޠާލިބާން ޖަމާއަތާއި އަފްޣާން ސަރުކާރުގެ މަންދޫބުންގެ އިތުރުން އަފްޣާން ސިވިލްސޮސައިޓީގެ މަންދޫބުންނާއި އަފްޣާން ބައެއް ގަބީލާތަކުގެ އިސްވެރިންނާއެކު އަފްޣާނިސްތާނުން ޖުމްލަ 70 މެންބަރުން ބައިވެރިވެ ވަޑައިގެންނެވިއެވެ. މީގެއިތުރުން އެމެރިކާއާއި ޔޫރަޕްގެ އިއްތިޙާދާއި އދ. އާއި އޯއައިސީގެ މަންދޫބުންވެސް އަފްޣާން ސުލްހައިގެ ވާހަކަތަކުގައި ބައިވެރިވިއެވެ. ދެ ދުވަހަށް ދެމިގެންދިޔަ އަފްޣާން ސުލްޙައިގެ ވާހަކަތަކުގައި މެދުވެރިއެއްގެ ބައި އަދާކުރީ ގަތަރާއި ޖަރުމަނުންނެވެ.

މިހާތަނަށް ޤަޠަރުގައި ބޭއްވި އަފްޣާން ސުލްހައިގެ ވާހަކަތަކުގައި އަފްޣާން ސަރުކާރުގެ މަންދޫބުން ބައިވެރި ނުވިނަމަވެސް، މިފަހަރުގެ ވާހަކަތަކުގައި ތާލިބާނުނާއެކު އަފްޣާން ސަރުކާރު ތަމްޘީލްކުރާ މަންދޫބުންވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.

އަފްޣާން ސުލްހައިގެ ވާހަކަތަކަށްފަހު ނެރުނު ބަޔާނުގައި އަފްޣާނިސްތާން ހަނގުރާމައިގާ ޝާމިލްވާ ފަރާތްތަކުގެ މެދުގައި މިދިޔަ ފެބުރުވަރީމަހު މޮސްކޯގައި ބޭއްވި ވާހަކަތަކުގައާއި އެކިފަހަރުމަތިން އެމެރިކާއާއި ތާލިބާނުން ގަތަރުގައި ސިލްސިލާކޮށް ބޭއްވި ސުލަހައިގެ ވާހަކަތަކުގައި ނިންމާފައިވާ ނިންމުންތަކަށް އަމަލުކުރުމަށް ހުރިހާ ފަރާތްތަކުން އެއްބަސްވެފައިވެއެވެ.

އެނިންމުންތަކުގައި ހިމެނެނީ އަފްޣާން ބިމުން އެމެރިކާ ސިފައިންނާއި އަސްކަރީ މުސްތަޝާރުން އެއްކޮށް ފޭބުމާއި ޠާލިބާނުންގެ އިސްވެރިންނާ ދެކޮޅަށް ބައިނަލްއަގުވާމީ ފެންވަރުގައި އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމާއި ހަނގުރާމައިގެ އަސީރުން މިނިވަންކުރުމާއި ޤަޠަރުގައި ހުންނަ ތާލިބާންގެ އޮފީހަކީ ތާލިބާނުންގެ ސިޔާސީ އޮފީހެއްގެ ގޮތުގައި އެމެރިކާއާއި ޔޫރަޕާ އަދި އދ. ން އިއްތިރާފްވުމެވެ.

އެމެރިކާ ސިފައިން އަފްޣާނިސްތާނުން ފޭބުމަށް އުސޫލެއްގެ ގޮތުން އެއްބަސްވެފައިވީނަމަވެސް އެމެރިކާ ސިފައިން ފައިބާނެގޮތަކާއި ފައިބައި ނިންމާނެ ތާރީޚަކާމެދު ތާލިބާނުންނާއި އެމެރިކާއާ ދެމެދު އެއްބަސްވުމަކަށް އާދެވިފައެއް ނުވެއެވެ. އަދި ތާލިބާނުން ހަތިޔާރު ބަހައްޓައި ސިޔާސީ ޕާޓީއެއްގެ ގޮތުގައި ހަރަކާތްތެރިވުމާމެދުވެސް އެއްބަސްވުމަކަށް އާދެވިފައެއް ނުވެއެވެ. މީގެއިތުރުން ތާލިބާނުން އަފްޣާން ސަރުކާރަށް އިއްތިރާފްވުމާމެދުވެސް އެއްބަސްވުމަކަށް އާދެވިފައެއް ނުވެއެވެ.

ތާލިބާނުން ހަތިޔާރު ބަހައްޓައި ސިޔާސީ ޕާޓީއަކަށް ވުމުގެ ކުރިން އެމެރިކާ ސިފައިން އަފްޣާނިސްތާނުން ފާބައިފިނަމަ ހައެއްކަ މަސްތެރޭގައި ތާލިބާނުން އަފްޣާން ސަރުކާރު ވައްޓާލާނެކަމަށް ބެލެވޭތީ މިއީ އަފްޣާން ސުލްޙައިގެ ވާހަކަތަކުގައި ކުރިމަތިވެފައިވާ އެންމެ ޙައްސާސް އެއްމައްސަލައެވެ. މިމައްސަލާގައި އެއްބަސްވުމަކަށް އައުމަށް އަދި މުއްދަތެއް ނަގާނެކަމަށް އޮބްޒާވަރުން ވިދާޅުވެއެވެ.

އެމެރިކާއިން އަފްޣާނިސްތާނަށް އަރައި 18 އަހަރުވަންދެން ތާލިބާނުންނާ ދެކޮޅަށް ހަނގުރާމަ ކުރިނަމަވެސް ތާލިބާނުން ބަލިކުރުމުގައި އެމެރިކާވަނީ ނާކާމިޔާބުވެފައެވެ. ގޮތް ދޫނުކުރާ ހަރުކަށި ތާލިބާނުންނަކީ ޓެރަރިސްޓް ޖަމާއަތެއްކަމަށް އެމެރިކާ ސިފަކުރާއިރުވެސް ތާލިބާނުންނާ ސުލްހައިގެ މޭޒުދޮށަށް ދާން އެމެރިކާއަށް މަޖްބޫރުވީ ތާލިބާނުން އަސްކަރީގޮތުން ބަލިނުކުރެވި އަފްޣާން ހަނގުރާމަ ދިގުލައިގެން ދިޔުއާއެކު އެމެރިކާ އަތުން ބިލިޔަން ޑޮލަރުން އަފްޣާން ހަނގުރާމައަށް ހުއްޓުމެއްނެތި ޚަރަދުތަކެއް ކުރަންޖެހޭތީ އެހެން އެއްވެސް ގޮތެއް ނެތިގެންނެވެ. (ނޫސްއެޖެންސީތައް)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު