ޝަފީއު ގެއްލުނު މައްސަލަ ބަލަން ކޮމިޝަންގެ ޓީމެއް ފުވައްމުލަކަށް

2017 ވަނަ އަހަރު ފުވައްމުލަކުން ގެއްލިގެން ހޯދަމުން އަންނަ ޝަފީއު --- އޭނާ ގެއްލުނީ މަންމަގެއަށް ދިއުމަށް ނުކުތް ފަހުން-- ފޮޓޯ: ފުލުހުން

ދެހާސް ސަތާރަ ވަނަ އަހަރު ފުވައްމުލަކުން ގެއްލިފައިވާ މުހައްމަދު ޝަފީއުގެ މައްސަލަ ބެލުމަށް، ވީނުއީއެއް ނޭގި ގެއްލިފައިވާ މީހުންނާއި، މަރާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގު ކުރާ ރިޔާސީ ކޮމިޝަނުގެ ޓީމެއް އެ ރަށަށް ގޮސްފި އެވެ.

ޝަފީއު ގެއްލިގައި ވަނީ 2017 ވަނަ އަހަރުގެ ޖުލައި 14 ވަނަ ދުވަހުގެ ރޭ ފުވައްމުލަކު ދޫޑިގަމް އަވަށުންނެވެ. އޭނާގެ އަންހެނުންގެ ގެއިން ރޭގަނޑު ކެއުމަށް ފަހު 9:30 އެހާކަންހާއިރު އޭނާގެ މަންމަމެން ގެއަށް ދާން ނުކުތް ފަހުން ޝަފީއުގެ ހަބަރެއް ނުވެއެވެ.

އެ މައްސަލަ އަލުން ބަލައިދިނުމަށް ފުލުހުންގެ ކިބައިން އެދި ރޭ މީހަކު ވަނީ ޓުވީޓެއް ކޮށްފައެވެ. އެ ޓުވީޓަށް ޖަވާބު ދެމުން ވީނުއީއެއްނޭގި ގެއްލިފައިވާ މީހުންނާއި، މަރާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގު ކުރާ ކޮމިޝަނުން ބުނީ މިހާރު އެ ކޮމިޝަނުގެ ޓީމެއް ފުވައްމުލަކުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.

އަދި މައްސަލައިގެ ހަގީގަތް ހޯދަން ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރާނެ ކަމުގެ ޔަގީންކަން ވަނީ ދީފައެވެ.

ޝަފީއު ގެއްލުނު ރެއިން ފެށިގެން އާއިލާއިން އެމްއެންޑީއެފްގެ އެހީތެރިކަމާ އެކު އޭނާ ހޯދުމުގެ މަސަތްކަތް ފެށިއެވެ. ނަމަވެސް މިއަދާ ހަމައަށް ވެސް އޭނާގެ އެއްވެސް ޚަބަރެއް ނުވެއެވެ.

ޝަފީއު ހޯދުމަށް އޭނާ ގެއްލުނު ދޫޑިގަމް އަވަށާއި އެ ސަރަހައްދުގެ މޫދުގެ ބޮޑު ބައެއް ވެސް އެމްއެންޑީއެފް އިން ވަނީ ބަލައިފައެވެ.

ޝަފީއު ގެއްލުނު އިރު އޭނާ އެންމެ ފަހުން ލައިގެން ހުރީ ކަޅުކުލައިގެ ޖިންސަކާއި ނޫކުލައިގެ ޓީޝާޓެއް ކަމަށް އާއިލާއިން ބުނެފައިވެއެވެ.

comment ކޮމެންޓް