ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާގެ މޭސްތިރިޔާ، ހ.ހާޖަރާގޭ އަބްދުﷲ ލުތުފީ މާލެ ނުގެނެވުނީ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރުގެ އިޒުނަ ނުލިބިގެން ކަމަށް ވިދާޅުވެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އިއްޔެ ރައްޔިތުންގެ މަޖިލީހުގައި ދެއްކެވި ވާހަކަ ކުރީގެ ޕޮލިސް ކޮމިޝަނަރުން ދޮގުކުރައްވައިފި އެވެ.
އިއްޔެގެ މަޖިލީހުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އިމްރާން ވިދާޅުވީ 2014 ވަނަ އަހަރު ލުތުފީ ހުރިތަނުގެ މައުލޫމާތު ލިބުމުން، އޭނާ އަނބުރާ ރާއްޖެ ގެނައުމަށް ގިނަ މަސައްކަތަކެއް ދިވެހި ފުލުހުން ކުރި ކަމަށާއި، ނަމަވެސް އެކަން ކާމިޔާބު ނުވީ އުމަރުގެ އިޒުނަ ނުލިބިގެން ކަމަށެވެ. އަދި ލުތުފީ އަނބުރާ ގެނައުމަކީ މުހިންމުކަމެއް ނޫން ކަމަށް އުމަރު ވިދާޅުވިކަމަށް ވެސް އިމްރާން ވިދާޅުވިއެވެ.
އެހެން ނަމަވެސް ކުރީގެ ޕޮލިސް ކޮމިޝަނަރު އަހްމަދު އަރީފް، ހުސެއިން ވަހީދު އަދި އަބްދުﷲ ރިޔާޒް ވެސް ވަނީ އިމްރާންގެ ވާހަކަތައް ދޮގުކުރައްވައިފަ އެވެ.
ދެހާސް ސާދަ ވަނަ އަހަރު ސީޕީ ކަމުގެ މަގާމުގައި ހުންނެވި ހުސެއިން ވަހީދު ކުރެއްވި ފޭސްބުކް ޕޯސްޓެއްގައި ވިދާޅުވީ މިނިސްޓަރު މަޖިލީހުގައި ދެއްކެވީ އަމިއްލަ ހިޔާލީ ވާހަކައެއް ކަމަށެވެ. އަދި އެއްވެސް އިރެއްގައި ލުތުފީ ނުގެންނަން އެއްވެސް ވާހަކައެއް ދައްކާފައި ނުވާ ކަމަށާއި، ލުތުފީ މާލެ ގެނައުމަކީ ރައީސް އަބްދުﷲ ޔާމީން އާއި ހޯމް މިނިސްޓަރު އުމަރުގެ ވެސް ވަރަށް އިސްކަން ދެއްވި ކަމެއް ކަމަށެވެ.
ލުތުފީ ހޯދުމަށް ކުރީގެ ސަރުކާރުން ކުރި މަސައްކަތް އުމަރު މީގެ ކުރިން ހާމަކޮށްފައި ވާއިރު، ވަހީދު ވަނީ އެ ވާހަތައް ތަކުރާރު ކުރައްވައިފަ އެވެ.
އޭރު ލުތުފީ ކޮންމެސް ވަރަކަށް ސިފަ ބަދަލުކޮށްގެން އުޅުނުކަމުގެ މައުލޫމާތު ވެސް ލިބުނު ކަމަށާއި، އެ މައުލޫމާތު ވެސް އުމަރުގެ ލަފަޔާ އެއްގޮތަށް ލަންކާގެ ކަމާބެހޭ ފަރާތްތަކާ ހިއްސާކޮށްފައި ވާނެ ކަމަށް ހުސެން ވަހީދު ވިދާޅުވި އެވެ.
"އަސްލެއް ނެތް ވާހަކަތަކެއް ފެތުރުމަކީ ރައްޔިތުންނަށް އޮޅުވާލުމެއް. އަދި މަޖިލީހުގައި މިނިސްޓަރު އިމްރާން ދެއްކެވި ވާހަކަފުޅުތަކަކީ މަޖިލީސް މެމްބަރުންނަށް އޮޅުވާލެއްވުމަށް ގަސްތުގައި ކުރެއްވި ދަށު ދަރަޖައިގެ އަމަލެއް،" ހުސައިން ވަހީދު ވިދާޅުވިއެވެ.
ވަހީދު އިތުރަށް ވިދާޅުވީ ލުތުފީ ފަދަ މީހަކު ފެނުމުން ނުވަތަ ތަނަކަށް ވަދެ އަމިއްލައަށް ހަވާލުވުމުން ކަން ކުރަން ޖެހޭ ގޮތް އޮޅިގެން ހުންނަން ނުޖެހޭ ކަމަށާއި، ވީ އެންމެ އަވަހަކަށް ފުރިހަމަ ކުރަން ޖެހޭ އިޖުރާތުތައް ފުރިހަމަކޮށް ގެނައުމުން ނިމުނީ ކަމަށެވެ. އެކަން ނުކުރާ ނަމަ އެއީ ނޮވެމްބަރު ތިނެއްގައި ދިވެހި ދަރީންތަކެއް ވީ ގުރުބާނީއަށް ވެވޭ ވަރަށް ބޮޑު އިހުމާލަކާއި، ބޭއިންސާފެއް ކަމަށެވެ.
"ލުތުފީ އެނބުރި ރާއްޖެ ގެނައުމަަކީ ބަހުސް ކުރަން ޖެހޭ މައުޟޫއެއް ނޫން" ވަހީދު ވިދާޅުވި އެވެ.
ކުރީގެ ސީޕީ އަދި މިހާރު ތިމަރަފުށި ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ފިލައިގެން އުޅޭ މީހަކު ހޯދުމަށް ހޯމް މިނިސްޓްރީގެ ހުއްދައެއް ފުލުހުން ހޯދަން ނުޖެހޭނެ ކަމަށެވެ.
"ޤާނޫނުގައިވާ ގޮތަށް ކަން ކުރުމަކީ ފުލުހުންނަށް ލާޒިމު ކަމެއް،" ރިޔާޒު ވިދާޅުވި އެވެ.
އިމްރާންގެ ވާހަކަތަކަށް ރައްދު ދެއްވައި ރައީސް ޔާމިންގެ ސަރުކާރުގެ ޕޮލިސް ކޮމިޝަނަރުކަން ކުރެއްވި އަހްމަދު އަރީފް ވިދާޅުވީ، އިމްރާން މަޖިލީހުގައި ހެއްދެވީ ކަނޑައެޅިގެން އިތުރުފުޅެއް ކަމަށެވެ.
ކުރީގެ ޕޮލިސް ކޮމިޝަނަރުންގެ އިތުރުން ޚުދު އުމަރު ވެސް ވަނީ މިނިސްޓަރު އިމްރާން ހެއްދެވީ "ކަނޑައެޅިގެން ދޮގު" ކަމަށް ވިދާޅުވެފަ އެވެ. އުމަރު ވިދާޅުވީ ލުތުފީ ހޯދަން އެންމެ ގިނަ މަސައްކަތް ކުރި ވަޒީރަކީ އޭނާ ކަމަށެވެ.
ލުތުފީ މިދިޔަ މެއި މަހުގެ އެއް ވަނަ ދުވަހު ލަންކާގައި ހުންނަ ދިވެހި އެމްބަސީއަށް ވަދެ އަމިއްލައަށް ސަރުކާރާ ހަވާލުވި ފަހުން މަހަކަށް ވުރެ ދުވަސް ވީއިރުވެސް އެކަން ސަރުކާރުން ހާމަކޮށްފައެއް ނުވެއެވެ. އެކަން ފަޅާއަރުވައިލީ ވެސް އުމަރެވެ.