ޗައިނާގެ މުސްލިމް ކުދިން އާއިލާއާ ވަކި ކުރަމުންދާ ކަމަށް ބުނާ ތުހުމަތުތައް ދޮގުކޮށްފި

ޗައިނާގެ ޝިންޖިއަންގްގައި މުސްލިމުން ނަމާދު ކުރަނީ -- ފޮޓޯ: ރޮއިޓާސް

ބެއިޖިން (ޖުލައި 8): ޗައިނާގެ ޝިންޖިއަންގްގައި މުސްލިމް ކުދިން އެކުދިންގެ އާއިލާއާ ވަކި ކުރަމުންދާ ކަމަށް ބުނާ ތުހުމަތުތައް އިނގިރޭސިވިލާތުގައި ހުންނަވާ ޗައިނާގެ ސަފީރު ދޮގު ކުރައްވައިފި އެވެ.

ޝިންޖިއަންގްގައި ދިރިއުޅޭ އެތައް ސަތޭކަ އުއިގޫރު މުސްލިމުން ޖަލުގައި ނުވަތަ އެހެނިހެން ގައިދުހާނާތަކުގައި ހައްޔަރުކޮށްފައިވާ ކަމަށް ބީބީސީން މިދިޔަ ހަފްތާގައި ރިޕޯޓުކުރި އެވެ. އަދި އެމީހުންގެ ދަރިން ބޭތިއްބުމަށް ޗައިނާއިން ހާއްސަ ބޯޑިން ސްކޫލުތައް ހަދާ، އެސްކޫލުތަކުގައި އެކުދިން ބައިތިއްބާ ކަމަށް ރިޕޯޓުގައިވެ އެވެ.

ޗައިނާ ސަރުކާރަށް ފާޑު ކިޔާ ފަރާތްތަކުން ބުނާ ގޮތުގައި އެއީ ކުޑަކުދިން މުސްލިމް މުޖުތަމައާ ދުރު ކުރުމަށް ކުރާ ކަމެކެވެ.

ނަމަވެސް އިނގިރޭސިވިލާތުގައި ހުންނަވާ ޗައިނާގެ ސަފީރު ވަނީ އެތުހުމަތުތައް ދޮގު ކުރައްވާފަ އެވެ.

"އެއްވެސް ކުދިންނެއް އެކުދިންގެ މައިންބަފައިންނާ ވަކި ނުކުރަން. ދަރިން ގެއްލިފައިވާ ބަޔަކު ތިބި ނަމަ އެބަޔެއްގެ ނަން ދީ، އޭރުން އަޅުގަނޑުމެން ބަލާނަން އެކުދިން ހޯދޭތޯ،" ސަފީރު ލިއު ޝިއަމިން ވިދާޅުވި އެވެ.

ބީބީސީ ރިޕޯޓުގައިވާ ގޮތުން ޝިންޖިއަންގްގެ އެއް ސަރަހައްދުގައި 400އަށް ވުރެ ގިނަ ކުޑަކުދިންގެ ބެލެނިވެރިން ވަނީ ހައްޔަރުކޮށްފަ އެވެ. އަދި އެމީހުން ލާފައިވާ ގައިދުހާނާތަކަކީ އެމީހުން "ހައްދުފަހަނައަޅާފައިވާ ފިކުރުން ދުރުކޮށް" ތަފާތު ހުނަރުތައް ދަސްކޮށްދިނުމަށް ހަދާފައިވާ ކޭމްޕުތަކެކެވެ.

ނަމަވެސް ބީބީސީ ރިޕޯޓުގައިވާ ގޮތުން އެމީހުން ހައްޔަރު ކުރަނީ ނަމާދު ކުރުމުން ނުވަތަ ބުރުގާ އެޅުމުން ނުވަތަ ގައުމުން ބޭރުގައި ދިރިއުޅޭ ބަޔަކާ ވާހަކަ ދެއްކުމުންނެވެ. އަދި އެގޮތަށް އެއް މިލިއަނަށް ވުރެ ގިނަ މީހުން ހައްޔަރުކޮށްފައިވާ ކަމަށް ތުހުމަތު ކުރެވެ އެވެ.

އޭގެ ސަބަބުން ޗައިނާގެ އެތައް ހާސް އުއިގޫރު މުސްލިމުން ވަނީ ތުރުކީއަށް ގޮސްފަ އެވެ. އަދި އެގައުމަށް ދިޔަ ބައެއް މީހުން ވަނީ ޗައިނާގައި ތިބި އެމީހުންގެ ދަރިންނަށް ވީ ގޮތެއް ނޭނގޭ ކަމަށް ބުނެފަ އެވެ.

ނަމަވެސް ސަފީރު ލިއު ވަނީ ބީބީސީއާ ވާހަކަ ދެއްކި މީހުންނަކީ ޗައިނާ ސަރުކާރާ ދެކޮޅު ބަޔެއް ކަމަށް ވިދާޅުވެފަ އެވެ.

"ސަރުކާރާ ބެހޭ ގޮތުން އެމީހުން ރަނގަޅު ވާހަކައެއް ދައްކަފާނެ ކަމަށް ގަބޫލެއް ނުކުރެވޭނެ. އެމީހުންގެ ދަރިންނާއެކު ދިރިއުޅެން ބޭނުން ނަމަ ޗައިނާއަށް އެނބުރި ދާންވީ،" ސަފީރު ވިދާޅުވި އެވެ.

comment ކޮމެންޓް