މަހާޖައްރާފާ ހުރެ އެމްޓީސީސީއަށް 13 މިލިއަން ރުފިޔާގެ ގެއްލުމެއް

މަހާޖައްރާފު --- ފޮޓޯ/ ފުނަދޫ ކައުންސިލް

ފަޅު ފުންކުރުމާއި ބިން ހިއްކުމުގެ ދާއިރާ އިން ވެސް އެމްޓީސީސީ އަށް މިދިޔަ އަހަރު ބޮޑު ގެއްލުމެއް ލިބިފައިވާ ކަމަށް ކުންފުނީގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

އެ ކުންފުނިން އާންމުކޮށްފައިވާ 2018 ވަނަ އަހަރުގެ އަހަރީ ރިޕޯޓުގައި ބުނެފައިވާގޮތުން ފަޅު ފުންކުރުމާއި ބިން ހިއްކުމުގެ ދާއިރާ އިން އެ ކުންފުންޏަށް 13.60 މިލިއަން ރުފިޔާގެ ގެއްލުން ވެފައިވެ އެވެ.

މިދިޔަ އަހަރު އެ ކުންފުނިން ކުރިއަށް ގެންދިޔަ ބިން ހިއްކުމުގެ މުހިއްމު މަސައްކަތްތަކުގެ ތެރޭގައި ހދ ކުޅުދުއްފުށީ ބިން ހިއްކުމުގެ މަސައްކަތާއި ށ. ފުނަދޫ، ކ. މަޑިވަރު، ކ. ކަގި، ށ. ކޮމަންޑޫ، ކ. ގުރައިދޫ އަދި ހުރާ ބިން ހިއްކުމުގެ މަސައްކަތް ފާހަގަ ކުރެވެ އެވެ.

ބިން ހިއްކުމުގެ ދާއިރާއިން ކުންފުންޏަށް ލިބުނު ގެއްލުމުގެ މައިގަނޑު ސަބަބަކީ މަހާޖައްރާފު ގަތުމަށް ނަގާފައިވާ ލޯނު ފައިނޭންސް ކުރުމުގެ ހަރަދު ބޮޑުވެ، ހަރަދާ އެކަށީގެން ނުވާ ކުޑަ އަގެއްގައި ބިން ހިއްކުމުގެ މަޝްރޫއުތައް ކުރިއަށް ގެންދިޔުމަށް ސަރުކާރުން ފިއްތުންތައް ކުރިމަތި ކުރުން ކަމަށް އަހަރީ ރިޕޯޓުގައި ބުނެފައިވެ އެވެ

އެމްޓީސީސީ އިން ބުނީ ކުންފުނީގެ އަމާޒަކީ މި އަހަރު، ބިން ހިއްކުމާއި ފަޅު ފުންކުރުމުގެ ދާއިރާ އިން ކުންފުންޏަށް ފައިދާ ވާނެ އަގުގައި މަޝްރޫއުތައް ހިންގުން ކަމަށެވެ.

މިއަހަރު ބިން ހިއްކުމުގެ ގިނަ މަޝްރޫއުތައް ރޭވިފައިވުމާއެކު މަހާ ޖައްރާފު ބޭނުންކޮށްގެން ހިންގާ މަޝްރޫއުތައް އިތުރުވާނެ ކަމަށް އެމްޓީސީސީ އިން ވަނީ ބުނެފައެވެ. ފާއިތުވި އަހަރު ފަޅު ފުންކުރުމާއި ބިން ހިއްކުމުގެ މަސައްކަތުން ކުންފުންޏަށް ވަނީ 224 މިލިއަން ރުފިޔާ ލިބިފައެވެ. އެއީ ކުންފުނީގެ ޖުމްލަ އަމްދަނީގެ 17.41 ޕަސެންޓެވެ. މި އަދަދަކީ އޭގެ ކުރީ އަހަރާ ޅާބަލާއިރު 149.32 ޕަސެންޓް އިތުރު އަދަދެއްކަމަށް އަހަރީ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

މިއަހަރުގެ އަމާޒަކީ މި ދާއިރާއިން 901 މިލިއަން ރުފިޔާގެ އާމްދަނީއެއް ހޯދުން ކަމަށް އެމްޓީސީސީ އިން ވަނީ ބުނެފަ އެވެ.

comment ކޮމެންޓް