ނާސްތާ ޕްރޮގްރާމްއަށް އިތުރު 34 މިލިއަން ރުފިޔާ

ސްކޫލްތަކުގެ ދަރިވަރުންނަށް ހެނދުނުގެ ނާސްތާ ދިނުމުދެ ޕައިލެޓް ޕްރޮގްރާމް ރަސްމީކޮން ފެށުން -- ޕޮޓޯ/ ރައީސް އޮފީސް

ސްކޫލު ކުދިންނަށް ދެމުން އައި ނާސްތާ ޕްރޮގްރާމްއަށް އިތުރު 34 މިލިއަން ރުފިޔާ ހަރަދުކުރާ ގޮތަށް ސަރުކާރުން ނިންމައިފިއެވެ.

މިދިޔަ ބުރާސްފަތު ދުވަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ނާސްތާ ޕްރޮގްރާމްއަށް 34 މިލިއަން ރުފިޔާ އިތުރުކުރަން ނިންމިކަން އިއުލާންކުރައްވައިފައެވެ.

ސްކޫލުތަކުގެ ދަރިވަރުންނަށް ހެނދުނުގެ ނާސްތާ ދޭން ފެށީ މިއަހަރުގެ ޖެނުއަރީ މަހު އެވެ. އަޖުމަ ބެލުމުގެ ގޮތުން ފެށި އެ ޕްރޮގްރާމްގައި ނާސްތާ ފުރަތަމަ ދީފައިވަނީ 25 ސްކޫލެއްގަ އެވެ. އަދި ބާކީ ހުރި 188 ސްކޫލުގައި ނާސްތާ ޕްރޮގްރާމް ފެށީ މިދިޔަ މަހު 11 ގައެވެ.

ރައީސް ސޯލިހް ވިދާޅުވީ ކުރިން ނާސްތާ ޕްރޮގްރާމަށް މިއަހަރު 150 މިލިއަން ރުފިޔާ ހަރަދުވާނެކަމަށް އަންދާޒާކޮށްފައި އޮތް ނަމަވެސް ނާސްތާ ޕްރޮގްރާމްއަށް ގެނައި ބަދަލުތަކާއެކު 184 މިލިއަން ރުފިޔާ މިހާރު ބަޖެޓުން ހޭދަކުރަން ޖެހިފައިވާ ކަމަށެވެ.

" އެކަން ކުރަން ޖެހުނީ ދަރިވަރުންނަށްދޭ ނާސްތާއަކީ ރަނގަޅު ފެންވަރުގެ ތަކެއްޗަށް ހެދުމަށްޓަކައި ގެނެވުނު ބަދަލާ ގުޅިގެން" ރައީސް ސޯލިހް ވިދާޅުވިއެވެ.

ނާސްތާ ޕްރޮގްރާމްއަށް 150 މިލިއަން ރުފިޔާގެ ބެޖެޓަކުން އެކަން މުޅި އަހަރު ނުކުރެވޭނެކަމަށް ކުރިންވެސް ބައެއް ފަރާތްތަކުން ދިޔައީ ފާޑުކިޔަމުންނެވެ.

އެޑިއުކޭޝަންގެ ސްޓޭޓް މިނިސްޓަރު އަހުމަދު ރިޔާޒް "ސަން" އަށް މައުލޫމާތު ދެމުން ވިދާޅުވީ ބަޖެޓު އިތުުރުކުރިޔަސް ނާސްތާގެ މެނޫއަށް ބަދަލު ގެންނަން އަދި ނިންމާފައިވާ ކަމަށެވެ. އަދި ނާސްތާ މެނޫއަށް ބޭނުންވާ އިތުރު ފައިސާގެ ބަޖެޓު ވަރަށް އަވަހަށް ހަމަޖެހިގެންދާނެކަމަށް ގަބޫލުކުރައްވާކަމަށް އޭނާ ވިދާޅުވިއެވެ.

ކުރިއަށް އޮތް ތަނުގައި ސްކޫލް ނާސްތާ ޕްރޮގްރާމުގައި ކުދިން ހެދި ބޮޑުުވުމަށާއި ދަރިވަރުންގެ ގައިގާ ވަރުޖެއްސުމަށް ބޭނުންވާ ކާނާ އިތުުރުކުރާނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ދާދި ފަހުން ވަނީ ވިދާޅުވެސްވެފައެވެ.

ނާސްތާ ދޭ އިރު އެކި ދުވަހު ނާސްތާ ދެމުންގެންދަނީ އެކި މެނޫތަކަށް ބަހާލައިގެންނެވެ. އޭގެ ތެރޭގައި ރޮށި، ޕާން، ބިސްގަނޑު، ދޮންކެޔޮ، ކިރު، ފަތު މަސްހުނި، ބޭކަޑްބީންސް، ސޭންޑްވިޗް، ބަރަބޯ މަސްހުނި، ޗީޒް ސޭންޑްވިޗް، ބަށި މަސްހުނި، ޕީނަޓް ބަޓާ އަދި ތަރުކާރީ މަސްހުނި ހިމެނެ އެވެ.

comment ކޮމެންޓް