ދެ ކޮޓަރީގެ އެޕާޓްމަންޓްތައް ހެދީ އަތް ފޯރާ ފަށުގައި ބޯހިޔާވަހިކަން ދޭން: މުއިއްޒު

--- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ދެ ކޮޓަރީގެ އެޕާޓްމަންޓްތައް ހެދީ އަތްފޯރާ ފަށުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ގޮތުން ކަމަަށް ކުރީގެ ހައުސިން މިނިސްޓަރު އަދި ޕީޕީއެމްގެ ނާއިބު ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ޕީޕީއެމް އަދި ޕީއެންސީއިން އިއްޔެ ބޭއްވި ނިއުސް ކޮންފަރެންސްގައި މުއިއްޒު ވިދާޅުވީ ދެ ކޮޓަރީގެ ފްލެޓްތައް އަޅަން ރައީސް ޔާމީން ނިންމެވީ ބޯހިޔާވަހިކަން އެންމެ ބޮޑަށް ބޭނުންވާ ރައްޔިތުން މިހާރު މިއުޅޭ ހާލަތުންވެސް އަރައިގަތުމަށް އަތްފޯރާ ފަށުގެ ބޯހިޔާވެހިކަމަށް ބޭނުންވާތީ ކަމަށެވެ.

" އެހެންވީމާ އެންމެ ފުރަތަމަ ދެ ކޮޓަރީގެ ފްލެޓްތަކެއް އެޅިގެން އެ މަރުހަލާއަށް އަޅުގަނޑަށް މި ދެވެނީ. އިޖުތިމާއީ ހައުސިންއަކީ އެފޯޑަބަލް ހައުސިންއަށް ވާން އެބަޖެހޭ."

ގިނަ އަދަދެއްގެ ރައްޔިތުންނަަށް އެފޯޑަބަލް ހައުސިން ސަރުކާރުގެ ފަރާތުން ފޯރުކޮށްދޭ ކަމަށް ވާނަމަ އެކަން ކުރެވޭނެ އެންމެ އެކަށީގެންވާ ގޮތަށް ރައީސް ޔާމީން އެކަން ކޮށްދެއްވައިފައިވާ ކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ. އެގޮތުން އިޖުތިމާއީ އަދި އިގްތިސާދީ ނަޒަރަކުން އެކަން ބަލުމަށްފަހު އިކޮނަމިކް ކައުންސިލާއި އެހެނިހެން ފަރާތްތަކާ ގުޅިގެން އެކަން ކުރިއަށް ގެންދިޔަކަމަށް މުއިއްޒު ވިދާޅުވިއެވެ.

ހިޔާ މަޝްރޫއުގެ ދަށުން އެލި ފްލެޓްތަކުގެ ކޮޓަރިތައް ކުޑަކަމުން އެކަމަށް ވަރަށް ބޮޑެތި ފާޑުކިޔުންތަކެއްވެސް ވަނީ އަމާޒުވެފައެވެ.

ހިޔާ ފްލެޓުތަކުގެ ބޮޑުމިނަކީ 550 އަކަފޫޓު ކަމަށާއި އަދި އެ ފްލެޓްތަކުގެ ހުންނަ 10 ފޫޓް 11 ފޫޓްގެ ކޮޓަރިތަކަކީ މާލެ ސަރަހައްދަށް ބަލާ އިރު ކުޑަ މިންވަރެއް ނޫން ކަމަށްވެސް މީގެ ކުރިން މުއިއްޒު ވިދާޅުވެފައިވެއެވެ.

comment ކޮމެންޓް