އެމެރިކާއަށް ތައުރީފު ކުރައްވަމުން މިނިވަން ދުވަހުގެ ތަހުނިޔާ ފޮނުއްވައިފި

ރައީސް ސޯލިހް -- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

އެމެރިކާއިން މުޅި ދުނިޔޭގެ ހުރިހާ ގައުމެއްގެ ލޯތްބާއި އިހުތިރާމް ހޯދައިފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

އިއްޔެއަކީ އެމެރިކާގެ މިނިވަންދުވަހެވެ. އެމެރިކާގެ މިނިވަންކަމަށް 243 އަހަރު ފުރުމާ ގުޅިގެން ރައީސް ސޯލިހް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްއަށް އެޑްރެސްކޮށް ފޮނުވި ސިޓީއެއްގައި ވަނީ އެމެރިކާގެ ސަރުކާރަށާއި އަދި ރައްޔިތުންނަށް އެ ދުވަހުގެ ތަހުނިޔާ ވިދާޅުވެފައެވެ.

ރައީސް ވިދާޅުވީ އެމެރިކާގެ ބާނީ ތޯމަސް ޖެފްރަސަން މީގެ ދެ ގަރުނުކުރިން ވިދާޅުވި ވާހަކަތަކާ އެއްގޮތަށް އެ އަސާސުތަކުގެ މަތީގައި އެގައުމުން އަދިވެސ ހިފަހައްޓަމުންދާ ކަމަށެވެ.

ރައީސް ވިދާޅުވީ އެމެރިކާއިން މުޅި ދުނިޔޭގެ ހުރިހާ ގައުމެއްގެ ލޯތްބާއި އިހުތިރާމް ހޯދައިފައިވާ ކަމަށެވެ. އެމެރިކާއިން ބައިނަލްއަގުމާމީ ދުނިޔޭގައި އަދާކުރަމުންދާ ބިނާކުރަނިވި ރޯލަށް ތައުރީފްކުރައްވައި ރައީސް ސޯލިހް ވިދާޅުވީ ރާއްޖެއާ އެމެރިކާގެ ގުޅުމާމެދު ފަހުރުވެރިވާ ކަމަށެވެ.

ރައީސް ވިދާޅުވީ ރާއްޖެ ޑިމޮކްރެޓިކް ވެއްޓަކަށް ބަދަލުވަމުންދާއިރު އެމެރިކާގެ ތާރީހާއި ސަގާފަތުން އަޅުގަނޑުމެންވެސް އިބުރަތް ލިބިގަންނަން ޖެހޭ ކަމަށެެވެ.

ރައީސް ވިދާޅުވީ ކުރިއަށް އޮތް ތަނުގައި ރާއްޖެއާ އެމެރިކާގެ ގުޅުން ބަދަހިވާނެތަން ދެކެން ބޭނުންވެއްވާ ކަމަށާއި އަދި އެމެރިކާގެ ރައީސްއަށް ފުރިހަމަ ސިއްހަތަށް އެދި ދުއާ ކުރައްވާ ކަމަށެވެ.

comment ކޮމެންޓް