ބޮއިންގް ކުންފުނިން ބަދަލުގެ ގޮތުގައި 100 މިލިޔަން ޑޮަލަރު ދޭން ނިންމައިފި

ވޮޝިންޓަން (ޖުލައި 5) : އެމެރިކާގެ ބޮއިންގް ކުންފުނިން އުފައްދާ މެކްސް-8 މަރުކާގެ މަތިންދާބޯޓުތަކަށް ކުރިމަތިވަމުންދާ ފަންނީ މައްސަލަތަކާ ގުޅިގެން އޭގެ ބައެއް ބޯޓުތައް ވެއްޓުމުގެ ޙާދިސާތަކުގައި މަރުވި މީހުންގެ އާއިލާތަކަށް ބަދަލެއްގެ ގޮތުގައި 100 މިލިއަން ޑޮލަރު ދޭން އެ ކުންފުނިން ނިންމައިފި އެވެ.

މިމައްސާލާގައި ބަދަލުދިނުމަށް އެދި އެމީހުންގެ އާއިލާތަކުން ބޮއިންގް ކުންފުންޏާ ދެކޮޅަށް އުފުލާފައިވާ ދައުވާތަކަށް ރިއާޔަތް ކުރުމަށްފަހު އެކުންފުނިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މެކްސް-8 މަރުކާގެ މަތިންދާބޯޓުތައް ވެއްޓިފައިވަނީ ފަންނީ މައްސަލައަކާގުޅިގެންކަން ތަހްގީގްތަކުން ސާބިތުވެފައިވާތީ އެކަމުގެ ޒިންމާ އެކުންފުނިން އުފުލުމުގެ ގޮތުން އެޙާދިސާތަކުގެ ޝިކާރައަކަށްވި މީހުންގެ އާއިލާތަކަށް 100 މިލިއަން ޑޮލަރު ދޭން ނިންމީ ކަމުގައެވެ. މަރުވި މީހުންގެ އާއިލާތަކަށް މި އެހީގެ ސަބަބުން ކޮންވެސް ވަރެއްގެ ހިތް ހަމަޖެހުމެއް ލިބިގެންދާނެކަމަށް އުންމީދު ކުރާ ކަމަށް އެކުންފުނިން ނެރުނު ބަޔާނުގައިވެއެވެ.

ބޮއިންގް ކުންފުނިން އުފައްދާ މެކްސް-8 މަރުކާގެ މަތިންދާބޯޓުތަކުގައި ފަންނީ ބޮޑު މައްސަލައެއް އުޅޭކަން އެނގުނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގައި ވެއްޓުނު އިންޑޮނޭޝިޔާގެ ލަޔަން އެއާގެ މެކްސް-8 މަރުކާގެ ފްލައިޓެއް ޖާވާ ކަނޑަށް ވެއްޓުމުން އޭގެ ކަޅުފޮށި ހޯދައިގެން ކުރި ތަހްލީލްތަކާއި ތަހްގީގްތަކުންނެވެ. އެޙާދިސާގައި 189 މީހުން މަރުވެފައި ވެއެވެ.

އެއަށްފަހު މިދިޔަ މާޗްމަހު އިތިއޮޕިޔަން އެއާލައިންސްގެ މެކްސް-8 މަރުކާގެ ބޯޓެއް ވެއްޓިފައިވާއިރު އެ ހާދިސާގައި 157 މީހުން މަރުވެފައިވެއެވެ. މި ދެ ހާދިސާގައި ވެއްޓުނު މެކްސް- 8 މަރުކާގެ ދެ މަތިންދާބޯޓަށްވެސް ދިމާވީ އެއްބާވަތުގެ ފަންނީ މައްސަލަތަކެއްކަމަށް ބޮއިންގް ކުންފުނިންވަނީ އިއްތިރާފްވެފައެވެ.

އިތިއޮޕިޔަން އެއާލައިންސްގެ މަތިންދާބޯޓު ވެއްޓުމާއެކު ދުނިޔޭގެ ގައުމުތަކުގެ އެއާލައިންތަކުންވަނީ އެމަރުކާގެ ހުރިހާ މަތިންދާބޯޓުތަކެއް އުދުހުން މަނާކޮށް ބިންމަތިކޮށް ބަދަލުހޯދުމަށް ބޮއިންގް ކުންފުންޏާ ދެކޮޅަށް ދައުޥާކޮށްފައެވެ. މިމައްސަލައިގެ ތަހްގީގްތައްކުރާ ބޮއިންގް ކުންފުނީގެ އިންޖިނޭރުންވަނީ މެކްސް-8 މަރުކާގެ މަތިންދާބޯޓުތަކުން ފަންނީ އެހެން މައްސަލައެއްވެސް ހޯދާފައެވެ.

މިފޯލްޓްތަކާއެކު ބޮއިންގް ކުންފުނީގެ އުފެއްދުތަކުގެ ކޮލިޓީއާއި އޭގެ ފެންވަރާމެދު ވަނީ ބޮޑެތި ސުވާލުތަކެއް އުފެދިފައެވެ. ބޮއިންގް ކުންފުންޏަށް ދިމާވި މިމައްސަލައާގުޅިގެން ޔޫރަޕްގެ އެއާބަސް އާއި ރަޝިޔާއިން އުފައްދާ ސޮޚޯއި ސުޕާޖެޓް 100 ގެ ފަސިންޖަރު ޖެޓްތަކުގެ ޑިމާންޑްވަނީ ވަރަށް ބޮޑަށް މައްޗަށް ގޮސްފައެވެ.

މެކްސް-8 މަރުކާގެ ބޯޓުތައް ވެއްޓުމުގެ ސަބަބުން މަރުވި މީހުންގެ އާއިލާތަކުގެ ވަކީލުން ބުނެފައިވަނީ ބޮއިންގް ކުންފުނިން ބަދަލުގެ ގޮތުގައި ދިނުމަށް ނިންމި 100 މިލިއަން ޑޮލަރަކީ އެ އާއިލާތަކަށް ލިބުނު ގެއްލުމާ ގާތްކުރާ ވަރުގެވެސް އަދަދެއް ނޫންކަމަށާ ނަމަވެސް މިއީ ކުށަށް އިއްތިރާފްވެ ބޮއިންގް ގެ އިސްވެރިން ޒިންމާވާންޖެހޭކަން އެމީހުން ގަބޫލުކުރުންކަމަށް ބެލެވޭނީ އާއިލާތަކަށް ހިތްހަމަޖެހުމެއް ލިބޭނެ ކަމުގައެވެ. (ނޫސްއެޖެންސީތައް)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު