ހޮނިހިރު ބާޒާރު ހުއްޓާނުލައި ކުރިއަށްގެންދަން ނިންމައިފި

ކުޅުދުއްފުށީގައި ކޮންމެ ހޮނިހިރު ދުވަހަކު ކުރިއަށްދާ "ހޮނިހިރު ބާޒާރު" -- ސަން ފޮޓޯ/ ނަޖާހު މަސްއޫދު

ހދ. ކުޅުދުއްފުށީގައި ކޮންމެ ހޮނިހިރު ދުވަހަކު ބާއްވާ ހޮނިހިރު ބާޒާރު ހުއްޓާ ނުލައި ކުރިއަށް ގެންދަން އެ ރަށު ކައުންސިލުން ނިންމައިފިއެވެ.

ކުޅުދުއްފުށީ ކައުންސިލުން މިދިޔަ މަހުގެ 24 ވަނަ ދުވަހު ނެރުނު އިއުލާނެއްގައި ވާ ގޮތުން ހޮނިހިރު ބާޒާރު މި މަހުގެ ހަތްވަނަ ދުވަހުގެ ފަހުން ހުއްޓާލަން ޖެހޭނެ އެވެ.

"ކުޅުދުއްފުށީ ލޯކަލް މާރުކޭޓުގެ ހިދުމަތް މިހާރު ފެށިފައި ވާތީ ހޮނިހިރު ދުވަހު ދަތުރުވެރިންނާއި އާންމުން ތަކެތި ވިއްކަން އޮންނަ ވަނި އިމާރާތުގެ ދެކުނުން އޮންނަ ހުސް ބިމުގައި 7 ޖުލައި 2019 އިން ފެށިގެން ތަކެތި ވިއްކަން ތިބުމަކީ މަނާ ކަމެކެވެ،" އެ ރަށު ކައުންސިލުގެ އިއުލާނުގައި ވެއެވެ.

އެކަމަކު ހޮނިހިރު ބާޒާރު ހުއްޓާ ނުލައި ކުރިއަށް ގެންދަން މިހާރު ކައުންސިލުން ނިންމާފައިވާ ކަމަށް ކައުންސިލުގެ ރައީސް ހަސަން އަބްދުއްލަތީފު މިއަދު ވަނީ "ސަން"އަށް ވިދާޅުވެފައެވެ. އެގޮތަށް ކައުންސިލުން ނިންމީ ކައުންސިލުގެ ބައްދަލުވުމެއްގައި މެމްބަރުންގެ އަގުލަބިއްޔަތުންނެވެ.

ކުޅުދުއްފުށީގައި ކޮންމެ ހޮނިހިރު ދުވަހަކު ކުރިއަށްދާ "ހޮނިހިރު ބާޒާރު" -- ސަން ފޮޓޯ/ ނަޖާހު މަސްއޫދު

އަބްދުއްލަތީފު ވިދާޅުވީ، އެކަމުގައި ދެވަނަ ވިސްނުމަކަށް ދިޔައީ ގިނަ އަދަދެއްގެ މީހުން ހޮނިހިރު ބާޒާރު ހުއްޓާނުލަން އެދުމުންނާއި، ސަރުކާރުގެ އިސް ފަރާތްތަކުންވެސް އެކަން ހުއްޓާ ނުލުމަށް ކައުންސިލުގެ ކިބައިން އެދުމުން ކަމަށެވެ.

ހޮނިހިރު ބާޒާރު ހުއްޓާލަން ޖެހޭ ގޮތަށް ކައުންސިލުން ފުރަތަމަ އިއުލާނު ކުރީ، ރަށުގައި އަލަށް ހެދި ލޯކަލް މާރުކޭޓުން ގޮޅި ނެގި ފަރާތްތައް ކައުންސިލަށް ޝަކުވާ ހުށަހެޅުމުންނެވެ. އެ މީހުންގެ ޝަކުވާއަކަށްވީ ހޮނިހިރު ބާޒާރުގައި މާ އަގުހެޔޮކޮށް އެއްޗެހި ވިއްކޭނެ ކަމެވެ.

https://sun.mv/120984

އަބްދުއްލަތީފު ވިދާޅުވީ، ލޯކަލް މާރުކޭޓު ކުރިއަށްދާނެ ގޮތަކަށް އަދި އެއާ އެކު ހޮނިހިރު ބާޒާރު ހުއްޓާ ނުލައި ކުރިއަށް ދާނެ ގޮތަކަށް ކަންތައްތައް އިންތިޒާމު ކުރުމަށް ސަރުކާރުގެ އިސް ފަރާތްތަކުން އެދިފައިވާ ކަމަށެވެ.

ކުޅުދުއްފުށީގައި ކޮންމެ ހޮނިހިރު ދުވަހަކު ކުރިއަށްދާ "ހޮނިހިރު ބާޒާރު" -- ސަން ފޮޓޯ/ ނަޖާހު މަސްއޫދު

ހޮނިހިރު ބާޒާރު ކުރުކޮށް

  • އެންމެ ފުރަތަމަ ފެށިގެން އައީ ކުޅުފުއްފުށީ ބަނދަރު ސަރަހައްދުގައި
  • ހޮނިހިރު ބާޒާރު ކުރިއަށްދާތާ މިހާރު ވިއްސަކަށް އަހަރު ވެދާނެ
  • ނޮޅިވަރަމް، ނޮޅިވަރަންފަރު، ހަނިމާދޫ، ކުމުންދޫ އަދި ނޭކުރެންދޫ ފަދަ ރަށްތަކުން ވިޔަފާރިވެރިން އާދޭ
  • އެކަން ފުޅާވެގެން ދިޔައީ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ފެށި ދަތުރުފަތުރުގެ ނިޒާމާއެކު
  • ބަނދަރު ސަރަހައްދުގެ ބިން ހިއްކުމުން، ހޮނިހިރު ބާޒާރު ރަށު ތެރެއަށް ބަދަލުވި
  • އެފަހުން ބާޒާރު ކުރިއަށް ދަނީ ކުޅުދުއްފުށީ ހޮސްޕިޓަލު ކައިރީގައި ހުންނަ ގަސްތަކެއްގެ ހިޔަލުގައި
comment ކޮމެންޓް