ރާއްޖެއާ ސްރީލަންކާއާ ދެމެދު ކުރާ ވައިގެ ދަތުރުފަތުރުގެ ޓިކެޓުގެ އަގު ވަރަށް އަވަހަށް ހެޔޮވެގެން ދާނެކަމަށް ސްރީލަންކަން އެއާލައިންސްއިން ބުނެފިއެވެ.
ރާއްޖެއާ ސްރީލަންކާއާ ދެމެދު އެންމެ ގިނަ ފްލައިޓު ބާއްވާ އެއާލައިނަކީ ސްރީލަންކަން އެއާލައިންސްއެވެ. ރާއްޖޭގައި ސްރީލަންކަންގެ ޖެނެރަލް ސޭލްސް އޭޖެންޓުކަން ކުރަނީ އޭސް އޭވިއޭޝަންއިންނެވެ.
ލަންކާއަށް ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން އެގައުމަށް ދަތުރުކުރާ މީހުން ވަރަށް ބޮޑަށް މަދުވެފައިވާތީ އެގައުމުގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ މިއަދު ވަނީ ސްރީލަންކައިން އެއާލައިންސްއިން ކުރާ ދަތުރުތަކުގެ އަގުހެޔޮކުރުމަށް އަންގަވައިފައެވެ.
ލަންކާގެ ޑެއިލީނިއުސް ނޫހުން ރިޕޯޓުކުރާ ގޮތުގައި، މި ކަމާ ގުޅޭ ކަރުދާހެއް ކެބިނެޓަށް ހުށަހެޅުއްވުމަށް ބޮޑުވަޒީރު ގެންދަވަނީ ތައްޔާރުވެލައްވަމުންނެވެ.
އެ ނޫހުން ރިޕޯޓުކުރި ގޮތުގައި ޓިކެޓުގެ އަގުތައް ހެޔޮކުރާނީ އެ އެއާލައިނުގެ ގްރައުންޑް ހެންޑްލިން ޗާޖާއި ފިއުލް ޗާޖު ކުޑަކުރީމައެވެ. އަދި އެމްބާކޭޝަން ޓެކްސްގެ ގޮތުގައި ނަގާ ފީވެސް ކުޑަކުރުމަށް ވަނީ ނިންމާފައެވެ.
އޭސް އޭވިއޭޝަންގެ މެނޭޖިންގް ޑިރެކްޓަރު މުހައްމަދު ފިރާގު (އިނާ މޯލްޑިވްސް ފިރާގު) މިއަދު ވިދާޅުވީ ލަންކާގެ ބޮޑުވަޒީރުގެ މި އެންގެވުމާއެކު ސްރީލަންކަން އެއާލައިންސްއިން ޓިކެޓުގެ އަގުތައް ހެޔޮކުރާ އިރު ރާއްޖެއަށް ކުރާ ދަތުރުތަކުގެ އަގުވެސް ހެޔޮވާނެ ކަމަށެވެ. އަދި މި ބަދަލު ވަރަށް އަވަހަށް ފެންނާނެކަމަށް ވިދާޅުވިއެވެ.
ކޮލޮމްބޯއާ މާލެއާ ދެމެދު ކުރާ ދަތުރުތަކުގެ ދެކޮޅު ޓިކެޓުގެ އަގު އުޅެނީ ގާތްގަނޑަކަށް 240 - 280 ޑޮލަރާ ދެމެދުގައެވެ.
ފިރާގު ވިދާޅުވީ ލަންކާއަށް ދިން ހަމަލާތަކަށްފަހު ރާއްޖެއިންވެސް ލަންކާއަށް ދާ މީހުންގެ އަދަދު ވަރަށް ބޮޑަށް ދަށްވެފައިވާ ކަމަށެވެ.
ލަންކާއަކީ އާންމުކޮށް ބޭސްފަރުވާ އަށާއި އަދި ޗުއްޓީ ހޭދަކޮށްލުމަށް ދިވެހިން ދަތުރުކުރާ މަންޒިލެެކެވެ. އަދި އޭގެ އިތުުރުން ލަންކާގައި ރާއްޖޭގެ 15000 އެއްހާ ދިވެހިން ދިރިއުޅެމުން ދެއެވެ.
ސްރީލަންކަން އެއާލައިންސްއިން ކޮލޮމްބޯއާއި މާލެ، އަދި ކޮލޮމްބޯއާ ގަމާ ދެމެދު ސީދާ ދަތުރުތައް ކުރެއެވެ.